Roadha Mihaaru
މި އަހަރުގެ ގްރެމީ އެވޯޑްސް މާޗަށް ފަސްކޮށްފި

މި އަހަރުގެ ގްރެމީ އެވޯޑްސް މާޗަށް ފަސްކޮށްފި

08 ޖެނުއަރީ 2021

ނޮވެމްބަރު މަހުގެ ތެރޭގައި ނޮމިނޭޝަންތައް އިއުލާންކޮޮށްފައިވާ މި އަހަރުގެ ގްރެމީ އެވޯޑްސް ހަފުލާ މާޗަށް ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނޮވެމްބަރު މަހުގެ ތެރޭގައި ނޮމިނޭޝަންތައް އިއުލާންކޮޮށްފައިވާ މި އަހަރުގެ ގްރެމީ އެވޯޑްސް ހަފުލާ މާޗަށް ފަސްކޮށްފި އެވެ.

ކުރިން މި މަހުގެ 31 ގައި ވާޗުއަލްކޮށް ބާއްވަން ތާވަލުކުރީ ހަފުލާ ކޮވިޑް-19 އާ ހެދި ފަސްކުރީ މާޗް މަހުގެ 14 އަށެވެ. ހަފުލާ ފަސްކުރި މައިގަނޑު ސަބަބަކީ ކޮވިޑްގެ ހާލަތު އެމެރިކާގައި އަދި އެވޯޑް ހަފުލާ ބާއްވާ ލޮސް އެންޖެލިސްގައި ވެސް ރަނގަޅުވަމުން ނުދިއުމެވެ.

ގްރެމީ އެވޯޑްސް އިންތިޒާމުކުރާ ރެކޯޑިން އެކެޑަމީން ބުނީ މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައި ވަނީ ސިއްހަތަށް ކަމަށްވާތީ އެވޯޑް ހަފުލާ މި ދަނޑިވަޅުގައި ބާއްވައިގެން އިތުރު މައްސަލަތަކެއް ކުރިމަތިވާން ބޭނުން ނުވާ ކަމަށެވެ.

ގްރެމީ އެވޯޑް ހަފުލާ މާޗް 14 އަށް ތާވަލުކޮށްފައިވާތީ މިއީ ބޮޑު އެހެން އެވޯޑް ހަފުލާއަކާ ފުށުއަރާނެ ކަމެކެވެ. އެއީ ސްކްރީން އެކްޓާސް ގިލްޑް އެވޯޑް (ސެގް) އެވެ. ގްރެމީ އެވޯޑް ހަފުލާ މާޗް 14 އަށް ތާވަލުކުރުމުން އެ އެވޯޑް އިންތިޒާމުކުރާ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސެގުން ބުނީ އެ މީހުންގެ އެވޯޑް ހަފުލާ މާޗް 14 ގައި ބާއްވަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށްވާތީ ގްރެމީ އެވޯޑް ހަފުލާގެ އިންތިޒާމު ކުރާ ފަރާތުން އެކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ.

"އެހެންވީމާ އަހަރެމެން އުންމީދުކުރަން ގްރެމީ ބާއްވާ ތާރީހާ މެދު ރެކޯޑިން އެކެޑަމީން އަލުން ގޮތެއް ނިންމާނެ ކަމަށް،" ސެގުން ނެރުނު ބަޔާނެއްގައި ބުންޏެވެ. "އަދި މިކަމާ ގުޅޭ ގޮތުން އަހަރެމެން އަންނަނީ މަޝްވަރާ ވެސް ކުރަމުން."

މިދިޔަ އަހަރު ލައިގަތް ކޮވިޑާ ހެދި ވަރަށް ގިނަ ހަފުލާތަކެއްގެ ތާރީހަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ. އެގޮތުން ފިލްމީ ދާއިރާ އިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑްތައް ކަމަށްވާ އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ވެސް ވަނީ ކުރިން ތާވަލުކުރި ތާރީހު ފަހުގެ ތާރީހުތަކަށް ފަސްކޮށްފަ އެވެ.

ގްރެމީ އަކީ މިއުޒިކީ ދާއިރާ އިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އަހަރު ބާއްވާނީ 63 ވަނަ އެވޯޑް ހަފުލާ އެވެ.