Roadha Mihaaru
ބޮންޑާ ހައްޔަރުކުރީ ޑްރަގާ އެކީގައެއް ނޫން

ބޮންޑާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކުގައެއް ނޫން

04 އޮކްޓޯބަރ 2020

ފުލުހުން 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) އައްޑޫން ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު ނޫން ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް މިއަދު ޔަގީންކޮށްދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުން 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) އައްޑޫން ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު ނޫން ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް މިއަދު ޔަގީންކޮށްދީފި އެވެ.

ދިވެހި ފުލުހުން ކަނޑުމަތީގައި ހިންގި އަދި އައްޑޫގެ އެންމެ ވަރުގަދަ އެއް ޑްރަގު ޑީލަރު ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) އަނެއްކާވެސް އަތުލައިގަތް އޮޕަރޭޝަންގައި ބޮންޑާ ވެސް ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު ކަމަށް އެންމެ ކުރިން އަޑު ފެތުރުނެވެ. އެކަމަކު އޭނާ ހައްޔަރުކުރީ، އެނގިފައިވާ ގޮތުގައި، ކަނޑުމަތިން މަސްތުވާތަކެތި އަތުލައިގަތް ފަހުން، ހުޅުދޫ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު އެވެ.

ސްޕޯޓްސް ފިޝިން އަށް ހުރިހާ ވަގުތެއް ހޭދަކުރަމުން އަންނަ ބޮންޑާ ހައްޔަރުކުރީ ހިތަދުއަށް ލެފި ތަނުން އަބްދުﷲ ލުތުފީ (ފޮޓޯ) އާ އެކުގަ އެވެ. އެއީ އޭނާ ދުއްވާ ލޯންޗުގެ އިންޖިނިއަރެވެ.

ބޮންޑާ ހައްޔަރުކުރި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ. އޮޕަރޭޝަން ކުރިއަށްދާތީ، މާ ބޮޑު ތަފްސީލެއް ވެސް ނުދެ އެވެ.

އަބުޗާގެ ލޯންޗު ކަފުޖަހައިގެން ގެނެސްދިން ބޮންޑާގެ ލޯންޗް:

އަބުޗާގެ ލޯންޗު ކަފުޖަހައިގެން ގެނެސްދިން ބޮންޑާގެ ލޯންޗް:

ހިތަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، ބޮންޑާ ކުރި ކަމަކީ ހައްޔަރުކުރުމުގެ ގާތްގަނޑަކަށް ދެ ދުވަސް ކުރިން، އަބުޗާގެ ލޯންޗު ކަނޑުމައްޗަށް ހުއްޓި ހާލުގައި ޖެހިފައިވާ ކަމަށް ބުނެ އެހީ އަށް އެދުމުން އޭނާގެ ލޯންޗުގައި ކަފުޖަހައިގެން ރަށަށް ގެނެސްދިނުމެވެ.

"ބޮންޑާ އަބަދު ކަނޑުމަތީގައި އުޅޭތީ ކޮންމެ ބަޔަކު ކަމެއް ވެގެން ގުޅާލިއަސް ދާނެ. އަބުޗާގެ ލޯންޗު ހުއްޓިގެން ގުޅީމަ ކަފުޖަހައިގެން ގެނެސްދިން. މާ ފަހުން އިއްޔެ ރަށަށް ލެފިތަނުން ކޯޓު އަމުރެއްގެ ދަށުން ބޮންޑާ ގެންދިޔައީ،" އެކަކު ބުންޏެވެ.

"މަސްތުވާތަކެއްޗާ އެކު ގެންދިޔައޭ ބުނާ ބުނުމަކީ ދޮގެއް."

އަބުޗާ: މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކުރި

އަބުޗާ: މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކުރި

އެ މީހުން ކިޔައިދިން ގޮތުގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ކަނޑުމަތިން އަތުލައިގަތީ، އަބުޗާގެ ލޯންޗު ކަފުޖަހައިގެން ރަށަށް ގެނެސްދިންތާ ގާތްގަނޑަކަށް ދެ ދުވަސް ފަހުންނެވެ. ބޮންޑާ އަދިވެސް ހުރީ ހައްޔަރުކޮށްފަ އެވެ. ހައްޔަރަށް 24 ގަޑިއިރު ހަމަވާތީ ބަންދުގެ މުއްދަތަށް މިއަދު ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވެ އެވެ.

އަބުޗާގެ ނެޓްވޯކް ފުލުހުން އަތުލައިގަތްއިރު، މިހާތަނަށް 10 އަށް ވުރެން ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ. ބޭރުގެ ބައެއް ނޫސްތަކުގައި މި އޮޕަރޭޝަނަކީ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ރިޕޯޓް ކޮށްފައި ވިޔަސް ފުލުހުން މިހާތަނަށް ހަމައެކަނި އާއްމުކުރި މައުލޫމާތުގައި ބުނީ، "މިއީ ސީދާ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށާއި ތަހުގީގު ކުރިއަށްދާ ވަރަކުން އެހެން ގައުމުތަކާ ވެސް ހިއްސާކުރާނެ" ކަމަށެވެ.

ބޭރުގެ ނޫސްތަކުން މި އޮޕަރޭޝަނުގެ ފޮޓޯ އާއި ވީޑިއޯއެއް ވެސް އާއްމުކޮށްފައިވެ އެވެ. ކަނޑުމަތީގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް އޮޔާ ދާއިރު އަނެއް ގޯނި ކޮބައިތޯ ސުވާލުކުރާ އަޑު އިވެ އެވެ. އެއް ފޮޓޯ އިން ފެންނަ ގޮތުގައި ޑްރަގްސް ހުރި ޑިންގީ ތެރޭގައި ބިޑި އަޅުވާފައި މީހަކު ހައްޔަރުކޮށްފައި އިނދެ އެވެ. އަދި ވީޑިއޯ އިން، ގޯނިތައް ކަނޑަށް އުކަނިކޮށް ވެސް ފެނެ އެވެ.

އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ފުލުހުން، މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން އެ ތަކެތި ވަނީ ނަގައިފަ އެވެ.

އަގު 130 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ މި މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އަބުޗާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިން އަށް ފަހަރު ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެތީގެ އިތުރުން ގްރޫޕް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް، ފުލުހުން ދިން މައުލޫމުތަކުން އެނގެ އެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.

އައްޑޫގައި ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފައިް

އައްޑޫގައި ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފައިް

މަސްތުވާތަކެތީގެ ވިޔަފާރީގައި ސަލާމަތްވުމުގެ އުކުޅުތައް ދަންނަ އަބުޗާ މިދިޔަ އަހަރުގެ މެދުތެރޭގައި ހައްޔަރުކުރުމުން ވެސް ކޯޓާ ހިސާބުން ދޫވީ އެވެ. ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިންކާރު ކުރަމުން ބުނެފައި ވަނީ، އޭނާ އަކީ އެ ފަހަރު ދައުވާ އުފުލި މަސްތުވާތަކެތީގެ މައްސަލައާ ގުޅުން ހުރި މީހެއް ނޫން ކަމަށެވެ. އޭނާ ހަމައެކަނި ކުރި ކަމަކީ ދައުވާ އުފުލި މީހުންގެ ތެރެއިން އެކަކު އެހީތެރިކަމަށް އެދުމުން ލޯންޗުގައި ގެންގޮސްދިނީ ކަމަށް ބުންޏެވެ.

އަބުޗާގެ ނެޓްވޯކުން އެ ފަހަރު މަސައްކަތްކޮށްފައި ވަނީ، އެ މަސްތުވާތަކެއްޗަކީ އެތަނުން އެކެއްގެ އެއްޗެއް ކަމަށް ބުނެ އެ މީހާ އޭގެ ޒިންމާ ނަގައި ދެން ތިބި އެންމެން ސަލާމަތްކުރާށެވެ. މުއްދަތު މަޖިލީހުގައި އެކަކު އެތަކެއްޗާ ހަވާލުވެ އެހެން އެންމެން އިންކާރުކުރީ އެވެ. އެފަހަރު އޭނާ ސަލާމަތްވީ އެގޮތަށެވެ.

އައްޑޫން އިއްޔެ އަތުލައިގަތީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.