Roadha Mihaaru
ވަހީދުގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށްލައިފި

ކުރީގެ ރައީސް ވަހީދުގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށްލައިފި

14 ޖޫން 2020

ކުރީގެ ރައީސް މުހައްމަދު ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، މީހަކު ދިމާކޮށް، ހުތުރު އެއްޗެހި ގޮވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް މުހައްމަދު ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، މީހަކު ދިމާކޮށް، ހުތުރު އެއްޗެހި ގޮވައިފި އެވެ.

ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނބިކަނބަލުންނާ އެކު ކަސްރަތުގައި އުޅުއްވަނިކޮށް އުސްފަސްގަނޑު ކައިރިން އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ގޮވީ އެމްޑީޕީގެ އެކްޓިވިސްޓަކު ކަމަށެވެ. އެ ތަން އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންނަށް ވެސް ފެންނާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދުގެ ޓުވީޓް

ވަހީދު ވަނީ އެ މަނިކުފާނާ ދިމާކުރި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސޭ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި ފުލުހުން ޓެގްކޮށް ޓުވީޓު ކުރައްވައިފަ އެވެ.

ވަހީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔަމުން، އެކްޓިވިސްޓު އޭނާގެ ފަހަތުގައި އުޅުނެވެ. ކަސްރަތު ނިންމަވާފައި ގެ އަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު އަނބިކަނބަލުންނާ ވެސް ދިމާކޮށް، ހުތުރު އެއްޗެހި ކިޔަމުން ފަހަތުން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަން ވަހީދުގެ އަރިހުގައި ތިބި އެމްއެންޑީއެފްގެ ސެކިއުރިޓީން ފުލުހުންނަށް ވެސް އެންގި ކަމަށް ވިދާޅުވި އެވެ.

"ނަސީބަކުން އަޅުގަނޑު ގަޔަކު އަތެއް ނުލައި. ހުތުރު އެއްޗެހި ކިޔަމުން ފަހަތުން އުޅުނީ،" ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަހީދު ވިދާޅުވި އެވެ.

ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވިއިރު، އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ވަހީދު ފަހުން ރައީސްކަމާ ހަވާލުވެވަޑައިގަތުން އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން އަދިވެސް އަމާޒުވެފައި ވެ އެވެ.

ފެބްރުއަރީ 7، 2012 ން ނޮވެމްބަރު 17، 2013 އާ ހަމައަށް ވެރިކަން ކުރެއްވި ރާއްޖޭގެ ފަސްވަނަ ރައީސް ވަހީދު ދެކެ އެމްޑީޕީގެ މެމްބަރުން އެންމެ ބޮޑަށް ހިތްހަމަނުޖެހޭ އެއް ސަބަބަކީ ނަޝީދާ އެކު އިސްތިއުފާ ނުދެއްވުމެވެ.