Roadha Mihaaru
ބައިޑަންގެ ސަމާލުކަން ވެސް ފްލޮރިޑާ އަށް

ބައިޑަންގެ ސަމާލުކަން ވެސް ފްލޮރިޑާ އަށް

14 އޮކްޓޯބަރ 2020

ފްލޮރިޑާ (އޮކްޓޯބަރު 14) - އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވަން ތިން ހަފުތާ އަށް ވެފައިވާ އިރު ވާދަވެރި ދެ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ފްލޮރިޑާ ސްޓޭޓަށް އިސްކަން ދޭން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްލޮރިޑާ (އޮކްޓޯބަރު 14) - އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވަން ތިން ހަފުތާ އަށް ވެފައިވާ އިރު ވާދަވެރި ދެ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ފްލޮރިޑާ ސްޓޭޓަށް އިސްކަން ދޭން ފަށައިފި އެވެ.

ޑިމޮކްރެކް ކެންޑިޑޭޓް ޖޯ ބައިޑަން އިއްޔެ ވަނީ ފްލޮރިޑާ އަށް ވަޑައިގެން އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. ބައިޑަން ފްލޮރިޑާ އަށް ވަޑައިގެންނެވީ އެ ސްޓޭޓުގައި ޓްރަމްޕް ކެމްޕޭން ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން ފަރުވާ ހޯއްދެވުމަށް ފަހު ކެމްޕޭނަށް ނުކުންނަވައި، ފުރަތަމަ ވެސް ފްލޮރިޑާ އަށް ވަޑައިގެން ޓްރަމްޕް ވިދާޅުވީ އެމަނިކުފާން މިހާރު "ވަރަށް ގަދަފަދަ" ކަމަށެވެ.

ފްލޮރިޑާ އާއި އޮހާޔޯ ފަދަ ސްޓޭޓްތަކަށް ކެންޑިޑޭޓުން އިސްކަން ދެނީ އެއީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދުމުގައި މުހިންމު ސްޓޭޓްތައް ކަމަށްވާތީ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބުކުރާ ފަރާތް ކަނޑައަޅަނީ ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓަކުން ނޫނެވެ. އޭގެ ބަދަލުގައި ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ.

ޖޯ ބައިޑަން ފްލޮރިޑާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް

ޖޯ ބައިޑަން ފްލޮރިޑާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް

ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ޓްރަމްޕަށް ވުރެ ބައިޑަން އުޅުއްވަނީ 10 ޕޮއިންޓް ކުރީގަ އެވެ. ނަމަވެސް ބައެއް ސްޓޭޓްތަކުގައި ބައިޑަންގެ ލީޑް ހަންޏެވެ. މިސާލަކަށް ފްލޮރިޑާގައި ބައިޑަން އުޅުއްވަނީ ޓްރަމްޕަށް ވުރެ 3.7 ޕަސެންޓޭޖް ޕޮއިންޓް ކުރީގަ އެވެ.

އެންމެ ފަހުން އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ފްލޮރިޑާގެ ވޯޓު ޓްރަމްޕް ކާމިޔާބު ކުރެއްވީ ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ. ޓްރަމްޕަށް ސްޓޭޓުގެ އަޣުލަބިއްޔަތު ދިނުމުގައި މުހިންމު ދައުރެއް އަދާކުރީ އިސް ރައްވެހިންނެވެ.

ފްލޮރިޑާގެ ދެކުނުގެ ސީނިއާ ސެންޓަރަކަށް ވަޑައިގެން ބައިޑަން ވިދާޅުވީ އެ ސްޓޭޓުގެ އިސް ރައްވެހިން މިހާރު ވަނީ ޓްރަމްޕް ދޫކޮށްލާފައި ކަމަށެވެ. ފްލޮރިޑާގައި ޓްރަމްޕް ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ތިބީ މާސްކް ވެސް ނާޅަ އެވެ. ބައިޑަން ވިދާޅުވީ އިސް ރައްވެހިންނަށް ކޮރޯނާވައިރަސް ޖެހިދާނެތީ ޓްރަމްޕް އެއްވެސް މިންވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

ޖޯ ބައިޑަން ފްލޮރިޑާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޖޯ ބައިޑަން ފްލޮރިޑާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޕެންސިލްވޭނިއާގައި އަންގާރަ ދުވަހުގެ ރޭ ޓްރަމްޕް ބޭއްވެވި ކެމްޕޭން އެއްވުމެއްގައި ވިދާޅުވީ "ބައިޑަން އަކީ އެހާ ރަނގަޅު ބޭފުޅެއް ނޫން" ކަމަށެވެ.

މުޅި އުމުރު ނިއު ޔޯކުގައި ދިރިއުޅުއްވި ނަމަވެސް ޓްރަމްޕް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފްލޮރިޑާ އަށް ރައްވެހިކަން ބަދަލު ކުރައްވައިފަ އެވެ.