Roadha Mihaaru
މާސްކުނާޅާތީ ދޮޅު މިލިއަން ރުފިޔާގެ ޖޫރިމަނާ

މާސްކު ނޭޅުމުން އަށް ދުވަސްތެރޭ ދޮޅު މިލިއަން ރުފިޔާ ޖޫރިމަނާ

09 ފެބުރުއަރީ 2021

ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް މާސްކު ނާޅައި ބޭރުގައި އުޅުމުން މިދިޔަ އަށް ދުވަސް ތެރޭ ދޮޅު މިލިއަން ރުފިޔާ ޖޫރިމަނާކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް މާސްކު ނާޅައި ބޭރުގައި އުޅުމުން މިދިޔަ އަށް ދުވަސް ތެރޭ ދޮޅު މިލިއަން ރުފިޔާ ޖޫރިމަނާކޮށްފި އެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް 1،551 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. އެޗްޕީއޭގެ އުސޫލާ ހިލާފަށް އަމަލުކުރާ މީހުން 1،000 ރުފިޔާ އިން ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ. އެހެންވެ، މާސްކު ނާޅައި އުޅެގެން އެކަނިވެސް 1،551،000ރ. ގެ ޖޫރިމަނާކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މާސްކު ނާޅައިގެން އެންމެ މަދުން މީހުން ޖޫރިމަނާކުރި 31 ވަނަ ދުވަހު އެކަނިވެސް 81 މީހަކު ޖޫރިމަނާކުރި އެވެ. މާސްކު ނާޅައިގެން އެންމެ ގިނަ މީހުން ޖޫރިމަނާކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއީ 284 މީހުން އެވެ.

ފުލުހުންގެ ބައެއް ތަފާސް ހިސާބު އާންމުކުރަން އެ އިދާރާ އިން ކުރި ޓްވީޓެއް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެ އިދާރާގެ އެންގުންތަކާ ހިލާފަށް އަމަލުކުރާ މީހުންނަށް އިތުރަށް ނަސޭހަތް ދިނުމަކާނުލައި ފުލުހުން މިހާރު އަންނަނީ ވަގުތުން ޖޫރިމަނާ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި މިހާރު ރޭގަނޑު 11:00 އިން ފަތިހު 4:00 އާ ދޭތެރޭ މަގުމައްޗަށް ނުކުމެ އުޅުން މަނަ އެވެ. އަދި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު މަގުމަތީގައި އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކާފިއު އަލުން އިއުލާނުކުރި ފަހުން އެ އެންގުންތަކާ ހިލާފަށް އަމަލުކުރި 1،259 މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ ކާފިއު ވަގުތުގައި ބޭރުގައި އުޅުނު 988 މީހަކާއި މަނާ ވަގުތުގައި އުޅަނދު ދުއްވި 271 މީހުންނެވެ.

އެހެންވެ، އެ މުއްދަތުގައި ޖުމްލަ 2،810،000ރ. ގެ ޖޫރިމަނާ ވަނީ ކޮށްފަ އެވެ.

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަން އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. އަދި ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓްރީ ވާން ވެސް އަންނަނީ އެދެމުންނެވެ.