Roadha Mihaaru
ޑްރަގް އޮޕަރޭޝަންގައި އިތުރު ތިން މީހަކު ބަންދަށް

އައްޑޫ ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

10 އޮކްޓޯބަރ 2020

އައްޑޫ ސިޓީން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރުކުރި އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫ ސިޓީން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރުކުރި އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

ގާތްގަނޑަކަށް 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. އަދި އިތުރު އަށް މީހަކު ކުރިން ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ފަހުން އަމުރުކުރީ ސ. ހިތަދޫ ފިނިފަރުު ހަސަން އާމިރާއި އެރަށު ބްލޫބާޑް، ހޫދު ލަތީފާއި އެރަށު މަންދޫބުގޭ ހުސައިން ސިމާހުގެ މައްޗަށެވެ. އޭގެ ތެރެއިން ހޫދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ މިދިޔަ ބުދަ ދުވަހު އޭނާ ހައްޔަރުކޮށް އެދުވަހު ހިތަދޫ ކޯޓަށް ގެންދިއުމުން ކަމަށް ފުލުހުން ބުންޏެވެ. އަދި ދެން ތިބި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަންގައި 16 މީހަކު ހައްޔަރު ކުރިއިރު، އޭގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. ދެން ތިބި މީހުންގެ އިތުރު އަށް މީހަކު ދޫކޮޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ހިމެނެ އެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.