Roadha Mihaaru
ޖައުފަރަކީ ބަލި މީހެއް، މައްސަލަ ބަލަން ބޭނުމެއް ނޫން

ޖައުފަރުގެ ބަލި ހާލަތު އެނގުމުން އެ މައްސަލަ ކުރިއަށް ނުގެންދަވަން ވަހީދު އެދިވަޑައިގެންފި

16 ޖޫން 2020

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދެކަނބަލުންނަށް މަގުމަތިން ފުރައްސާރަކުރި އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ޖައުފަރު (ޖޯރޭ)ގެ މައްސަލަ ނުބެލުމަށް ވަހީދު މިއަދު އެދިވަޑައިގެންފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދެކަނބަލުންނަށް މަގުމަތިން ފުރައްސާރަކުރި އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ޖައުފަރު (ޖޯރޭ)ގެ މައްސަލަ ނުބެލުމަށް ވަހީދު މިއަދު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖައުފަރަކީ ޖިސްމާނީ އަދި ނަފްސާނީ ބަލި ހުންނަ މީހެއްކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

ޖައުފަރަށް މި ހާލަތު ދިމާވެފައި ވަނީ ސިޔާސީ ހަމަނުޖެހުންތަކުގައި ލިބިފައިވާ އެކި ކަހަލަ އަނިޔާ އިން ކަމަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެ، ސިޔާސީ ބޭނުމުގައި އަމިއްލަ ފައިދާ އަށް "ރާޒުވާ ގޮނޑީގެ މަނައެއްހެން" ޖައުފަރު ގެންގުޅެފައިވާ ކަމުގެ ތުހުމަތު ވަހީދު ކުރެއްވި އެވެ.

ޖައުފަރަކީ އެމްޑީޕީން ބާއްވާ އެއްވުންތަކުގައި އިސްކޮށް އުޅޭ އެކްޓިވިސްޓެކެވެ. ބައެއް ފަހަރު ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެ އެވެ.

ވަހީދު ވަނީ ޖައުފަރުގެ ބަލި ހާލަތަށް ބަލައި، އެ މަނިކުފާނާއި އަނބިކަނބަލުންނާ މަގުމަތިން ދިމާކޮށް، ހުތުރު އެެއްޗެހި ކިޔާފައިވާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފަ އެެވެ.

ކުރީގެ ރައީސް ވަހީދުގެ ޓުވީޓް

މިދިޔަ އާދީއްތަ ދުވަހު ހެނދުނު ވަހީދާއި އަނބިކަނބަލުން އުސްފަސްގަނޑަށް ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ދިމާވި މި ހާދިސާގެ ވާހަކަ އެ މަނިކުފާނު ތިލަ ކުރެއްވި ހިސާބުން މިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަހީދާ ދިމާލަށް ހުތުރު ބަހުން މުހާތަބުކޮށް އެތައް އެއްޗެއް ކިޔާފައި ވެ އެވެ.

މީގެ އިތުރަށް އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް މިކަމުގައި ބައިވެރިވެ 2012 ވަނަ އަހަރު ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކަތައް ދައްކާފައި ވެ އެވެ. މަޖިލީހުގައި ވެސް މިކަމުގެ ކުއްލި މައްސަލައެއް ވައްދައި ބަހުސް ވެސް ކުރިއަށް ގެންދިޔަ އެވެ.