Roadha Mihaaru
ދަގަނޑޭ އަށް ވެލެންސިއާގެ ކެޕްޓަންކަން ދީފި

ދަގަނޑޭ އަށް ވެލެންސިއާގެ ކެޕްޓަންކަން ދީފި

13 ޑިސެމްބަރ 2020

އަލީ އަޝްފާގް (ދަގަނޑޭ) އަށް ކްލަބް ވެލެންސިއާގެ ކެޕްޓަން ބޭންޑް ދީފި އެވެ.

އަލީ އަޝްފާގް (ދަގަނޑޭ) އަށް ކްލަބް ވެލެންސިއާގެ ކެޕްޓަން ބޭންޑް ދީފި އެވެ.

ދާދި ފަހުން ވެލެންސިއާ އަށް ސޮއިކުރި ދަގަނޑޭ ވަނީ ކެރިއަރު ފަށައިގެން ފުރަތަމަ ފަސް ސީޒަނުގައި ވެލެންސިއާ ކުޅެފަ އެވެ. އަދި އޭނާ ވަނީ ވެލެންސިއާގެ އޭރުގެ ކެޕްޓަނުން ކަމަށްވާ އައްސަދު އަބްދުލްގަނީ އާއި ތޮއްޑޫ މުހައްމަދު ނިޒާމުގެ ބަދަލުގައި ބައެއް މެޗުތަކުގައި ބޭންޑް އަޅައިފަ އެވެ.

ދަގަނޑޭ ވަނީ އޭނާ ކުޅުނު ޓީމުތަކުގެ ތެރެއިން ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، ގްރީންސްޓްރީޓްސް އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން ބޭންޑް ވެސް އަޅައިފަ އެވެ. އޭނާ ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް އަހަރުތަކެއްގައި ކޮށްފަ އެވެ.

ވެލެންސިއާގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ދަގަނޑޭއާ އެކު ދާދި ފަހުން އެ ޓީމަށް ސޮއިކުރި އަކްރަމް އަބްދުލްގަނީ އެވެ. މިއީ އަކޫ ވެލެންސިއާ އަށް ކުޅޭ ހަތަރު ވަނަ ފަހަރެވެ. އެ ގޮތުން ފުރަތަމަ ވެލެންސިއާ އަށް ކުޅުނީ 2006 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް ވެލެންސިއާއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އަދި ތިން ވަނަ ފަހަރު 2016 ވަނަ އަހަރު އެ ޓީމަށް ކުޅުނެވެ. އަކޫ އަކީ 10 އަހަރުތެރޭ ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުގައި ހޯދި ފުރަތަމަ ތަށި ކަމަށްވާ 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

އާ ސީޒަނުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗުގައި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ ބައްދަލުކުރާނީ ކްލަބް ގްރީންސްޓްރީޓްސްއާ އެވެ.