Roadha Mihaaru
އެކްޓަރު ސިދާތު ޝުކްލާ މަރުވެއްޖެ

"ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

02 ސެޕްޓެމްބަރ 2021

ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން ކާމިޔާބުކޮށްގެން ބޮޑު މަޝްހޫރުކަމެއް ހޯދި އިންޑިއާގެ އެކްޓަރު ސިދާތު ޝުކްލާ ހާޓްއެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން ކާމިޔާބުކޮށްގެން ބޮޑު މަޝްހޫރުކަމެއް ހޯދި އިންޑިއާގެ އެކްޓަރު ސިދާތު ޝުކްލާ ހާޓްއެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 40 އަހަރުގެ އެކްޓަރު މަރުވީ ކުއްލި ގޮތަކަށް ކަމަށެވެ. ބައެއް މީޑިއާތަކުން ބުނީ އޭނާ މުމްބާއީގެ ކޫޕާ ހޮސްޕިޓަލަށް ހެނދުނުގެ ވަގުތެއްގައި ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ޓީވީ ސިލްސިލާތައް ކުޅެގެން އާންމުންގެ ސަމާލުކަން ލިބުނު ސިދާތަކީ "ބިގް ބޮސް 13" ގެ ފަހުން ވަރަށް ގިނަ ހުށަޅުންތައް ވެސް ލިބެމުން ދިޔަ އެކްޓަރެކެވެ.

މި ފަހުން އޭނާ ގިނަ ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވާ އިރު، ވަރަށް ފަހުން އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީ ވެ ވެން ސީރީޒް "ބްރޯކެން ބަޓް ބިއުޓިފުލް 3" ވެސް ކުޅެފައިވެ އެވެ. ސިދާތު މަރުވި އިރު އޭނާ އަށް ޕްރަބާސް އާއި ސައިފް އަލީ ޚާންގެ ފިލްމު "އާދިޕުރުޝް"އިން ވެސް ފުރުސަތު ލިބިފައިވެ އެވެ. އާލިއާ ބަޓާއި ވަރުން ދަވަންގެ 2014 ގެ ފިލްމު "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ގެ ރޯލެއް ވެސް ސިދާތު ކުޅެފައިވެ އެވެ.

ސިދާތު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ބަލިކާ ވަދޫ" އާއި "ދިލް ސޭ ދިލް ތަކް" ހިމެނެ އެވެ.

އޭނާގެ ކުއްލި މަރާ އެކު ޓީވީ އިންޑަސްޓްރީ އާއި ބޮލީވުޑަށް ބޮޑު ޝޮކެއް ލިބި، އެތައް ބަޔަކު އަންނަނީ ޓްވިޓާގައި ހިތާމަ ފާޅުކުރަމުންނެވެ.

މިދިޔަ ހަފުތާގައި ސިދާތާއި އޭނާއާ އެކީ "ބިގް ބޮސް 13" ގައި ވާދަކޮށް ތިން ވަނަ ހޯދި ޝެހެނާޒް ގިލް (ސަނާ) ކަލާޒްގެ "ޑާންސް ދީވާނޭ 3" ގައި ވެސް މެހުމާނުންގެ ގޮތުގައި ބައިވެރިވި އެވެ. އަޑުތައް އަރާފައިވާ ގޮތުން ސިދާތާއި ސަނާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.