Roadha Mihaaru
ދަގަނޑޭ އާއި ވެލެންސިއާ: މާޒީގެ ހަނދާންތަކެއް

ދަގަނޑޭ އާއި ވެލެންސިއާ: މާޒީގެ ހަނދާންތަކެއް

01 ޑިސެމްބަރ 2020

އޮކްޓޫބަރު 31، 2005 ގެ ރޭ ގަލޮޅު ދަނޑުގައި ކުޅެވެމުން ދިޔައީ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ވާދަކުރާ މެޗެވެ. ވިކްޓްރީ 1-0 އިން މޮޅުވި އެ މެޗުގެ، "ހަވީރު އޮންލައިން" ގެ ލައިވް އޯޑިއޯ ކޮމެންޓްރީގައި ނޫސްވެރިޔާ އަބްދުﷲ އަޒްމީނާ އެކު ބައިވެރިވި ނިއުގެ ޗެއާމަން އަލީ އާޒިމް ދިވެހި ފުޓްބޯޅަ އާއިލާ ސިހިގެން ދިޔަ ހަބަރެއް ދެއްވި އެވެ؛

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޮކްޓޫބަރު 31، 2005 ގެ ރޭ ގަލޮޅު ދަނޑުގައި ކުޅެވެމުން ދިޔައީ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ވާދަކުރާ މެޗެވެ. ވިކްޓްރީ 1-0 އިން މޮޅުވި އެ މެޗުގެ، "ހަވީރު އޮންލައިން" ގެ ލައިވް އޯޑިއޯ ކޮމެންޓްރީގައި ނޫސްވެރިޔާ އަބްދުﷲ އަޒްމީނާ އެކު ބައިވެރިވި ނިއުގެ ޗެއާމަން އަލީ އާޒިމް ދިވެހި ފުޓްބޯޅަ އާއިލާ ސިހިގެން ދިޔަ ހަބަރެއް ދެއްވި އެވެ؛

އެތައް ކްލަބަކުން އޭނާގެ ސޮއި ހޯދަން އެހާތަނަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ކްލަބް ވެލެންސިއާގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވެލެންސިއާ ދޫކޮށްލަން ނިންމި ހަބަރެވެ. މާގިނަ އިރުތަކެއް ނުވަނީސް، ވެލެންސިއާއާ އެކު ދަގަނޑޭ ހަދާފައިވާ ކޮންޓްރެކްޓް އެރޭ ހަމަވުމާ އެކު މެންދަމުގެ ވަގުތެއްގައި ދަގަނޑޭ ނިއު އަށް ސޮއިކުރި އެވެ.

އުމުރުން 16 އަހަރުގައި، 2001 ވަނަ އަހަރު ވެލެންސިއާގައި ޖާޒީގައި ގަލޮޅު ދަނޑަށް ނުކުމެ ޖާދޫ ދައްކަން ފެށި ދަގަނޑޭ އެ ކްލަބް ދޫކޮށްލުމަކީ ވެލެންސިއާގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ. ދަގަނޑޭ އަކީ ވެލެންސިއާ އިން ދަރިއެއްހެން ގެންގުޅުނު ކުޅުންތެރިއެކެވެ. އެއް ފަހަރަކު އޭނާ ސައިކަލް އެކްސިޑެންޓެއްވުމުން ފަރުވާ ދިނީ އޭރުގެ ޗެއާމަން އަދީލް ޖަލީލުގެ ގޭގައި ބާއްވައިގެންނެވެ. އެ ކްލަބުން އޭނާ ބަލަމުންދިޔައީ އެހާ ވެސް ގާތުންނެވެ.

ދަގަނޑޭ 2004 ގައި ވެލެންސިއާ އަށް މެޗެއް ކުޅެނީ.

ދަގަނޑޭ 2004 ގައި ވެލެންސިއާ އަށް މެޗެއް ކުޅެނީ.

ވެލެންސިއާ ދޫކޮށްލުމަށް ފަހު ދަގަނޑޭ ނިއުގެ އިތުރުން ރާއްޖޭގެ ވީބީ، މާޒިޔާ، ގްރީންސްޓްރީޓްސް، ޓީސީ އަދި ބުރުނާއީގެ ޑީޕީއެމްއެމް އާއި މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުނެވެ. އެ ކްލަބްތަކަށް އެތައް ކާމިޔާބީއެއް އަދި އިންޑިވިޖުއަލީ ވެސް އެހާމެ ގިނަ ކާމިޔާބީތަކެއް ހާސިލްކުރި އެވެ. އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ މިހާރު ގުނަމުން އެދަނީ ކެރިއަރުގެ ފަހު ދުވަސްތަކެކެވެ.

އެކަމަކު އޭނާގެ ސަޕޯޓަރުންނަށް ވެސް އަދި ދިވެހި ފުޓްބޯޅަ އާއިލާ އަށް، ދަގަނޑޭގެ ކެރިއަރުގައި އަދި ބައެއް ކަންކަން ފުރިހަމަނުވެ އޮތް ކަމުގެ އިހުސާސް ކުރެވޭނެ އެވެ. ދަގަނޑޭ 15 އަހަރު ފަހުން ރޭ އަލުން ވެލެންސިއާ އަށް ބަދަލުވުމާ އެކު، ފުރިހަމަ އެވީ އޭގެ ތެރެއިން އެއް ކަންތަކެވެ. މާޒީގެ ރީތި ހަނދާންތައް އާކުރުމަށްޓަކައި ދަގަނޑޭ އަލުން ވެލެންސިއާގެ ރީނދޫ ޖާޒީގައި ކުޅޭ މަންޒަރަށް ދިވެހި ފުޓްބޯޅަ އޮތީ ފެންބޮވައިގެންފަ އެވެ. ކެރިއަރު ފެށި ކްލަބަށް އަދި އެއް ފަހަރު ނަމަވެސް ހިދުމަތެއް ކޮށްދިނުމަކީ ދަގަނޑޭ ވެސް އެދިއެދި ހުންނާނެ ކަމެއް ކަމަށް ބެލެވެ އެވެ. އެފަދަ އެތައް ސަބަބުތަކެވެ.

ދަގަނޑޭ ވެލެންސިއާ އަށް ކުޅެދިން ހަތަރު އަހަރަކީ އެތައް ހަނދާންތަކެއް ރައްކާކުރެވިފައިވާ އަހަރުތަކެކެވެ. ދަގަނޑޭގެ ފުރަތަމަ ފެނިލުމަކީ 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި އުމުރުން 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ކުޅުމެވެ. އެ މުބާރާތުގެ ފައިނަލުގައި ވެލެންސިއާ އިން 1-0 އިން ވިކްޓްރީ ބަލިކޮށް ތަށި ހޯދުމާ އެކު ކުޑަކުޑަ ދަގަނޑޭގެ ކަރުގައި ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް އެޅުވިގެންދިޔަ އެވެ.

ދަގަނޑޭ (ވ-2) ލަނޑެއް ޖެހުމަށް ފަހު ލައްޗޭ (ކ) އާއި ސައްޕާ (ކ-2) އާއި ތޮއްޑޫ (ކ-3) އަދި ލުއްޑާއާ އެކު އުފާފާޅުކުރަނީ.

ދަގަނޑޭ (ވ-2) ލަނޑެއް ޖެހުމަށް ފަހު ލައްޗޭ (ކ) އާއި ސައްޕާ (ކ-2) އާއި ތޮއްޑޫ (ކ-3) އަދި ލުއްޑާއާ އެކު އުފާފާޅުކުރަނީ.

ފުރަތަމަ އަހަރު އެންމެ މުބާރާތެއްގައި ކުޅެ އެންމެ ލަނޑެއް ކާމިޔާބުކުރެވުނު ނަމަވެސް ދަގަނޑޭގެ ފުރަތަމަ ފުލް ސީޒަނުގައި، 2002 ވަނަ އަހަރު 12 ގޯލް ޖެހި އެވެ. އެއީ ދަގަނޑޭ ހިމެނިގެން، އަލީ އުމަރާއި އަލީ ޝިހާމް، "ތިން އަލީ" ގެ ޖާދޫ ވެލެންސިއާ އިން ދެއްކި ސީޒަނެވެ. ތޮއްޑޫ މުހައްމަދު ނިޒާމުގެ މޮޅު ޕާސްތަކަށް އަރައި ދަގަނޑޭ ހިތްގައިމު ގޯލްތަކެއް ޖެހި އެވެ. ލަނޑު ޖެހުމަށް ފަހު ނުއަތަށް ބުރު އެއްލި އެވެ. އެ އަހަރުގެ ދިވެހި ލީގުގައި ނިއު ކޮޅަށް ފުންނާބުން ޖެހި ލަނޑަކީ ދަގަނޑޭގެ އެންމެ ހާއްސަ އެއް ލަނޑެވެ.

ޖެހިގެން އައި 2003 ގައި 36 ގޯލް ޖެހުމަށް ފަހު ދަގަނޑޭ 2004 ވަނަ އަހަރު ކުރިމަތިލީ ކެރިއަރުގެ އެންމެ ހާއްސަ އެއް ސީޒަނާ އެވެ. އެ އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕްވިނާސް ކަޕުގެ ފައިނަލުގައި އައިއެފްސީ 1-0 އިން ބަލިކޮށް ވެލެންސިއާ ތަށި ހޯދި އެވެ. ދެން އޮތް އެފްއޭ ކަޕުގެ ފައިނަލުގައި ވިކްޓްރީ 2-0 އިން ބަލިކޮށް ވެލެންސިއާ ތަށި ހޯދި އެވެ. އެ ސީޒަނުގައި ދަގަނޑޭ 37 ގޯލް ޖަހައި އެއް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދި އެވެ.

އެކަމަކު އެ އަހަރުގެ މާލޭ ލީގުގައި ނިއު އަތުން 3-2 އިން ވެލެންސިއާ ބަލިވި މެޗަކީ އެ ކްލަބާއި ދަގަނޑޭއާ ދެމެދު ދުރުމިނެއް އުފެދުނު މެޗެކެވެ. އެ މެޗުން ނިއު ބަލިނުވެ ފަރުޖައްސާލައި ނަމަ އެ ޓީމަށް ލީގު ލިބޭނެ އެވެ. ވެލެންސިއާ މޮޅުވެއްޖެ ނަމަ ލީގު ލިބޭނީ ވިކްޓްރީ އަށެވެ. ނިއުއާ އަބަދުވެސް ދެކޮޅުވެރިކަމެއް އޮންނަ ވެލެންސިއާގެ ކޯޗު ލާސްލޯ ކިސް ހުރީ ނިއު އަށް ލީގު ލިބުނަނުދޭން ފޫގަޅައިފަ އެވެ.

ވެލެންސިއާގެ ކުރީގެ ކޯޗު ކިސް.

ވެލެންސިއާގެ ކުރީގެ ކޯޗު ކިސް.

އެ މެޗުގައި ވެލެންސިއާ 2-1 އިން ކުރީގައި އޮއްވާ ތިން ވަނަ ލަނޑެއް ޖަހަން ދަގަނޑޭ އަށް މަގުފަހިވި އެވެ. އެކަމަކު އޭރިއާ ތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ ހުސްކޮށް އޮތް ކުޅުންތެރިޔާ ނުދީ އޭނާ މަސައްކަތްކުރީ އެތެރެއަށް ދެމި ގަންނާށެވެ. އެ ވަގުތު ނިއުގެ ޑިފެންޑަރަކު އެ ބޯޅަ އަތުލައި އުފެއްދި ހަމަލައެއްގައި އިލިއާ ވަލްޗޭފް ގޯލް ޖަހައި 2-2 އަށް ނަތީޖާ ބަދަލުކުރި އެވެ.

އެއާ އެކު ކިސް ރުޅިގަދަދަވި އެވެ. އިރުކޮޅެއް ތެރޭ އިލިއާ ނިއު އަށް ދެ ވަނަ ގޯލެއް ޖަހައިދީ އެ ޓީމަށް ލީގު ކަށަވަރުކޮށްދިނެވެ. އެއާ އެކު ކިސްގެ ރުޅިގަނޑު ފަޅައިގެން ގޮސް ދަގަނޑޭ އަށް އެންގީ އަޅައިގެން ހުރި ކެޕްޓަން ބޭންޑް ބޭލުމަށް ފަހު ދަނޑުން ފޭބުމަށެވެ. އޭރު ވެލެންސިއާގެ ތިން ބަދަލު ހަމަވެފައި އޮތުމުން ބާކީ 10 މިނެޓަށް އެހެން ކުޅުންތެރިޔަކު އެރުވެން ނެތަސް ކިސް އައިސްފައި ހުރި ރުޅިން ބޭނުންވީ ދަގަނޑޭ ބާލަށެވެ. އޭނާ މަޑުމަޑުން ފައިބައިގެން ގޮސް ދިޔައީ ޗޭންޖިން ރޫމަށެވެ.

އެހިސާބުން ދަގަނޑޭ އާއި ކިސްއާ ދެމެދު ގުޅުން ގޯސްވި އެވެ. އަދި އެ ސީޒަން ނިމުމުން ދަގަނޑޭ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވުނެވެ. އޭނާ ގެންދަން ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. އެކަމަށް ބާރު ލިބެނީ ޖެހިގެން އައި 2005 ގެ ވެލެންސިއާ ޕްރެކްޓިސް ފެށިއިރު ވެސް އޭނާ ކޮންޓްރެކްޓް އާނުކުރުމެވެ. އެކަމަކު ވަގުތު ނިންމީ ވެލެންސިއާގައި މަޑުކުރާށެވެ.

ދަގަނޑޭ (ކ) އާއި އަދީލް ޖަލީލް ކޮންޓްރެކްޓް ދައްކާލަނީ.

ދަގަނޑޭ (ކ) އާއި އަދީލް ޖަލީލް ކޮންޓްރެކްޓް ދައްކާލަނީ.

އެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕްވިނާސް ކަޕުގެ ފައިނަލުގައި ދަގަނޑޭގެ ދެ ލަނޑުން ވިކްޓްރީ 2-1 އިން ބަލިކޮށް ވެލެންސިއާ ތަށި ހޯދި އެވެ. އެކަމަކު އެފްއޭ ކަޕުގެ ފައިނަލުން ނިއު އަތުން 2-0 އިން ބަލިވީ އެވެ. އެ މެޗުގައި އޭނާގެ ކެރިއަރުގައި 100 ވަނަ ގޯލް ޖަހަން ދަގަނޑޭ އަށް ފުރުސަތު އޮތް ނަމަވެސް އެ މެޗުގައި އެކަން ކާމިޔާބެއް ނުވި އެވެ. ދެން އޮތް މުބާރާތް ކަމަށްވާ ދިވެހި ލީގުގެ އައްޑަނައިގައި ވެސް ވެލެންސިއާ އަށް އަތްލެވޭ ގޮތެއް ނުވި އެވެ. ހުއްރިއްޔާ ކާމިޔާބުކުރި އެ މުބާރާތުގެ ހަތަރު ވަނަ އަށް ވެލެންސިއާ ދިއުމުން ޖެހުނީ ގައުމީ މުބާރާތުގެ ދެ ވަނަ ސެމީގައި ވިކްޓްރީއާ ވާދަކުރާށެވެ.

އެ މެޗުން ވިކްޓްރީ އަތުން 5-1 އިން ވެލެންސިއާ ބަލިވެ ސީޒަން ނިންމާލަން ޖެހުނެވެ. އެ މެޗު ވެގެންދިޔައީ ދަގަނޑޭ ވެލެންސިއާ އަށް ކުޅެދިން އެންމެ ފަހު މެޗަށެވެ. އަދި އެ މުބާރާތް ނިމުމާ އެކު ދަގަނޑޭ ވެލެންސިއާ ދޫކޮށްލި އެވެ. އޭނާ ވަނީ ހަތަރު އަހަރުގެ ތެރޭގައި އެ ޓީމާ އެކު ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕާއި ޕޮމިސް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެ ޓީމަށް 109 މެޗުން 104 ގޯލު ޖަހައިދިނެވެ.

އޭގެ 15 އަހަރު ފަހުން، ދަގަނޑޭ މިވަނީ އަލުން ވެލެންސިއާއާ ގުޅިފަ އެވެ. ރޭ ވެލެންސިއާ އަށް ސޮއިކުރުމަށް ފަހު ދަގަނޑޭ ކޮންޓްރެކްޓް ހިފައިެން ފޮޓޯއަކަށް ހުއްޓިހުރީ އޭނާ އެންމެ ފުރަތަމަ ވެލެންސިއާ އަށް ގެންދިޔަ ޗެއާމަން އަދީލް ޖަލީލާ އެއްކޮށެވެ. އެ ފޮޓޯއާ އެކު ދަގަނޑެގެ ކެރިއަރުގައި ފެށުނު އާ ޗެޕްޓަރުގެ ފުރަތަމަ ފެނިލުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ގްރީންސްޓްރީޓްސްއަ ދެކޮޅަށެވެ. މި ޗެޕްޓަރާ އެކު ދަގަނޑޭ އާއި ވެލެންސިއާގެ މާޒީގެ އެތައް ހަނދާންތަކެއް އާވާނެ އެވެ.