Roadha Mihaaru
ނުފޫޒު ފޯރުވައިގެން ކެންޑިޑޭޓުން ނަން ނެގިކަމަށް ބުނެފި

އިދިކޮޅުން ތުހުމަތުކުރަނީ ނުފޫޒު ފޯރުވައިގެން ކެންޑިޑޭޓުން ނަން ނެގީ ކަމަށް

23 ފެބުރުއަރީ 2021

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިމަތިލި 38 މީހަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެއީ ވެރިކަމުގައި އޮތް އެމްޑީޕީން ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިމަތިލި 38 މީހަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެއީ ވެރިކަމުގައި އޮތް އެމްޑީޕީން ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކޮށްފި އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ޕީޕީއެމް/ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އިންތިހާބަށް ކެމްޕެއިން ކުރަން ފުރުސަތު ލިބެން ދަތިވުމުން ވެސް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔަ ކަމަށެވެ. ނަމަވެސް ގިނަ ކެންޑިޑޭޓުން ނަން ގެންދިޔައީ އެމްޑީޕީގެ ނުފޫޒުން ކަމަށް ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުން އަޅުގަނޑުމެންގެ ތެރެއިން ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނަގާފައި ވަނީ އެމްޑީޕީން ހުށަހަޅާފައިވާ ފައިސާތަކުގެ ކަންތައްތަކުގައި ކަމަށް،" އެއްވެސް ހެއްކެއް ދެއްކުމަކާ ނުލައި ޚަލީލް ވިދާޅުވި އެވެ.

އިންތިޚާބަށް ކުރިމަތިލުމަށް ފަހު ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ކަނޑައެޅި ސުންގަޑި މިހާރު ހަމަވެފައި ވާއިރު އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ އެމްޑީޕީން ކުރިމަތިލި މީހުންނެވެ. އެ ޕާޓީގެ 84 މީހަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އިދިކޮޅުން ބުނަނީ އެއީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ނެތީމާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލި މީހުންގެ ތެރެއިން 308 މީހުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެއާ އެކު 120 ކެންޑިޑޭޓަކު އިންތިހާބަކާ ނުލައި ވަނީ ހޮވިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ އަށް ލިބުނު ގޮނޑިތައް ގިނަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ 22 މަގާމަކަށް 30 ކެންޑިޑޭޓަކު ހޮވިފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 31 ދާއިރާއަކަށް 90 މެންބަރުން ވަނީ ހޮވިފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ކެމްޕެއިނަށް ހުރަސްއެޅިފައިވާ ކަމަށާއި ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ކުރާ ތުހުމަތު އިދިކޮޅުން މިއަދު ވެސް ތަކުރާރުކުރި އެވެ. ކޮވިޑް ފެތުރިފައިވާ ރަށްރަށުން އެހެން ރަށްރަށަށް މީހުން ދިއުން މަނާވެފައި ވާތީ އެކަމުގެ ހުއްދަ ހޯދަން އެޗްޕީއޭގައި އެދުމުން ވެސް ހުއްދަ ނުދޭ ކަމަށް ހަލީލް ވިދާޅުވި އެވެ. އެހެންވެ މިހާރު އިދިކޮޅުން ކެމްޕެއިން ހިންގަމުން އަންނަނީ އޮންލައިންކޮށާއި ފޯނުން ގުޅައިގެން ކަމަށް ވިދާޅުވި އެވެ.

ރަށްރަށުގައި ތިބި ޕާޓީގެ ކެންޑިޑޭޓުން، ރަށުގައި ތިބެގެން ކެމްޕެއިން ކުރުމަށް އޭނާ އެދިވަޑައިގަތެވެ.