Roadha Mihaaru
ރިސޯޓު މުވައްޒަފުން ބުނަނީ ވަރުބަލި ވެއްޖެ ކަމަށް!

ރިސޯޓު މުވައްޒަފުން ބުނަނީ ވަރުބަލި ވެއްޖެ ކަމަށް!

25 ޖެނުއަރީ 2021

ކައިވެނިކުރުމަށް ހަސަން ރިޝާދު، 23، އުފަން ރަށަށް ދިޔައީ މަސް ދުވަހުގެ ޗުއްޓީ ނަގައިގެންނެވެ. އަލަތު އަނބިމީހާ ގޮވައިގެން މާލެ އައިސް ހަމަނުޖެހިލެވި އުޅެނިކޮށް، އެނބުރި ރިސޯޓަށް ދާން ޖެހުނެވެ. ކުލީ ކޮޓަރިއަކަށް އަނބިމީހާ ވައްދާފައި، އޭނާ ވަޒީފާއަށް ނުކުތީ އަވަހަށް އަންނާނެ ކަމަށް ވައުދުވަމުންނެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ އެކު، ރިސޯޓުގައި ތާށިވިތާ އިއްޔެއަށް އަށް މަސް ވީ އެވެ. ރިޝާދު ދެކޭ ގޮތުގައި ދިރިއުޅުން މިހާރު ބަދަލުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކައިވެނިކުރުމަށް ހަސަން ރިޝާދު، 23، އުފަން ރަށަށް ދިޔައީ މަސް ދުވަހުގެ ޗުއްޓީ ނަގައިގެންނެވެ. އަލަތު އަނބިމީހާ ގޮވައިގެން މާލެ އައިސް ހަމަނުޖެހިލެވި އުޅެނިކޮށް، އެނބުރި ރިސޯޓަށް ދާން ޖެހުނެވެ. ކުލީ ކޮޓަރިއަކަށް އަނބިމީހާ ވައްދާފައި، އޭނާ ވަޒީފާއަށް ނުކުތީ އަވަހަށް އަންނާނެ ކަމަށް ވައުދުވަމުންނެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ އެކު، ރިސޯޓުގައި ތާށިވިތާ އިއްޔެއަށް އަށް މަސް ވީ އެވެ. ރިޝާދު ދެކޭ ގޮތުގައި ދިރިއުޅުން މިހާރު ބަދަލުވެއްޖެ އެވެ.

މާލެ ކައިރި ރިސޯޓެއްގައި އުޅޭއިރު، ކުރިން ދެ ދުވަހުން އެއް ދުވަހު ރަށަށް ދެވެ އެވެ. އެކަމަކު ކޮވިޑްގެ ބަންދާ އެކު އާއިލާއާ ބައްދަލުނުވެވޭތާ އެތައް މަހެއް ވެއްޖެ އެވެ. ފޯނުން ގުޅެނީ ވެސް މަދު ފަހަރެއްގަ އެވެ. އަނެއްކޮޅުން ލޯބިން ކުރި ކައިވެނި އޮތީ، ރޫޅުމަކާ ހަމައިގަ އެވެ.

"ދުވާލަކު 15 ގަޑިއިރު ޑިއުޓީ ނަގައިގެން މިއުޅެނީ. ގެއިން ޝަކުވާ ކުރާނެ ނުގުޅާތީ. އަންހެނުން ގުޅިޔަސް ބިޒީކަމުން ފޯނަށް ޖަވާބެއް ނުދެވޭ،" މަދު މުވައްޒަފުންކޮޅަކާ އެކު މަސައްކަތް ކުރަމުން އަންނަ ރިޝާދު ބުންޏެވެ.

މިއީ، މިހާރު ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުންގެ ހާލަތެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖޭން ވެސް ފެނުނު ކޮވިޑް-19ގެ ބައްޔާ އެކު، އެ މުވައްޒަފުންގެ ވެސް ދިރިއުޅުން ބަދަލުވެއްޖެ އެވެ. ބަލިން ރައްކާތެރިވުމަށް ބޯޑަރުތައް ބަންދުކޮށް، ޓޫރިސްޓުން ގެނައުން މެދުކަނޑާލުމާ އެކު ގިނަ ރިސޯޓުތަކުން މުވައްޒަފުން ވަކިކުރި އެވެ. މުއްދަތެއް ނެތް ގޮތަށް، އަދި މުސާރަ ވެސް ނުލިބޭ ގޮތަށް ޗުއްޓީ ދިން އިރު، އަނެއް ބައި މުވައްޒަފުން ވަޒީފާގައި ދެމިތިބީ، މުސާރައިގެ ދެބައިކުޅަ އެއްބައި ވެސް ނުލިބޭ ގޮތަށެވެ.

ޓޫރިސްޓަކު ލޯންޗަށް އެރުވުމަށް ރިސޯޓެއްގެ މުވައްޒަފުން އެހީވަނީ: މުވައްޒަފުންގެ ޝަކުވާތައް ގިނަ

ޓޫރިސްޓަކު ލޯންޗަށް އެރުވުމަށް ރިސޯޓެއްގެ މުވައްޒަފުން އެހީވަނީ: މުވައްޒަފުންގެ ޝަކުވާތައް ގިނަ

ރާއްޖޭގެ އިގްތިސޯދު މިހާރު ބަރޯސާވެފައިވާ ޓޫރިޒަމް އިންޑަސްޓްރީ، ބަލިމަޑުކަމުގެ ތެރެއިން ހިނގައިގަތީ ދާދި އިހަކަށް ދުވަހު އެވެ. ގިނަ ރިސޯޓުތައް، މަދު މުވައްޒަފުންތަކަކާ އެކު ހުޅުވި އިރު، ޓޫރިސްޓުން ވެސް އައީ މަދުމަދުންނެވެ. ކިރިޔާ ދެކޮޅުޖެހޭ ވަރަށް ލިބުނު މުސާރައާ މެދު މުވައްޒަފުން ތިބީ ޝުކުރުވެރިވެގެންނެވެ. އެކަމަކު އެ މުވައްޒަފުން ދެކޭގޮތުގައި ހާލަތު މިހާރު ބަދަލުވެއްޖެ އެވެ. ދުވާލަކު އެތައް ހާސް ޓޫރިސްޓުން މިހާރު ރާއްޖެ އައިސް، މާލީ ގޮތުން ގިނަ ރިސޯޓުތަކަށް ހިންދެމިލެވިއްޖެ އެވެ. އެކަމަކު އެ ބަދަލު މުވައްޒަފުންގެ ތެރެއިން ނުފެނުމާއި ވަޒީފާގައި އަދިވެސް މަދު މުވައްޒަފުންތަކެއް ގެންގުޅުމަކީ އެ މީހުންގެ ބޮޑު ޝަކުވާއެކެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ރިސޯޓު މުވައްޒަފަކު ބުނީ އޭނާ މަސައްކަތް ކުރި މިދިޔަ ނުވަ އަހަރުގެ ތެރޭގައި ނުވާހާ ވަރުބަލި، ވޭތުވެ ދިޔަ ހަ މަހު ވެއްޖެ ކަމަށެވެ. އޭނާއާ އެކު މަސައްކަތް ކުރި އެހެން ބައެއް މީހުން ގޮތަށް، ވަޒީފާއިން ވަކިވާން ކިތަންމެ ފަހަރަކު ހިތަށްއެރި އެވެ. އެ ޒުވާނާގެ ގިނަ ރަހުމަތްތެރިން، އޭނާގެ ބަހުން ނަމަ، "ކެތްނުވެގެން، ކެނޑިގެން ރަށަށް ހިނގައްޖެ" އެވެ.

ހަމަ ތެދަށް މި ދަންނަވަނީ، މެންޓަލީ ވެސް ފިޒިކަލީ ވެސް ވަރަށް ވަރުބަލި ވެއްޖެ މިހާރު

ޅ. އަތޮޅުގެ މަޝްހޫރު ރިސޯޓެއްގައި މަސައްކަތް ކުރާ އެ ޒުވާނާ ބުނިގޮތުގައި ކުރިން އެތަނުގައި 300 މުވައްޒަފުން ވަޒީފާ އަދާކުރި އިރު، މިހާރު އުޅެނީ އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދުންނެވެ. އެކަމަކު ޓޫރިސްޓުން އަންނަ އަދަދު މިހާރު ހުރީ ކުރިއާ އެއްވަރަށެވެ. މުވައްޒަފުންގެ މުސާރައަށާއި މަސައްކަތަށް ވެސް ލުޔެއް ނުލިބޭ ކަމަށް ބުންޏެވެ.

"ސްޓާފުން މަދުވީމައި، އެބަ ޑަބަލް މަސައްކަތް ކުރަން ޖެހޭ. އެކަމަކު ކުރިން ކަނޑާލި މުސާރަ ވެސް ބައެއް މީހުންނަކަށް ނުލިބޭ،" އޭނާ ބުންޏެވެ.

އެ ޒުވާނާގެ ނަޒަރުގައި ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންގެ އަތުން "ދިޔަ ބައި ހޯދައިދިނުމަ"ށެވެ. ކުރިއެކޭ އެއްވަރަށް މިހާރު ޓޫރިސްޓުން އަންނަން ފަށާފައިވާއިރު، މުވައްޒަފުންގެ އަދަދު އިތުރު ނުކުރުމަކީ، މިހާރު ވަޒީފާގައި ތިބި މީހުންނަށް ދޭ އަނިޔާއެއް ކަމަށް އޭނާ ދެކެ އެވެ.

ބައެއް ރިސޯޓުތައް، ބަލިމަޑުކަމާ އެކު ބަންދުކޮށްފައި އޮތުމަށް ފަހު ތަން ހުޅުވުމުގެ ތިން މަސް ކުރިން ބައެއް މުވައްޒަފުން ވަޒީފާއަށް ނެރުނެވެ. އެކަމަކު އެއީ މުސާރަ ނުހިނގާ ގޮތަށެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް، މުވައްޒަފުންނަށް ޖެހުނީ މަސައްކަތަށް ނުކުންނާށެވެ. މަދު މުވައްޒަފުންތަކަކާ އެކު، ގިނަ މަސައްކަތްތައް އެ މީހުން ކުރުވީ އަގެއް ނެތް ގޮތަށެވެ.

ކޮވިޑްގެ ހުސްކަމަށް ފަހު، ގިނަ ރިސޯޓުތައް މިހާރު އަންނަނީ ފުރެމުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުވާލަކު އެވްރެޖްކޮށް 3000 އާ ގާތްކުރާ އަދަދަކަށް ޓޫރިސްޓުން މިހާރު ރާއްޖެ އާދެ އެވެ. އޭގެ މާނައަކީ، ޓޫރިޒަމް ދާއިރާ ކުރިން އޮތް ހާލަތަށް ބަދަލުވާން ފަށާފައިވުމެވެ. އެކަމަކު ކޮވިޑާ އެކު ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި އިރު، އެ ވަޒީފާ އަލުން އިއާދަނުކޮށް، މަދު ބަޔަކާ އެކު ހިދުމަތް ދިނުމަކީ މަސައްކަތްކުރާ މުވައްޒަފުންނަށް ނުބައި އަސަރުކުރާނެ ކަމެކެވެ.

"ހަމަ ތެދަށް މި ދަންނަވަނީ، މެންޓަލީ ވެސް، ފިޒިކަލީ ވެސް ވަރަށް ވަރުބަލި ވެއްޖެ މިހާރު،" މުވައްޒަފަކު ބުންޏެވެ.

"ރަށް އޮތީ ޖެހިފައި، އާއިލާ ކައިރިއަށް ނުދެވި ނުވަ މަސް"

ޅ. އަތޮޅުގެ އެހެން ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާނަކު ބުނީ އޭނާ އުޅޭ ރިސޯޓު އޮންނަނީ، ފަތާލާފައި ވެސް ރަށަށް ދެވޭހާ ކައިރީގަ އެވެ. ކުރިން ޑިއުޓީ ނިންމާލުމަށް ފަހު، ކޮންމެ ރެއަކު ވެސް އާއިލާ ކައިރިއަށް، ރަށަށް ދެވެ އެވެ. އެކަމަކު މިހާރު އޭނާ އާއިލާ ކައިރިއަށް ނުދެވޭތާ ނުވަ މަސް ވެއްޖެ އެވެ.

މުވައްޒަފުން މަދުވުމާއި ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރަށަށް ދިޔުމުގެ ހުއްދަ ނެތީ އެވެ. ރަށަށް ގޮސް ކަރަންޓީނު ވުމުގެ ފުރުސަތު އޮތް ނަމަވެސް، ކަރަންޓީނުގެ މުއްދަތު ހަމަވާއިރު ޗުއްޓީ އޮންނަނީ ނިމިފަ އެވެ. އެ ޒުވާނާއަށް އޮތް ހިތްހަމަޖެހުމަކީ، އާއިލާގެ މީހުން އޭނާގެ ކައިރިއަށް އާދެވުމެވެ.މަންމަ އާއި ބައްޕަ އާއި އަނބިމީހާ އާއި ދަރިފުޅު އަންނަ ޑިންގީ ރިސޯޓުގެ ފަޅުތެރޭގައި މަޑުކޮށްލައިގެން އޮންނައިރު، އޭނާ ހުންނަނީ ޖެޓީ މަތީގައި ބަލަހައްޓައިގެންނެވެ.

ރާއްޖެ އައި ދެ ޓޫރިސްޓަކު އެއާޕޯޓްގައި އިށީނދެލައިގެން: ޓޫރިޒަމް މިހާރު އަންނަނީ ރަނގަޅުވަމުން

ރާއްޖެ އައި ދެ ޓޫރިސްޓަކު އެއާޕޯޓްގައި އިށީނދެލައިގެން: ޓޫރިޒަމް މިހާރު އަންނަނީ ރަނގަޅުވަމުން

ދުރުމިން ބަހައްޓައިގެން، އެ ގޮތަށް ތިބެގެން އާއިލާއާ ވާހަކަ ދައްކާލެވޭތީ ވެސް އޭނާ ހުންނަނީ ހިތްހަމަޖެހިގެންނެވެ. އެކަމަކު ޒުވާނާ ދެކޭ ގޮތުގައި އެއީ އަސަރުގަދަ ވަގުތުކޮޅެކެވެ.

"ދަރިން ލޯ ކުރިމަތީގައި ތިބެ، އަތް ޖައްސާލައި އުރާލަން ނުލިބުމަކީ ވަރަށް ހިތްދަތިވާ ކަމެއް. އެކަމަކު އެ މީހުން ލޮލަށް ފެނުމުގެ ނަސީބު ލިބޭތީ އުފާކުރަން،" އޭނާ ބުންޏެވެ.

ނުވަ މަސް ފަހުން، ރަށަށް ދިޔުމުގެ ހުއްދަ އެ ޒުވާނާއަށް މިހާރު ވަނީ ލިބިފަ އެވެ. އެކަމަކު އެއީ މި އަހަރު އޭނާއަށް ލިބޭ އެންމެ ފުރަތަމަ އަދި ފަހުގެ ފުރުސަތެވެ. ހާލަތު މިހެން އޮތް ނަމަ، ކުރިއަށް އޮތް 11 މަސް ދުވަހު ވެސް އޭނާ ހުންނަން ޖެހޭނީ ރިސޯޓުގައި ބަންދުވެފަ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ކުރިއަށް ވުރެ ރަނގަޅުވި ނަމަވެސް، ރިސޯޓުތަކުގައި ބަލި ދަނީ ހަލުއިކަމާ އެކު ފެތުރެމުންނެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގެ 83 މުވައްޒަފަކަށް ބަލި ޖެހިއްޖެ އެވެ. އޮޅުވެލި ރިސޯޓް 78 މީހަކު އަދި އަނަންތަރާ ކިހާވަށް ރިސޯޓުން 31 މީހަކު ޕޮސިޓީވްވުމުގެ އިތުރުން ރެސިޑެންސް މޯލްޑިވްސްގެ 15 މީހަކަށް ވެސް ކޮވިޑް ޖެހުނެވެ.

މީގެ އިތުރުން ވެސް އެހެން ގިނަ ރިސޯޓުތަކުން ބަލި މީހުން ދަނީ ފެންނަމުންނެވެ. މުވައްޒަފުންގެ ކަންބޮޑުވުމަކީ ހަލުއިކަމާ އެކު ބަލި ފެތުރުމުގެ ފުރުސަތު އޮތް ނަމަވެސް ބައެއް ރިސޯޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވުމެވެ. ތަނުގެ މެނޭޖްމެންޓުގެ މާ ބޮޑު އެއްބާރުލުމެއް އެކަމުގައި ނުލިބުމެވެ.

"މިހާރު"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނިގޮތުގައި ބައެއް ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު އޮވެ އެވެ. މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. ބައެއް ފަހަރު، ސެނިޓައިޒާއެއް ވެސް ލިބޭކަށް ނުހުރެ އެވެ. ރިސޯޓުން މީހަކު ޕޮޒިޓިވްވި ނަމަވެސް، އެކަން ސިއްރުކުރަނީ ޓޫރިސްޓުން ގެނައުމުގައި ގޮންޖެހުމަކަށް ވެދާނެތީ އެވެ. އެކަމަކު، މުވައްޒަފުން ދެކޭ ގޮތުގައި، މިއީ، މަދު ޑޮލަރުކޮޅަކަށް އެ މީހުން ގުރުބާންކޮށްލުމެވެ.

މުޅި ދުނިޔެ ބިރުގަންނަވާލި ކޮވިޑް ބަލިމަޑުކަމުން، ޓޫރިޒަމް ދާއިރާ މިހާރު އެ އަންނަނީ އަރައިގަންނަމުންނެވެ. އެކަމަކު ރިސޯޓު މުވައްޒަފުންގެ ޝަކުވާއަކީ، އެ ކުރިއެރުން، އެ މީހުންގެ ދިރިއުޅުމުން އަދި ނުފެންނާތީ އެވެ. މަސައްކަތް ގެއްލުނު މުވައްޒަފުންގެ ވަޒީފާ އިއާދަކޮށްދީ، މަދުވި މުސާރަ އިތުރު ނުކޮށްދޭތީ އެވެ. ބަލިމަޑުކަމެއްގެ ތެރެއިން، އާއިލާއާ ދުރުގައި ތިބެގެން ވަމުންދާ ގުރުބާނީ އަގު ނުކުރާތީ އެވެ.