Roadha Mihaaru
ރާއްޖެ އިން ހުށަހަޅަނީ ލީކުވި ޕޭޕަރުތައް އަލުން ހަދަން

ރާއްޖެ އިން ހުށަހަޅަނީ ލީކުވި ޕޭޕަރުތައް އަލުން ހަދަން: ޑީޕީއީ

03 މެއި 2021

ލީކްވި އޭ ލެވެލްގެ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރާ މެދު ރާއްޖޭގެ މައިގަނޑު ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލީކްވި އޭ ލެވެލްގެ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރާ މެދު ރާއްޖޭގެ މައިގަނޑު ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ވިދާޅުވީ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ލީކުވި މައްސަލައިގައި އެޑެކްސެލްއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި އިމްތިހާނު ފެށުމުގެ ގަޑިއިރެއްވަރު ކުރިން މިދިޔަ ހަފުތާގައި ވަނީ ބަޔޮލޮޖީ އަދި ފިޒިކްސް ޕޭޕަރު ލީކްވެފަ އެވެ. އެ ޕޭޕަރުތައް ލީކްވީ ބޭރުގެ ގައުމަކުން ކަމަށް ވާތީ، އެ ގައުމުތަކާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުން ބައެއް ދަރިވަރުންނަށް ކުރިން ސުވާލު ކަރުދާސް ފެނިފައި ވެ އެވެ. އެކަމާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިހުސާން ވިދާޅުވީ އެކަމުގައި "ޑީޕީއީގެ މައިގަނޑު ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދެވޭ ކަހަލަ ގޮތެއް ވުން" ކަމަށެވެ.

"މިހާރު ލީކުވެފައިވާ ޕޭޕަރާ ދޭތެރޭ އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ގޮތެއް ނިމިގެންދާނެ. މިހާރު އެޑެކްސެލްއާއެކު ހަމަ ވާހަކަދެކެވެމުން ދަނީ. އެހެން ނަމަވެސް މިއަދު އެޑެކްސެލް އިން ޔަގީންކަން ދެއްވައިފި މާދަމާގެ އިމްތިހާނުން ފެށިގެން އެއްވެސް ވަރަކަށް އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ،" އިހުސާން ވިދާޅުވި އެވެ.

އޭ ލެވެލްގައި ދަރިވަރުން ހަދަނީ ބައިނަލްއަގުވާމީ އިމްތިހާނަކަށް ވުމުން އެންމެ ފަހުގެ ނިންމުން ނިންމުމުގައި ރާއްޖެއަށް ބާރެއް ނޯންނަ ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންގެ ހައްގުގައި އެޑެކްސެލްއާއެކު މަޝްވަރާކުރަމުން އަންނަކަމަށާއި މާ ލަސްތަކެއް ނުވެ އެކަމުގައި ހައްލަކާ ހަމައަށް އާދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.