Roadha Mihaaru
ސީރީޒް "ކެޝުއަލް" ގެ ހިންދީ ވާޝަނެއް ގެނެސްދެނީ

ސީރީޒް "ކެޝުއަލް" ގެ ހިންދީ ވާޝަނެއް ގެނެސްދެނީ

27 ފެބުރުއަރީ 2021

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ ސީރީޒް "ކެޝުއަލް" ގެ ހިންދީ ވާޝަނެއް ހަދަން ނިންމައި މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ ސީރީޒް "ކެޝުއަލް" ގެ ހިންދީ ވާޝަނެއް ހަދަން ނިންމައި މަސައްކަތް ފަށައިފި އެވެ.

ހުލޫ އިން ހަތަރު ސީޒަނަކަށް 2015-2018 އަށް ގެނެސްދިން ސީރީޒްގެ ހިންދީ ވާޝަނަށް ނަގާފައި ތަރިންގެ ތެރޭގައި ލާރާ ދައްތާ އާއި ޕްރަތީކް ބައްބަރް ހިމެނެ އެވެ. މިސް ޔުނިވާސްގެ ތާޖު 2000 ވަނަ އަހަރު ހާސިލުކުރި ލާރާ އަކީ މެއި 28 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.

ޕްރަތީކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 19 ގައި ރިލީޒްކުރާ "މުމްބާއީ ސާގާ" އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ކެޝުއަލް" ގެ ހިންދީ ރިމެކް ހަދަން ނިންމީ އެ ސީރީޒް ގެނެސްދިން ލަޔަންސްގޭޓް ޓެލެވިޝަން ގްރޫޕާއި ސްޓާޒް އަދި ލަޔަންސްގޭޓް އިންޑިއާ ގުޅިގެންނެވެ. ޑައިރެކްޓަރަކީ ކުނާލް ކޯލީ އެވެ.

"ކެޝުއަލް" ގެ ހިންދީ ވާޝަނުގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު "ޕްރޮޖެކްޓް 23" ގެ ނަމުގައި އޭގެ ވާހަކަ އޭނާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މިހާރު ތަންކޮޅެއް ޑައިރެކްޝަނާ ދުރުގައި ހުރި ކުނާލް އަކީ ވަރަށް ރީތި ފިލްމުތަކެއް ގެނެސްދީފައިވާ މީހެކެވެ. އޭގެ ތެރޭގައި "ހަމް ތުމް" އާއި ފަނާ" އަދި "ތޯޅާ ޕިޔާރު ތޯޅާ މެޖިކް" ހިމެނެ އެވެ. ކުނާލް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ދާދި ފަހުން ޒީ5 އިން ޕްރިމިއާކުރި "ލާހޯރް ކޮންފިޑެންޝަލް" އެވެ.

"ކެޝުއަލް" ގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު "ޕްރޮޖެކްޓް 23" ގެ ނަމުގައި މީގެ ވާހަކަ ކުނާލް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ކުނާލްއާ އެކު "ކެޝުއަލް" ގެ ހިންދީ ވާޝަނެއް ގެނެސްދޭން ނިންމުމާ ގުޅިގެން ލަޔަންސްގޭޓް ޓެލެވިޝަން ގްރޫޕްގެ ޗެއާމަން ކެވިން ބެގްސް ވިދާޅުވީ މިއީ އެ ކުންފުނިން ދާދި ފަހުން ލޯންޗްކުރި ސްޓްރީމިން ޕްލެޓްފޯމް ލަޔަންސްގޭޓް ޕްލޭ އަށް އަންނާނެ އިންޑިއާގެ ފުރަތަމަ އުފެއްދުމަށް ވާނެ ކަމަށެވެ.

ކޮމެޑީ-ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "ކެޝުއަލް" އަކީ ޒެންޑާ ލެމާން ގެނެސްދިން ސީރީޒެކެވެ. މީގެ މައިގަނޑު ކާސްޓުންނަކީ މިކީލާ ވެޓްލިންސް، ޓޮމީ ޑީވީ، ޓާރާ ލީން ބާ، ނިއާޝާ ހަޓޭންޑީ، ފްރާންސެސް ކޮންރޯއި އަދި ޖޫލީ ބާމަން އެވެ.

މި ސިލްސިލާގެ ހަތަރު ސީޒަނުގައި ޖުމްލަ 44 އެޕިސޯޑް ގެނެސްދީފައިވެ އެވެ.