Roadha Mihaaru
އޭ ލެވެލްގެ ކެމިސްޓްރީ ކަރުދާސް ވެސް ލީކުވެއްޖެ

އޭ ލެވެލްގެ ކެމިސްޓްރީ ކަރުދާސް ވެސް ލީކުވެއްޖެ

03 މެއި 2021

މި އަހަރުގެ އޭ ލެވެލްގެ ކެމިސްޓްރީ ޓެސްޓު ފެށުމުގެ ހަތް ގަޑިއިރު ކުރިން، އެ ކަރުދާސް ވެސް މިއަދު ލީކުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ އޭ ލެވެލްގެ ކެމިސްޓްރީ ޓެސްޓު ފެށުމުގެ ހަތް ގަޑިއިރު ކުރިން، އެ ކަރުދާސް ވެސް މިއަދު ލީކުވެއްޖެ އެވެ.

ސޯޝަލް މީޑިއާ އާއި އެކިއެކި ޗެޓް ގްރޫޕުތަކުގައި ލީކްވެފައިވަނީ ރާއްޖޭގައި މިއަދު މެންދުރު ފަހު 1:30 ގައި އޮންނަ ކެމިސްޓްރީ ޔުނިޓް ދެވަނަ ކަރުދާހެވެ. އެކަމާ ގުޅިގެން ގިނަ ދަރިވަރުންނާއި ޕްރިންސިޕަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިމްތިހާނު ފެށުމުގެ ގަޑިއެއްހާއިރު ކުރިން، މިދިޔަ ހަފުތާގައި ވަނީީ ބަޔޮލޮޖީ އާއި ފިޒިކްސް ޕޭޕަރު ވެސް ލީކުވެފަ އެވެ. މި ޕޭޕަރުތައް ލީކުވީ ބޭރުގެ ގައުމަކުން ކަމަށް ވާތީ، އެ ގައުމުތަކާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުން ބައެއް ދަރިވަރުންނަށް ކުރިން ސުވާލު ކަރުދާސް ލިބުނީ އެވެ.

އޭ ލެވެލް އިމްތިހާނަށް ހާއްސަ ކޮށްގެން ޕްރިންސިޕަލުންނާއެކު އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ ވައިބަ ގްރޫޕުގައި ވެސް ގިނަ ބޭފުޅުން ދަނީ ޕޭޕަރުތައް ލީކްވަމުން ދާތީ އޭޕްރީލް/މެއި މަހުގެ އިމްތިހާނު ދިނުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

"މި އިމްތިހާނު ކުރިއަށް ގެންދިއުމުގެ އެއްވެސް މަގުސަދެއް ނުފެނޭ. މި އިމްތިހާނު ދިނުން ހުއްޓާލުމަށް ފަހު އެ ކުދިންނަށް އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމުގެ ފުރުސަތު ދޭންޖެހޭ،" ޕްރިންސިޕަލަކު ކަންބޮޑުވުން ފާޅުކުރައްވަމުން ވައިބާ ގްރޫޕުގައި ވިދާޅުވި އެވެ.

އެހެން ބޭފުޅަކު ވިދާޅުވީ މި އޭލެވެލް އިމްތިހާނު ސައްހަވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ރޭ ވިދާޅުވީ ބަޔޮލޮޖީ އާއި ފިޒިކްސް ޕޭޕަރު ލީކްވުމުން އެޑެކްސެލްއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. މިއަދުގެ އިމްތިހާނުން ފެށިގެން ސުވާލު ކަރުދާސް ލީކުވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމުގެ ޔަގީންކަން އެޑެކްސެލް އިން ދިން ކަމަށް ވެސް، ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކަރުދާސް ލީކުވެފައިވާތީ އެކަމުގައި "ޑީޕީއީގެ މައިގަނޑު ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދެވޭ ކަހަލަ ގޮތެއް ވުން" ކަމަށެވެ.