Roadha Mihaaru
އެއް ކަމެއްގައި ހައި ކޯޓުގެ ނިންމުން ދެގޮތަކަށް!

ބަންދު އަމުރު މުރާޖާކުރުމާ މެދު ހައި ކޯޓުން ނިިންމުން ދެ ގޮތަކަށް!

10 ޑިސެމްބަރ 2020

ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް މުރާޖާކުރުމާ ބެހޭ މައްސަލައެއްގައި ހައި ކޯޓުން އިއްޔެ ދެ ބެންޗަކުން ދެ ގޮތަކަށް މައްސަލަ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް މުރާޖާކުރުމާ ބެހޭ މައްސަލައެއްގައި ހައި ކޯޓުން އިއްޔެ ދެ ބެންޗަކުން ދެ ގޮތަކަށް މައްސަލަ ނިންމައިފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް ކޮންމެ 30 ދުވަހަކުން މުރާޖާކުރަން ޖެހޭނެ އެވެ. އެކަމަކު މުރާޖާކުރަންޖެހެނީ ކޮން ފަރާތަކުން ކަމެއް އެ ގާނޫނުގައި ބަޔާން ކޮށްފައެއް ނޯވެ އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހަައްޔަރުކުރި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިޔަސް، 30 ދުވަސް ތެރޭގައި އެ އަމުރު މުރާޖާކުރަން ކޯޓަށް ހާޒިރުު ކޮށްފައެއް ނުވެ އެވެ. އަދި 30 ދުވަސް ހަމަވި ފަހުން ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ނިންމާފައިވަނީ އެ މީހުން ބަންދުކުރަން ނިންމި ނިންމުމަށް ބަދަލު ނުގެނައުމަށެވެ.

އެ މައްސަލަ އެ ހަތަރު މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ވަކިވަކިން އިއްވި ހުކުމްތަކުގެ ތެރެއިން އެއް މައްސަލައެއްގައި ހުކުމް އައީ އަނެއް ތިން މައްސަލައާ ތަފާތުކޮށެވެ. ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރު ކޮންމެ 30 ދުވަހަކުން މުރާޖާ ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް އޭގެ ތެރެއިން ތިން މައްސަލައެއްގައި ހައި ކޯޓުން ނިންމި އެވެ. އެކަމަކު ހަތަރު ވަނަ މައްސަލާގައި ނިންމީ އެ މުއްދަތުގެ ތެރޭގައި ބަންދު އަމުރު މުރާޖާ ނުކުރުމުން އެއީ ގާނޫނާ ޚިލާފް ބަންދަކަށް ވާނެ ކަމަށެވެ. އެއް ކަމެއްގައި ދެ ގޮތަކަށް މައްސަލަ ނިންމި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބޭފުޅުން ތަފާތެވެ.

ބަންދު އަމުރު ކޮންމެ 30 ދުވަހަކުން މުރާޖާ ނުކުރުމުން އެ ބަންދެއް ގޯސްވާނެ ކަމަށް ނިންމި މައްސަލާގައި ބެންޗްގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެގޮތަށް ނިންމެވީ ފަނޑިޔާރު ފައިސަލް އާއި ފަނޑިޔާރު ފަރުހީޒާގެ އަޣުލަބިއްޔަތުންނެވެ.

އެ ބޭފުޅުންގެ އަޣުލަބިއްޔަތު ރަައުޔުގައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް ކޮންމެ 30 ދުވަހަކުން މުރާޖާ ކުރަންޖެހޭ ގޮތަށް ގާނޫނުގައި ލިޔެފައިވަނީ ވަކި މަގްސަދުތަކެއް ހާސިލްކުރަން ކަމަށެވެ. އަދި އެ މުއްދަތުގައި ބަންދު އަމުރު މުރާޖާ ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ބަލާ ނަމަ އެއީ ގާނޫނުގެ މަގްސަދާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެންވެ، އަމުރު މުރާޖާކުރުމެއް ނެތި ބަންދުކުރުން ގާނޫނާ ޚިލާފް ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަމަކު ފަނޑިޔާރު ޝަފީއުގެ ރައުޔަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު، ކޮންމެ 30 ދުވަހަކުން އެ ކޯޓު އަމުރު މުރާޖާ ނުކޮށް އޮތުމަކީ އެ ބަންދެއް ގާނޫނާ ޚިލާފްވާނެ ސަބަބެއް ނޫން ކަމަށެވެ. އަދި ބަންދު އަމުރު މުރާޖާ ނުކުރާ ނަމަ ކޮންމެ 30 ދުވަހަކުން އެ އަމުރު ނިމުމަކަށް އައުމަކީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ގާނޫނުން ދީފައިވާ އިހްތިޔާރުގެ ބޭނުން ކެނޑޭނެ ކަމަކަށް ވާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ. އެހެންވެ، ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރު މުރާޖާނުކުރުމަކީ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވެ އެވެ.

ދެން އޮޮތް ތިން މައްސަލަ ބެއްލެވި ބެންޗުގައި ވެސް ފަނޑިޔާރު ޝަފީއު އާއި ފަނޑިޔާރު ފަރުހީޒާ އިންނެވި އެވެ. މި މައްސަލަތަކުގައި ނިންމުން ތަފާތުވީ ފަނޑިޔާރު ފައިސަލްގެ ބަދަލުގައި މީގެ ތެރެއިން ދެ މައްސަލައެއްގައި ފަނޑިޔާރު އަބްދުﷲ ހަމީދު އަދިި ތިން ވަނަ މައްސަލާގައި އިސް ފަނޑިޔާރު ހާތިފް ހިލްމީ ބެންޗްގައި އިންނެވުމުން ފަނޑިޔާރު ޝަފީއުގެ ރައުޔަށް އަޣުލަބިއްޔަތު ލިބުމުންނެވެ.

ފަނޑިޔާރު ޝަފީއުގެ ރައުޔަށް ތާއީދު ކުރައްވައި، ފަނޑިޔާރު ހަމީދާއި އިސް ފަނޑިޔާރު ހާތިފްގެ ރައުޔަކީ ވެސް ބަންދު އަމުރު މުރާޖާ ނުކުރުމުން އެ ބަންދެއް ގާނޫނާ ޚިލާފް ނުވާނެ ކަމަށާއި އެއީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އެ ބަންދު އަމުރެއް ބާތިލްވާނެ ސަބަބެއް ނޫން ކަމަށެވެ. މި ތިން މައްސަލާގައި ވެސް ފަނޑިޔާރު ފަރުހީޒާގެ ރައުޔަކީ ބަންދު އަމުރު މުރާޖާ ނުކުރުމުން އެ ބަންދެއް ގާނޫނާ ޚިލާފްވުމެވެ.

ގާނޫނީ ނުކުތާއާ މެދު ކުރިން ނިންމާފައިވާ ނިންމުމަކާ ތަފާތުކޮށް މަތީ ކޯޓުތަކުން މައްސަލައެއް ނިންމާ ނަމަ، އެކަން އެގޮތަށް ނިންމާ ސަބަބެއް އާންމުކޮށް ހުކުމްތަކުގައި ބަޔާން ކުރެ އެވެ. އެކަމަކު މި ހުކުމްތަކުގައި އެފަދަ ވާހަކައެއް ވެސް ބަޔާން ކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް ހައި ކޯޓުން އެފަދަ ގޮތަކަށް ދެ މައްސަލައެއް ނިންމި އެވެ. އެއީ ރިޔާސީ ލޯންޗް ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އުސޫލުތަކާ ޚިލާފަށް ލޯންޗުން ހެކި ނަގައިގެން ގެންދިޔަ ކަމަށް ބުނެ ސިފައިންގެ ދެ މީހެއްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މައްސަލައިގަ އެވެ. އެ ދެ މީހުންނަށް ދައުވާކުރީ އެއް ކަމަކަށެވެ. އަދި ހުށަހަޅާފައިވަނީ އެއް ހެކިތަކަކާއި ދިފާއުތަކެކެވެ. އެކަމަކު މިދިޔަ އަހަރު ހައި ކޯޓުން ނިންމީ އެކަކުގެ ޖަލު ހުކުމް ދެމެހެއްޓުމަށާއި ދެވަނަ މީހާގެ ޖަލު ހުކުމް ބާތިލް ކުރުމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހު ނިންމާފައިވާ ގޮތުން އެއް މައްސަލައެއް ވަކިވަކިން އިސްތިއުނާފް ކުރާ ހާލަތްތަކުގައި އެ މައްސަލައެއް ހައި ކޯޓުން ބަލަންވާނީ އެއް ބެންޗަކުންނެވެ. އެއީ އެކި ބެންޗްތަކުން އެއް މައްސަލައެއް ބެލުމުން އިންސާފަށް ހުރަސް އެޅިދާނެތީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.