Roadha Mihaaru
އަދުރޭއާ އެކު 24 މީހަކު މުޒާހަރާ އިން ހައްޔަރުކޮށްފި

އަދުރޭއާ އެކު 24 މީހަކު މުޒާހަރާ އިން ހައްޔަރުކޮށްފި

25 ޖެނުއަރީ 2021

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއިން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެކު 24 މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއިން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެކު 24 މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ) ކުރިމަތީގައި ސުލްހަވެރިކަމާ އެކު އިހުތިޖާޖުކޮށް އަޑުއުފުލަމުން ދަނިކޮށް އަނިޔާވެރިކަމާ އެކު ގާނޫނުން ބޭރުން އެ އެއްވުން ރޫޅާލާފައިވާ ކަމަށެވެ.

އެއަށްފަހު، އިދިކޮޅު ކޯލިޝަން ހިންގުމުގައި މި ވަގުތު އިސްކޮށް ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާއި ކައުންސިލް މެމްބަރުންގެ އިތުރުން ޕާޓީގެ ސަޕޯޓަރުންނާއެކު 24 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ. އެކަމަކު ފުލުހުން ބުނީ މުޒާހަރާ އިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 21 މީހުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާކުރަނީ.-- ފޮޓޯ: އިދިކޮޅު ކޯލިޝަން

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާކުރަނީ.-- ފޮޓޯ: އިދިކޮޅު ކޯލިޝަން

ކައުންސިލް އިންތިޚާބު ބާއްވަން އެންމެ ފުރަތަމަ ތާވަލްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި އިންތިޚާބު ނުބޭއްވި ލަސްވެގެން ދިޔައީ އެވެ. ރައްޔިތުންގެ މަޖިލީހުން މި ފަހުން ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅުގައި ވެސް އެ އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ. އެއާއެކު، އިންތިޚާބު ބާއްވާނެ ތާރީހެއް މާދަމާ އިއުލާނުކުރަން އީސީން ވަނީ ނިންމައިފަ އެވެ.

އެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާކުރަނީ.-- ފޮޓޯ: އިދިކޮޅު ކޯލިޝަން

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާކުރަނީ.-- ފޮޓޯ: އިދިކޮޅު ކޯލިޝަން

"އީސީގެ އިދާރާއަކީ ގްރީން ޒޯނެއް ނޫން ކަމާއި އެއްވެ ތިބި މެމްބަރުން އަޑު އުފުލަމުން ދިޔައީ ސުލްހަވެރިކަމާ އެކު ކަން ފާހަގަކޮށް، ގާނޫނު އަސާސީން އަދި ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގަކަށް ހުރަސްއެޅިކަމާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރިކަމުގެ މައްސަލަ އުފުލާނެކަމުގެ އިންޒާރު ވެސް ޕީޕީއެމް-ޕީއެންސީ އިން ވަނީ ދީފަ އެވެ،" ބަޔާނުގައި ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި ސަރުކާރުން ކެމްޕެއިން ކުރަނީ ކޮވިޑުގެ ނިވާފަތްގަނޑުގައި ތިބެގެންނެވެ. އިންތިޚާބު ލަސްކުރަމުން ދަނީ ވެސް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއާ މެދު އޮތް ރުޅިވެރިކަމާއި ފޫހިކަމުގެ ޝުއޫރުތަކަށް ފިނިކަމެއް ގެންނަން ވަގުތު ހޯދަން ކަމަށާއި އެކަމަކު ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް އިންތިޚާބު ލަސްކުރަމުންދިއުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި ޑިމޮކްރަސީއަށް ބީރައްޓެހިކަން ސާބިތުވާ ކަމެއް ކަމަށް ބުންޏެވެ.