Roadha Mihaaru
އެޗްއީއޯސީ އަށް ހެލްތު ވޯކަރުން ހޯދަން އިއުލާނުކޮށްފި

އެޗްއީއޯސީ އަށް ހެލްތު ވޯކަރުން ހޯދަން އިއުލާނުކޮށްފި

25 އޯގަސްޓް 2020

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ސިއްހީ ހިދުމަތްތެރިން ހޯދަން އިއްޔެ އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ސިއްހީ ހިދުމަތްތެރިން ހޯދަން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑުގެ ބަލި މީހުންނަށް އަދި އެޗްއީއޯސީގައި މަސައްކަތްކުރާނެ މެޑިކަލް އޮފިސަރުންނާއި ނަރުހުންނާއި އެންރޯލްޑް ނަރުހުން އަދި ހެލްތު ވޯކަރުން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން މެއިލްކުރަން އެދިފައި ވެ އެވެ. އީމެއިލްކުރާއިރު ލައިސަންސް އަދި ރަޖިސްޓްރޭޝަން ފޮނުވަން އެދިފައި ވެ އެވެ.

ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެއިން މާނިއު "މިހާރު" އަށް ވިދާޅުވީ އެޗްއީއޯސީގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން މިހާރު އިއުލާނުކޮށްފައިވާ ފުރުސަތުތަކަށް އެކަށީގެންވާ ވަރަކަށް ދިވެހިން ނުލިބިއްޖެ ނަމަ ސިއްހީ ހިދުމަތްތެރިން ބޭރުން ގެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން އެ ހިދުމަތްތެރިންނަށް ދޭނީ ކޮވިޑް އެލަވަންސެކެވެ. އެ މީހުން މަސައްކަތް ކުރަން ޖެހޭނީ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އަދި ކޮވިޑްގެ ބަލި މީހުން ތިބޭ ފެސިލިޓީތަކުގަ އެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑެތި ލުއިތަކަށް ފަހު، ކޮވިޑާ ދެކޮޅަށް އެކި މުއައްސަސާތައް ގުޅިގެން އޮޕަރޭޝަން ހިންގަމުން އަންނަނީ ކުރިން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވައިލުމަށް ފަހު، އެެޗްއީއޯސީންނެވެ.

ނަމަވެސް އެންއީއޯސީ އުވާލައި އޮޕަރޭޝަން ކުޑަކުރިފަހުން، ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެއާއެކު ކޮވިޑަށް ސާމްޕަލް ނެގުމާއި ޕޮޒިޓިވް މީހުން އައިސޮލޭޝަނަށް ގެންދިއުމުގައި ބޮޑެތި ލަސްތަކެއް ހުރިކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް 6،912 މީހުންނަށް ބަލިޖެހިފައިވާއިރު އެ ބަލީގައި 28 މީހަކު މަރުވެފައި ވެ އެވެ. ކޮވިޑުން 4،297 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،587 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 171 މީހުންނަށް ފަރުވާ ދެ އެވެ.