Roadha Mihaaru
100 ބިލިއަނުގެ ދަރަންޏެއް ނުއުފުލޭނެ: ޝަރީފު

100 ބިލިއަނުގެ ދަރަންޏަކީ އުފުލޭނެ ބުރައެއް ނޫން: ޝަރީފު

08 ނޮވެމްބަރ 2021

ރާއްޖޭގެ ދަރަނި ބޮޑުވަމުން ގޮސް، ޖުމްލަ ދަރަނީގެ މިންވަރު 100 ބިލިއަން ރުފިޔާއަށް އެރުމަކީ ދައުލަތަަށް އުފުލޭ ވަރު ބުރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު (މަވޯޓާ ޝަރީފު) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ދަރަނި ބޮޑުވަމުން ގޮސް، ޖުމްލަ ދަރަނީގެ މިންވަރު 100 ބިލިއަން ރުފިޔާއަށް އެރުމަކީ ދައުލަތަަށް އުފުލޭ ވަރު ބުރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު (މަވޯޓާ ޝަރީފު) މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފު ވިދާޅުވީ ދައުލަތުގެ ޖުމްލަ ދަރަނި ބޮޑުވަމުންް ދިއުމަކީ ރާއްޖޭގެ އިގުތިސާދަށް ކުޅަދާނެ ވާނެ ކަމެއް ނޫން ކަމަށެވެ. ދައުލަތަށް އެވަރަށް ދަރަނި ލިބޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދަރަންޏަށް ފައިސާ ނަގައިގެން ރިކަރެންޓް ހަރަދަށް ބޭނުންކުރާ ނަމަ ރާއްޖޭން ފޮރިން ކަރެންސީ ހުސްވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަތޭކަ ބިލިއަން ރުފިޔާގެ ދަރަނި، އެއީ ދިވެހިރާާއްޖެއަށް ބަރުދާސްތު ކުރެވޭނެ ކަންކަމެއް ނޫން. ރާއްޖޭގެ އިގުތިސާދަށް، އެއީ އުފުއްލޭ ވަރަށް ވުރެ މާބޮޑުު ބުރައެއް،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި މިހާރު މި ދަނީ ވޯލްޑްބޭންކާއި އައިއެމްއެފް ފަދަ އިދާރާތަކުން ލަފާކުރާ މިންގަނޑުން ކައްސާލައިގެން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދަރަންޏަށް ފައިސާ ލިބޭނެ ކަމަށް އަދަދުތަކެއް ޖެހި ނަމަވެސް އެ އަދަަދަށް ފައިސާ ހޯދުން ވާނީ އޭނާ ވިދާޅުވި ގޮތުގައި ވަރަށް ދަތިކަމަކަށެވެ.

"އަޅުގަނޑުމެންނަށް އަދަދުތަކެއް ޖެހިދާނެ. އެހެން ނަމަވެސް 12 ބިލިޔަން 13 ބިލިއަން ރުފިޔާ، ޑޮމެސްޓިކް މާކެޓުން ވެސް އަދި ބައިނަލްއަގުވާމީ ފައިސާގެ މާކެޓުން ވެސް ހޯދުމަކީ ވަރަށް ބުރަ މަސައްކަތެއް، ވަރަށް އުނދަގޫ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓް އަންނަ އަހަރު ހުންނާނީ 1.1 ޕަސެންޓްގައި ކަމަށް ބުންޏަސް، އެއީ ހަގީގަތެއް ނޫން ކަމަށާއި އެއީ ހިޔާލީ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައި ތަކެތީގެ އަގު އުފުލެމުންދަނީ ކަމަށާއި ހާއްސަކޮށް ކޮމޯޑިޓީސްގެ އަގު ދަނީ މައްޗަށެވެ. ރާއްޖެއަކީ 80 ޕަސެންޓަށް ވުރެ ބޮޑަށް އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާއިރު، ރާއްޖޭގައި ޑޮލަރުގެ އަގުވެސް އުފުލޭތީ، އިންފްލޭޝަން 1.1 ޕަސެންޓްގައި ހުންނާނެ ކަމަށް ދުށުމަކީ ހަގީގަތާ ދުރު ވިސްނުމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މި އަންނަ އަހަރު، އަަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިންފްލޭޝަން ހުންނާނީ 12 ޕަސެންޓަށް ވުރެ ވެސް މަތީގައި،" އޭނާ ވިދާޅުވި އެވެ.

އަަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް، އިންފްލޭޝަނަށް އެޖަސްޓްްކުރީމާ، އަންނަ އަހަރުގެ ބަޖެޓް މި އަހަރަށް ވުރެ ގާތްގަނޑަކަށް 10 ޕަސެންޓް ކުޑަވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ފައިސާގެ ޕާޗޭޒިން ޕަވާ ކުޑަވުމުގެ ސަބަބުންނެވެ.

ސަރުކާރުން އެކަންކަމަށް ފުންކޮށް ވިސްނަން ޝަރީފު ގޮވައިލެއްވި އެވެ.