Roadha Mihaaru

ސީއެސްސީ ހަތަރު މެމްބަރުން ވަކިކުރުމާ މެދު މާދަމާ މަޖިލީހުން ގޮތެއް ނިންމަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ސީއެސްސީ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މާދަމާ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

12 ޖުލައި 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމާއިި ނައިބުު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިން އާއި އިބްރާހިމް ޝަހީގު ވަކިިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިދިޔަ މަހު އޮތީ ނިންމައި، ތަޅުމަށް ފޮނުވައިފަ އެވެ.

އެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައި ވާއިރު، މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.

ކުރީގެ ސަރުކާރުގައި ސީއެސްސީއަށް އައްޔަން ކުރެއްވި ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީން ނިންމައި، ކުރިން ވެސް ތަޅުމަށް ފޮނުވި އެވެ. އެކަމަކު އޭރު ކޮމެޓީން އެގޮތަށް ނިންމީ މަދު މެމްބަރުންތަކެއް ހާޒިރުވި ބައްދަލުވުމެއްގައި ކަމަށްވާތީ އެ މައްސަލަ އަނބުރާ ކޮމެޓީއަށް އޮތީ ފޮނުވާލައިފަ އެވެ.

ސީއެސްސީގެ ހަތަރު މެމްބަރުންގެ އިތުރުން މި ސަރުކާރުގައި 2018 ވަނަ އަހަރު އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ކޮމެޓީން ފާހެއް ނުވި އެވެ.