Roadha Mihaaru
ޑަބްްލިއުޓީޓީސީން ރާއްޖެއަށް ސޭފްޓްރެވެލް ސްޓޭމްޕް ދީފި

ޑަބްލިއުޓީޓީސީން ރާއްޖެ އަށް ސޭފް ޓްރެވެލް ސްޓޭމްޕް ދީފި

15 ސެޕްޓެމްބަރ 2020

ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލުން ރާއްޖެ އަށް ސޭފް ޓްރެވެލްސް ސްޓޭމްޕް ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލުން ރާއްޖެ އަށް ސޭފް ޓްރެވެލްސް ސްޓޭމްޕް ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރު ބަޔާނެއްގައި ބުނީ ޑަބްލިއުޓީޓީސީން ރާއްޖެ އަށް ސޭފް ޓްރެވެލްސް ސްޓޭމްޕް ދިނީ އެ ޖަމާއަތުގެ ސޭފް ޓްރެވެލް ޕްރޮޓޮކޯލާ އެއްގޮތަށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ބަލައިގެންފައިވާތީ ކަމަށެވެ. ދަތުރުވެރިންގެ އިތުބާރު އުފައްދައި، ޓޫރިޒަމް އިންޑަސްޓްރީ އަލުން ހުޅުވައިލުމަށް ހުރިހާ ދާއިރާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތް ވެސް ޑަބްލިއުޓީޓީސީން ވަނީ ބަލައިގެންފަ އެވެ.

ސޭފް ޓްރެވެލްސް ސްޓޭމްޕަކީ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އާއި 200 އަށް ވުރެ ގިނަ ޓްރެވެލް ކުންފުނިތަކުން ބަލައިގެންފައިވާ މިންގަނޑެކެވެ. އެ ސްޓޭމްޕް ދިނުމުގެ ބޭނުމަކީ ޓޫރިޒަމާއި ދަތުރުފަތުރާ މެދު މީހުންގެ އިތުބާރު އަލުން އުފެއްދުމެވެ. ގައުމަކަށް ނުވަތަ ސަރަހައްދަކަށް އެ ސްޓޭމްޕު ދިނުމުން އޭގާ މާނައަކީ އެ ތަނެއްގައި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަަވަޅުތައް އަޅާފައި ހުންނާނެ ކަމާއި ސާފުތާހިރުކަން އޮންނާނެ ކަމުގެ ޔަގީންކަން އޮތުމެވެ. އަދި ރައްކާތެރި ގޮތުގައި ދަތުރުކުރުމުގެ ތަޖުރިބާ އަލުން ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޮތުމެވެ.

ސޭފް ޓްރެވެލް ސްޓޭމްޕަކީ ރައްކާތެރިކަމާއި ސާފުތާހިރުކަމަށް ބަލައިގެން، ދުނިޔޭގައި އެގޮތަށް ދޭން ފެށި ފުރަތަ ސްޓޭމްޕެވެ. އެ ސްޓޭމްޕް ޑިޒައިން ކޮށްފައި ވަނީ މިހާރު ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން އަދި އެ އަށް ވުރެ ކުޑަ އެހެން ބަލިމަޑުކަމެއް ކުރިމަތިވާ ހާލަތްތަކަށް އެޑްރެސް ކުރުމަށެވެ.

ޑަބްލިއުޓީސީސީން އެންމެ އިސްކަންދޭ ކަމަކީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމެވެ. އެ ޖަމާއަތުން ދޭ ސޭފް ޓްރެވެލް ސްޓޭމްޕް ވަނީ ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓްރެވެލް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އިން ވެސް ބަލައިގެންފަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުންް ހުޅުވީ މިދިޔަ ޖުލައި މަހު އެވެ. ޓޫރިސްޓުންގެ ރައްކާތެރިކަމަށް ޓަކައި ރާއްޖެ އިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުުން އެންމެ ފަހުން އެޅި ފިޔަވަޅަކީ ރާއްޖެ އަށް ދަތުރުކުރާ ހުރިހާ އެންމެންވެސް ކޮވިޑް-19 އަށް ޓެސްޓުކޮށް، ނެގެޓިވް ނަތީޖާއެއް އޮތްކަމުގެ ލިއުމަކާ އެކުގައި ނޫނީ ނާދެވޭ ގޮތަށް ހެދުމެވެ.