Roadha Mihaaru

ސީއެސްސީއަށް އައްޔަންކުރަން ކޮމެޓީން ރުހުން ދިން ދެ ބޭފުޅަކު ޑިސްކޮލިފައި ކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ރުހުން ދީފައިވާ ބޭފުޅުންގެ ތެރެއިން މަރިޔަމް މުނާ އާއި އަހުމަދު މޫސާގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ސީއެސްސީއަށް ރުހުން ދިން ދެ ބޭފުޅަކު ޑިސްކޮލިފައިކުރަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 އޯގަސްޓް 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ރުހުން ދީފައިވާ ބޭފުޅުންގެ ތެރެއިން މަރިޔަމް މުނާ އާއި އަހުމަދު މޫސާގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ސީއެސްސީ އިން ހުސްވެފައިވާ މެމްބަރު ކަމުގެ ހަތަރު މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން 15 ބޭފުޅަކަށް ރުހުން ދޭން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ކުރިން ނިންމި އެވެ. އެއީ މ. ބާރަނާގޭ، މަރިޔަމް މުނާ އާއި ގދ. ތިނަދޫ ފުސްތުޅާގޭ، މުހައްމަދު ޝަރީފާއި ރ. މީދޫ ބްލެކް، އިބްރާހިމް ރަޝީދާއި ހ. ނޫރާނީފެހި، މުނާ މުހައްމަދާއި ގ. ބްލޫވޭވް، އަޖުވަދު އަލީ އާއި ހ. ޓޫހާޓް، މުހައްމަދު ފަރުސަތާއި މއ. ވިލާރޮދި، އައިޝަތު ޝާހީނާއި މ. ފުންފިނި، މުހައްމަދު ނަސީރާއި ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފާއި ހ. އަމްސާވިލާ، އަހުމަދު މޫސާގެ އިތުރުން ގ. ވެގާ، ފާތިމަތު ރިފާހަތު ރިފްއަތާއި މ. ފަލްކަންގެ، އަހުމަދު ނާސިހާއި ގ. ޖަނަވަރީމާގޭ ރަޝީދާ އަލީ އާއި ސ. މީދޫ ފްލާވާމީޑް، ޝުހުދާ ރިޝްވާން އަދި މ. ފޮސީތިއާ، މަރިޔަމް ޝެނީނެވެ.

މަރިޔަމް މުނާ އާއި އަހުމަދު މޫސާ އަށް ރުހުން ދޭން ކޮމެޓީން ނިންމައި، ތަޅުމަށް ފޮނުވުމަށް ފަހު، ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން މިއަދު ނިންމީ މާސްޓާސް ހާސިލް ކުރައްވާފައި ވިޔަސް، ސީއެސްސީގެ ގާނޫނުގައި ބުނާ ފަދައިން އެ ބޭފުޅުން ޑިގްރީއެއް ހާސިލް ކުރައްވާފައި ނެތުމުންނެވެ.

އެ ދެ ބޭފުޅުންގެ ތައުލީމީ ޝަރުތާ ބެހޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ލަފައަކަށް މަޖިލީހުން އެދުމުން އެ މިނިސްޓްރީން ލަފާ ދިނީ މާސްޓާސް ޑިގްރީ ހާސިލް ކުރިޔަސް، ފުރަތަމަ ޑިގްރީ އޮތް ކަމަކަށް ނުބެލެވޭނެ ކަމަށެވެ. ކޮމެޓީން ކުރީގެ ނިންމުން ނިންމީ މިނިސްޓްރީގެ ލަފާ ލިބުމުގެ ކުރިންނެވެ.

އެ ދެ ބޭފުޅުން މާސްޓާސް ހާސިލް ކޮށްފައިވާތީ ކޮމެޓީގެ މެމްބަރުންގެ މެދުގައި ޝަރުތާ ބެހޭގޮތުން ޚިޔާލު ތަފާތުވި އެވެ. ބައެއް މެމްބަރުން ވިދާޅުވީ ގާނޫނު އޮތްގޮތުން ލާޒިމްވަނީ ޑިގްރީ ފެންވަރަށް ތައުލީމީ ފެންވަރު ހުރުން ކަމަށާއި ޑިގްރީއެއް އޮތުން ކޮންމެހެން ލާޒިމްނުވާ ކަމަށެވެ. އެހެންވެ، ޑިގްރީއަށް ވުރެ މަތީ ފާހެއް އޮތުމުން އެ ބޭފުޅުންގެ ޝަރުތު ހަމަވީ ކަމަށް ބެލެވިދާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

އަނެއް ބައި މެމްބަރުން ވިދާޅުވީ ގާނޫނު އޮތްގޮތުން ޑިގްރީއެއް އޮތުން ލާޒިމްވާ ކަމަށާއި އެ ނޫން ގޮތަކަށް މަޖިލީހަށް ނުނިންމޭނެ ކަމަށެވެ. މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމުން ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފާ ވެސް ކޮމެޓީން ހޯދި އެވެ.

ފިލްޒާ ލަފާ ދެއްވީ ޑިގްރީއަށް ވުރެ މަތީ ފާހެއް އޮންނަ މީހުން އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ. އޭނާ ވެސް ވިދާޅުވީ ގާނޫނު އޮތްގޮތުން ޑިގްރީއެއް އޮތުން ކޮންމެހެން ލާޒިމްނުވާ ކަމަށާއި ގާނޫނު ލާޒިމް ކުރަނީ ޑިގްރީ ފެންވަރަށް ތައުލީމް ހާސިލް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާސްޓާސް ނުވަތަ ޕީއެޗްޑީ ހާސިލް ކޮށްފައިވާ މީހުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ނަމަ، ޝަރުތު ހަމަވީ ކަމަށް ބެލެވިދާނެ ކަމަށް ވިދާޅުވި އެވެ.

މެމްބަރުންގެ މެދުގައި ބަހުސް ކުރުމަށް ކޮމެޓީން ނިންމީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ ދެ ބޭފުޅުން ޑިގްރީ ހާސިލް ކޮށްފައިވާ ނުވާ ކަމަށް ބުނެފައިވާތީ އެ މިނިސްޓްރީގެ ލަފައާ އެއްގޮތަށް އަމަލު ކުރުމަށެވެ. އެހެންވެ، ރުހުން ދިން ބޭފުޅުންގެ ލިސްޓުން މުނާ އާއި އަހުމަދު މޫސާގެ ނަން އުނިކުރާނެ ކަމަށް ބެލެވެ އެވެ. އެ ހުށަހެޅުމަށް ހަތަރު މެމްބަރަކު ވޯޓު ދިންއިރު، ތިން މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓު ދެއްވި އެވެ.