Roadha Mihaaru
ޒުވާބަށް ފަހު، ޒަހާ ހާޒިރުކުރާކަށް ފާހެއް ނުވި

ޒަހާ ހާޒިރުކުރަނީ ޖާބިރުގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ވިދާޅުވުމުން ހޫނުވެއްޖެ

07 ޖުލައި 2020

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ހާޒިރުކުރަން އެދިވަޑައިގެން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމާ ގުޅިގެން، އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާ ދެ ބޭފުޅުން މިއަދު އަރައިރުން ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ހާޒިރުކުރަން އެދިވަޑައިގެން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމާ ގުޅިގެން، އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާ ދެ ބޭފުޅުން މިއަދު އަރައިރުން ވެއްޖެ އެވެ.

އެކަމަކު، އެ ޒުވާބަށް ފަހު ވޯޓަށް އެހުމުން، އެ ކޮމިޓީ އަށް ޒަހާ ހާޒިރުކުރާކަށް ފާހެއް ވެސް ނުވި އެވެ.

އެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަން ކުރައްވާ ޒަހާ، މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށާއި އެހެންވެ، އޭނާ ކޮމިޓީ އަށް ހާޒިރު ކުރުމަށާއި އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އެދޭ ކަަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީއެކެވެ.

ޖާބިރު، އެ ސިޓީ ކޮމިޓީ އަށް ހުށަހެޅުއްވުމުން ފަލާހު ވިދާޅުވީ މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއް ހަމަނުޖެހުމުން މިނިސްޓަރު ހާޒިރުކުރަން ހުށަހެޅުއްވުމަކީ ރަނގަޅު ކަމެއް ނޫން ކަަމަށެވެ.

"އަޅުގަނޑުމެންގެ ކޮމިޓީ، އެއްވެސް މެމްބަރަކު ބޭނުން ކުރައްވައިގެން ނުވާނެ އަމިއްލަ ވިޔަފާރި އާއި އަމިއްލަ މަސްލަހަތު ހުރި ކަންތައްތަކުގައި އެ ކަމެއް ނުވީމާ މިނިސްޓަރަކު ޖަވާބުދާރީ ކުރުވަން ގެނައުމަށް. އަޅުގަނޑު ދެކޭގޮތުގައި އެއީ އެހާ ރަނގަޅުކަމެއް ނޫން،" އެމްޑީޕީގެ މެމްބަރު ފަލާހު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު. ޖާބިރު އެދިވަޑައިގެންނެވީ ޒަހާ ހާރިޒުކުރަން

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު. ޖާބިރު އެދިވަޑައިގެންނެވީ ޒަހާ ހާރިޒުކުރަން

އޭނާ އެހެން ވިދާޅުވީ، ސްކޫބާ ޑައިވް ކުރާއިރު ޑިކޮމްޕްރެސް ނުކޮށް މައްޗަށް އެރުމުން ދިމާވާ މައްސަލަ ރަނގަޅު ކުރަން މީހުންނަށް ފަަރުވާދޭ ޗެމްބަރެއް ހަދަން ހުށަހެޅުއްވުމުން އެ ކަމަށް ހުއްދަ ނުދިން ވާހަކަ ޖާބިރު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވަ އެވެ.

އެހިސާބުން ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން، ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު ވިދާޅުވީ މިނިސްޓަރު ހާޒިރުކުރަން ހުށަހެޅުމުގައި ޒާތީ އެއްވެސް މަސްލަހަތެއް ނެތް ކަމަށެެވެ. މިނިސްޓަރު ހާޒިރުކޮށް، ސުވާލުކުރަން އެދިވަޑައިގަންނަވަނީ ދުސްތޫރީ ޒިންމާ އަދާނުކުރައްވާތީ އެހެންވެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ހިނގައި ދިޔަ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ދަންނަވައިލެވުނީ،" ޗެމްބަރު އަޅަން ހުއްދަ ނުދިން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ދިފާއު ކުރައްވައި ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ހުށަހެޅުއްވި ގޮތަށް، ކޮމިޓީ އަށް ޒަހާ ހާޒިރުކުރަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި މަޑުވައްވަރި ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު ތާއީދުކުރެއްވި އެވެ.

އެކަމަކު، އާދަމް ޝަރީފު ވިދާޅުވީ މިނިސްޓަރު ކޮމިޓީ އަށް ހާޒިރުކުރާ ނަމަ، ކުރާނެ ވަކި ސުވާލުތަކެއް އޮތުން މުހިއްމު ކަަމަށެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވިދާޅުވީ ވަކި ސުވާލުތަކެއް ހުންނަން ޖެހޭނެ ކަމަށެވެ.

ކޮމިޓީގެ މުގައްރިރު ފަލާހު ވެސް އެ ދެ ބޭފުޅުންގެ ވާހަކަތަކަށް ބާރު ދެއްވި އެވެ.

ޒަހާ، ކޮމިޓީ އަށް ހާޒިރުކުރަން ޖާބިރު ބޭނުންވާ ސަބަބެއް ކަމަށް ފަލާހު ވިދާޅުވީ، ހުވަދު އަތޮޅުގެ ފަޅުރަށެއްގައި ޗެމްބަރެއް ހަދަން ހުށަހެޅުއްވުމުން، އެފަދަ ރަށެއްގައި އެކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އެންގެވުމުން ކަމަށެވެ.

ފަލާހުގެ އެ ވާހަކައާ ދެކޮޅު ހައްދަވައި ޖާބިރު ކޮމިޓީގައި އަޑުގަދަ ކުރެއްވި އެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ޒަހާ ހާޒިރުކުރަން ހުށަހެޅުއްވީ އެ މައްސަލައާ ގުޅިގެން ނޫން ކަމަށާއި ސިޓީގައި ނެތް ވާހަަކައެއް ފަލާހަށް ވެސް އެ ގޮތަށް ވިދާޅު ނުވެވޭނެ ކަމަށެވެ. އެކަމަކު، ފަލާހު ވެސް ގޮތްދޫނުކުރައްވައި އޭނާގެ ވާހަކަ ކުރިއަށް ގެންދެވި އެވެ.

ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ކޮމިޓީ އަށް މިނިސްޓަރަކު ހާޒިރު ކުރަން ހުށަހެޅުމުން، އެކަން ކުރެވޭނެ އިންތިޒާމެއް އޮންނަން ޖެހޭނެ ކަމަށެވެ.

ފަލާހު ވިދާޅުވީ، ޒަހާ ހާޒިރުކުރަން ޖާބިރު އެދިވަޑައިގަތީ ޒާތީ ކަމެއްގައި ކަން ކަނޑައެޅިގެން އެނގޭ ކަމަށެވެ.