Roadha Mihaaru
ޝަކުވާތަކާއި ހިޔާލަށް މަރުހަބާ ކިޔަން: ދިރާގު

ކަސްޓަމަރުންގެ ޝަކުވާތަކާއި ހިޔާލަށް އަބަދުވެސް މަރުހަބާ ކިޔަން: ދިރާގު

24 އޯގަސްޓް 2020

ކަސްޓަމަރުންގެ ޝަކުވާތަކާއި ހިޔާލާއި މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކަސްޓަމަރުންގެ ޝަކުވާތަކާއި ހިޔާލާއި މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، އާންމު ތަންތަނުގައި މާސްކު އެޅުން ސަރުކާރުން މަޖުބޫރު ކޮށްފައި ވިޔަސް އެ އަށް ތަބާނުވެ، ގަދަކަމުން ދިރާގުގެ ހެޑް އޮފީހަށް ވަންނަން މަސައްކަތް ކުރި މީހަކު ފުލުހުން ހައްޔަރު ކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ފުލުހުން މިރޭ ބުނީ އުމުރުން 28 އަހަރުގެ އެ އަންހެންމީހާ އަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މީހާގެ މައްސަލަ އެތައް ބައެއްގެ ސަމާލުކަމަށް އައުމާ ގުޅިގެން ދިރާގުން ނެރުނު ބަޔާނުގައި ބުނީ، އެ ކުންފުނީގެ ހެޑް އޮފީހަށް ފުލުހުން ދިޔައީ ނުވަތަ އެ މައްސަލަ އަށް ފުލުހުން އެޓެންޑުވީ، އާއްމު އުސޫލުން ޕެޓްރޯލް ކުރުމުގެ ތެރޭގައި ކަމަށެވެ. އެ މީހާއާ ގުޅޭ ގޮތުން ދިރާގުން ފުލުހުންނަށް ރިޕޯޓު ކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އާއްމުކުރި ކުރު ބަޔާނެއްގައި ބުނީ، ފުލުހުން އެ މީހާ ހިފެހެއްޓީ މާސްކު ނާޅައި ހުރިކަން ފާހަގަކުރެވިގެން ކަމަށް އެނގިފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން އޭރު އުޅުނީ އާއްމުކޮށް ޕެޓްރޯލް ކުރުމުގައި ކަން އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ޔަގީން ކޮށްދޭން ބޭނުންވަނީ ކަސްޓަމަރުންގެ ފީޑްބެކް އަދި ޝަކުވާ އަށް އަބަދުވެސް މަރުހަބާ ކިޔާ ކަމެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުން އަބަދުވެސް އަަމަލު ކުރުމަކީ އަޅުގަނޑުމެންގެ އިޚުލާސްތެރި އެދުމެކެވެ،" ދިރާގުގެ ބަޔާނުގައި ވެ އެވެ.

"އިޖުތިމާއީ ގައިދުރުކަން ބަހައްޓަވާށެވެ. ގެއިން ނުކުންނަވާއިރުގައި އަދި އަޅުގަނޑުމެންގެ ކަސްޓަމާ ސާވިސް ސެންޓަރުތަކަށް ޒިޔާރަތް ކުރައްވާ އިރު މާސްކު އަޅުއްވާށެވެ."

ފުލުހުން ބުނީ، އެ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާސްކު ނާޅައި، ދިރާގުގެ މައި އޮފީހަށް ވަންނަން އުޅެ، އަޑުގަދަކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުން ކަމަށެވެ. އެކަމަކު އަޑުގަދަކުރުން ފިޔަވައި ހަމަނުޖެހުން ހިންގަން ކުރީ ކޮން ކަމެއްކަން ފުލުހުންނެއް ނުބުނެ އެވެ.

އެ އަންހެންމީހާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ދިރާގުގެ އޮފީހަށް ދިޔައީ، އޭނާ ނެގި ޑޭޓާ ޕެކޭޖެއް ބޭނުން ކުރަން ނުލިބި މާ އަވަހަށް ހުސްވުމުންނެވެ. އެގޮތުން، 10 ޖީބީ ޑޭޓާ އަޅައިގެން 48 ގަޑިއިރުގެ ތެރޭގައި ހުސްވި ކަމަށާއި ބޭނުންކުރީ އެންމެ 10 މިނެޓް ކަމަށް ސޯޝަލް މީޑިއާގައި އެ މީހާ ބުނެފައިވެ އެެވެ.

އެކަމަކު އޭނާ އެ ދެއްކި ވާހަކައަކީ ތެދެއްކަން ނުވަތަ ނޫންކަން ކަށަވަރެއް ނުކުރެވެ އެވެ. އެ މީހާގެ އެ ޝަކުވާއާ ގުޅޭ ގޮތުން ވެސް ދިރާގުގެ ބަޔާނުގައި ވަކި އެއްޗެއް ބުނެފައެއް ނެތެވެ.