Roadha Mihaaru
ވަހީދުގެ ދެކަނބަލުންނާ ދިމާކުރި މައްސަލަ ބަލަނީ

ވަހީދުގެ ދެކަނބަލުންނާ ދިމާކުރި މައްސަލަ ފުލުހުން ބަލަނީ

14 ޖޫން 2020

ކުރީގެ ރައީސް ޑރ. މުހަައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނާ މީހަކު މަގުމަތިން ދިމާކޮށް، ހުތުރު ބަހުން މުއާމަލާތުކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް ޑރ. މުހަައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނާ މީހަކު މަގުމަތިން ދިމާކޮށް، ހުތުރު ބަހުން މުއާމަލާތުކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ކަސްރަތު ކުރެއްވުމަށް އުސްފަސްގަނޑު ސަރަހައްދުގައި އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު ބަހުން އެއްޗެހި ގޮވި ކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި އޭރު އެމަނިކުފާނާ އެކު ތިބި އެމްއެންޑީއެފްގެ ސެކިއުރިޓީން އެކަން ފުލުހުންނަށް އެންގި ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން ބުނީ ވަހީދަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި، ފުރައްސާރަކުރި މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މީހުންނާ މެދު ނަފްރަތު އުފެއްދުމަކީ އިޖްތިމާއީ މިންގަނޑުތައް ހަލާކުވެ، ބައިބައިވެގެންދާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓާލަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގަތީ އެހާތަނަށް ނަޝީދުގެ ނައިބަކަށް ހުންނެވި ވަހީދެވެ. އެހެންވެ، އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން ވަހީދަށް ވަނީ އަމާޒުވެފަ އެވެ.