Roadha Mihaaru
ކޮވިޑް ޕޮޒިޓިވް ދަރިވަރުންނަށް ވަކިން އިމްތިހާނު ހެދޭނެ

ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި ދަރިވަރުން އޭ ލެވެލް އިމްތިހާނު ހަދަން ވަކި ހޯލުތަކެއް

21 ސެޕްޓެމްބަރ 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންނަށް އޭ ލެވެލް އިމްތިހާނު ހެދުމަށް ވަކި ހޯލުތަކެއް ގާއިމްކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންނަށް އޭ ލެވެލް އިމްތިހާނު ހެދުމަށް ވަކި ހޯލުތަކެއް ގާއިމްކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެ ސެންޓަރުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ދަރިވަރުންގެ ބަލި ހާލަތު ހުންނަގޮތުން އެހެން ކުދިންނާ އެކު އިންޓަނޭޝަނަލް ބައެއް އިމްތިހާނުތައް ނުހެދޭ ފަހަރު އަންނަ ކަމަށެވެ. އެފަދަ ހާލަތުގައި ކެންޑިޑޭޓުންނަށް އިމްތިހާނު ފޯރުކޮށްދެވޭ އުސޫލުތަކެއް އޮންނަ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ކޮވިޑުގެ ބަލި ފެތުރިފައިވާ މި ހާލަތުގައި، އާއްމުކޮށް އިމްތިހާނު ހަދާ ދަރިވަރުން ތިބޭ ހޯލުގައި ކޮވިޑަށް ޕޮޒިޓިވް ދަރިވަރުން ބޭތިއްބުމުގެ ފުރުސަތު ނުލިބޭތީ އެހެން ކުދިންނާ މުޅިން ވަކިން އެ ދަރިވަރުން ބައިތިއްބަން ޖެހޭ ކަމަށް އިހުސާނު ވިދާޅުވި އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައި ހުއްޓަސް އިމްތިހާނުގައި ބައިވެރިވެވޭ ކަހަލަ ހާލަތެއްގައި އެ ކުއްޖަކު ހުރިނަމަ އެ ދަރިވަރަކަށް އިމްތިހާނު ފޯރުކޮށްދިނުމަށް އެކި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން މާލެ ސަރަަހައްދުގައި ހަތަރު ސެންޓަރެއްގައި އިމްތިހާނު ހަދާއިރު، އެ ހަތަރު ސެންޓަރުގެ ތެރެއިން އެއްވެސް ސެންޓަރަކުން ދަރިވަރަކު ޕޮޒިޓިވްވެއްޖެނަމަ އަދި އިމްތިހާނު ހެދޭ ކަހަލަ ހާލަތެއްގައި ހުރިނަމަ އެ ކުއްޖާއަށް މުޅިން ވަކިން އިމްތިހާނު ހޯލެއް ގާއިމްކުރާނެ އެވެ. މާލެ ސަރަހައްދުގެ ހުރިހާ ސެންޓަރަކުން ޕޮޒިޓިވްވާ ދަރިވަރުންނަށް އޭ ލެވެލް އިމްތިހާނު ދޭނީ އެ ހޯލުގައި ކަމަށާއި އެތަނުގައި ވަސީލަތްތައް ގާއިމްކުރުމަށް އެކުލަވާލަންޖެހޭ ގައިޑްލައިންތަކާއި އެސްއޯޕީތައް މިހާރު ވާނީ އެކުލަވާލައިފައި ކަމަށް އިހުސާން ވިދާޅުވި އެވެ.

"އާއްމު ދަރިވަރުން އިމްތިހާނު ހަދާ ހޯލްތަކަށް، މި ދެންނެވި އިމްތިހާނު ހޯލުތަކުގައި ތަންކޮޅަށް ރަނގަޅަށް ބެލެހެއްޓިގެން، ތަންކޮޅެއް ހަރުދަނާ ނިޒާމެއްގެ ދަށުން ކަންކަން އިންތިޒާމްކުރެވިފައި ހުންނާނީ. އަދި އޭގެ އިތުރުން ޕޮޒިޓިވްވާ ކުއްޖަކާއި އެއްތަންވުމުގެ ސަބަބުން، ކޮންޓެކްޓުވުމުގެ ސަބަބުން ނޫނީ އެނޫން ވެސް ގޮތަކުން ކަރަންޓީނުގައި ހުރި ކުއްޖަކު ހުރެއްޖެ ކަމުގައިވާނަމަ އެ ކުދިންނަށް އިމްތިހާނު ފޯރުކޮށްދިނުމުގައި ވެސް އަދި ވަކި އިމްތިހާނު ހޯލެއް އަޅުގަނޑުމެން އެބަ އިންތިޒާމް ކުރަން،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ހުރިހާ ސެންޓަރަކުން ވެސް، ޕޮޒިޓިވްވާ ދަރިވަރުންނާއި ޑައިރެކްޓް ކޮންޓެކްޓުގެ ސަބަބުން ކަރަންޓީނުވެފައިވާ ދަރިވަރުންނަށް އިމްތިހާނު ފޯރުކޮށްދިނުމަށް އިތުރު ދެ ހޯލެއް މާލެ ސަރަހައްދުގައި ގާއިމްކުރާ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި 33 ސެންޓަރެއްގައި އިމްތިހާނު ހަދާކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ ސެންޓަރުތަކުން ވެސް އިމްތިހާނު ހަދާ ދަރިވަރަކު ޕޮޒިޓިވްވެއްޖެނަމަ އެ ކުއްޖަކަށް އިމްތިހާނު ފޯރުކޮށްދިނުމަށް ވަސީލަތް ގާއިމްކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް ޖެހިފައިވާ ކުދިންނާއި ޑައިރެކްޓް ކޮންޓެކްޓުވެފައި ތިބި ކުދިންނަށް، އެހެން ދަރިވަރުންނާ ވަކިން އިމްތިހާނު ހެދޭނެ އިންތިޒާމުތައް ހެދުމަށްޓަކައި ހޯލުތައް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އިމްތިހާނަށް ދަރިވަރުން ހާޒިރުވާއިރު ވެސް ހުން ބަލައި ގައިދުރުކަން ބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ މަހުގެ ފަހެއްގައި ފަށާ އޭ ލެވެލް އިމްތިހާނުގައި އެއް ސްކޫލަކުން އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ ސީއެޗްއެސްއީ އިންނެވެ. އެ ސްކޫލުން 470 އެއްހާ ދަރިވަރުން އިމްތިހާނު ހަދާއިރު ސީއެޗްއެސްއީގެ ދަރިވަރުން އިމްތިހާނު ހެދުމަށް އަރަބިއްޔާ ސްކޫލާއި އަމީނިއްޔާ އަދި އިސްކަންދަރު ސްކޫލުގެ ހޯލު ބޭނުންކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ޓެސްޓު ޕޭޕަރުތައް މިވަގުތު ހުރީ ޑީޕީއީގެ ބެލުމުގެ ދަށުގަ އެވެ. އަންނަ ހޮނިހިރު ދުވަހު ޕޭޕަރުތައް ބަހަން ފަށައި މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ޕޭޕަރުތައް ފޯރުކޮށްދޭނެ އެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރައްކާތެރިކަމާއެކު އިމްތިހާނު ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައި ތިބި ދަރިވަރުންނަށް ވަކި ސެންޓަރެއް އަދި ކަރަންޓީނުގައި ތިބި ކުދިންނަށް ވަކި ސެންޓަރެއް ހަމަޖައްސާފައިވާ ކަމަށާއި އެ ކޮންމެ ސެންޓަރެއްގައި ވެސް ގައިދުރުކަން ބަހައްޓާނެ ގޮތާއި އިމްތިހާނު ޕޭޕަރު ބަހާނެ ގޮތުގެ ގައިޑްލައިނެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްތިހާނު ހަދާ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ޓެގް އިން ވަނީ އެދިފަ އެވެ. ކޮވިޑާއެކު އިމްތިހާނު ދޭން ޖެހިއްޖެނަމަ އެ ކުދިންނަށް ލިބޭ އިތުރު ސްޓްރެސް އަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވް ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުން އިމްތިހާނު ސެންޓަރަށް ގެންދިއުމުގެ ކަންކަން އެޑިއުކޭޝަނާއި އެޗްއީއޯސީ އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގަންދާނެ ކަމަށެވެ.