Roadha Mihaaru
ޕްރީސްކޫލާއި ގުރުއާން ކްލާސްތަކަށް 1.5މިލިއަންގެ އެހީ

ޕްރީ ސްކޫލުތަކާއި ގުރުއާން ކްލާސްތަކަށް 1.5 މިލިއަން ރުފިޔާގެ އެހީ ދީފި

17 ނޮވެމްބަރ 2020

ކޮވިޑް-19 އާ ގުޅިގެން އަމިއްލަ ޕްރީ ސްކޫލުތަކާއި ގުރުއާން ކްލާސްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އާ ގުޅިގެން އަމިއްލަ ޕްރީ ސްކޫލުތަކާއި ގުރުއާން ކްލާސްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ، 25 ޕްރީ ސްކޫލަކަށް އެއް މިލިއަން ރުފިޔާ ދޫކުރިއިރު، 23 ގުރުއާން ކްލާހަކަށް ފަސް ލައްކަ ރުފިޔާ ދީފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅީ އެކަމަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އެ ފަރާތްތައް ކަނޑައެޅީ ފައިސާގެ އެހީ ދިނުމުގައި އަމަލުކުރާނެ އުސޫލުގައިވާ ގޮތުގެ މަތިން އެންމެ ގިނަ މާކްސް ލިބުނު ފަރާތްތައް ބަލައިގެންނެވެ.

އެ އުސޫލުގައިވާ ގޮތުން، އެހީ ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ގުރުއާން ކްލާސްތަކަށެވެ. އަމިއްލަ ޕްރީ ސްކޫލުތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލުތަކަކީ ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ވެފައިވާ ތަންތަނަށް ވާން ޖެހެ އެވެ. އަދި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ޕްރީ ސްކޫލަކަށް ވެސް ވާން ޖެހެ އެވެ. އެ މިނިސްޓްރީން ބުނިގޮތުގައި، ސްކޫލްތަކަށް ފައިސާ ދޭއިރު، ފައިސާ ދޭން ޖެހޭ ދަރިވަރުން ކަނޑައަޅާނީ މީމިސް ސިސްޓަމް މެދުވެރިކޮށެވެ. ހުރިހާ ދަރިވަރުން ވެސް މީމިސް ގައި ރަޖިސްޓްރީ ވާން ޖެހެ އެވެ. ރަޖިސްޓަރީ ނުވާ ކުއްޖެއް ނަމަ އެކަން ފުރިހަމަކުރަން މުއްދަތެއް ވެސް ދިނެވެ. މިނިސްޓްރީން ބުނީ އެހީ ލިބޭނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ގުރުއާން ކްލާސްތަކަށް ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ދަރިވަރުންނަށް ކޮށްފައިވާ އަސަރު ހާމަކޮށް، އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ރިޕޯޓުގައި، އަމިއްލަ ސްކޫލުތަކުގެ ތެރެއިން ޕްރީ ސްކޫލު ހިންގާ ތަންތަނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައި ވެ އެވެ.