Roadha Mihaaru
ދިވެހިރާއްޖޭގައި އުޅޭއިރު ހީވަނީ ހުވަފެނެއްހެން: ސާގިބް

ދިވެހިރާއްޖޭގައި އުޅޭއިރު ހީވަނީ ހުވަފެނެއްހެން: ސާގިބް

23 ނޮވެމްބަރ 2020

މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވުން ކަހަލަ ގޮތަކަށް ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ސާގިބް ސަލީމް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވުން ކަހަލަ ގޮތަކަށް ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ސާގިބް ސަލީމް ބުނެފި އެވެ.

"ރޭސް 3" އާއި "މޭރޭ ޑޭޑް މަރޫޓީ" އަދި "ޑިޝޫމް" ފަދަ ފިލްމުތަކުން ފެނިފައިވާ 32 އަހަރުގެ އެކްޓަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ. އަތޮޅުގައި ހިންގާ ފިނޮޅު ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކޮށް ސާގިބް ރާއްޖޭގެ ރީތި ކަމަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފައިވެ އެވެ.

ސާގިބަކީ ބަތަލާ ހުމާ ގްރޭޝީގެ ކޮއްކޮ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "މުޖްސޭ ފްރާންޑްޝިޕް ކަރޯގޭ" އިން ބޮލީވުޑަށް ނުކުތް ސާގިބްގެ ކުރިއަށް އޮތް އެންމެ ބޮޑު ފިލްމަކީ އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯންގެ ކްރިކެޓް ފިލްމު "83" އެވެ. ސާގިބްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ޒީ5 އިން ޕްރިމިއާކުރި "ކޮމެޑީ ކަޕްލް" އެވެ.

އޭނާ ކުޅުނު ވެބް ސީރީޒްތަކުގެ ތެރޭގައި "ރަންގްބާޒް" އާއި "ޕިޔާރު އެކްޗްލީ: ރިއަލް އިޒްް ރެއާ" އަދި "ކްރެކްޑައުން" ހިމެނެ އެވެ.

އާ އަހަރަކާ ކުރިމަތިވަމުން އަންނަ އިރު އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން މި ދުވަސްކޮޅު އަންނަނީ ރާއްޖެ އަށް ޗުއްޓީ އަށް ޒިޔާރަތްކުރަމުންނެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކީ މިހާރު އިންޑިއާގެ މީހުންނެވެ.