Roadha Mihaaru
ޚާއްސަ އެހީ ބޭނުންވާ ކުދިންނަށް ފުރުސަތު ފަހިކޮށްދެނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް ނައިބު ރައީސް މަޝްވަރާކުރައްވައިފި

25 އޮކްޓޯބަރ 2020

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، މާބަނޑު ދުވަސްވަރާއި ޅަފަތުގެ ކުދިންގެ ދުޅަހެޔޮކަން ވަޒަންކުރުމުގައި ގެންގުޅޭ ގޮތްތައް ހަރުދަނާކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވެ އެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ސްކޫލު ތައުލީމް ފެށުމުގެ ކުރިން ވެސް ހާއްސަ ސަމާލުކަމެއް ދިނުމާ ގުޅޭ ކަންކަން ހިމެނެ އެވެ.

"[މަދަރުސީ ތައުލީމް ފެށުމުގެ] އޭގެ ކުރިން ވެސް އެ ކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން ޖެހޭ. އަދި، މަދަރުސީ ތައުލީމު ފެށުމަށްފަހު ވެސް އެ ކުދިންނަށް ބޭނުންވާ ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" ނައިބް ރައީސްއާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ފަރުވާގެ ކަންކަން ވީހާ ވެސް ފުޅާދާއިރާއެއްގައި ފަހިކޮށްދިނުމާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަދި ހެލްތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެ މިނިސްޓްރީތައް ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމާއި އެކަމަށްޓަކައި މިހާރު އެކުލަވާލައްވަމުން ގެންދަވާ ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.