Roadha Mihaaru
ކެމްޕޭން ހަމަހަމަ ފުރުސަތު ހޯދައިދޭން އީސީން އެދިއްޖެ

ކެމްޕޭނަށް ހަމަހަމަ ފުރުސަތު ފަހިވާގޮތަށް ބަދަލު ގެނެސްދޭން އެދިއްޖެ

28 ފެބުރުއަރީ 2021

އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ގޮތަކަށް އުސޫލެއް ހަމަޖައްސައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގައި އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ގޮތަކަށް އުސޫލެއް ހަމަޖައްސައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގައި އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

އިންތިޚާބަށް ޚާއްސަކޮށް އެޗްޕީއޭ އިން އޮތީ ގައިޑްލައިނެއް އާއްމުކޮށްފަ އެވެ. އެކަމަކު އެ ގައިޑްލައިނުގައި ދަތުރުކުރުމާއި ކެމްޕޭން ޖަލްސާތަކާއި ދޮރުން ދޮރަށް ގިނަ ބަޔަކާ އެކު ހިނގުން ފަދަ ކަންކަން އޮތީ މަނާކޮށްފަ އެވެ. އެކަމަކު މި ހުރަސްތަކުގެ ތެރެއިން ވެރިކަން ކުރާ އެމްޑީޕީއަށް ފުރުސަތުތަކެއް ފަހިވެފައިވާ ކަމުގެ ޝަކުވާ ބޮޑެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް "މިހާރު"އަށް ވިދާޅުވީ އިންތިޚާބަށް ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތެއް ނެތް ކަން އެނގުނީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅި ޝަކުވާއެއް ތަހުގީގު ކުރުމުން ކަމަށެވެ. އެ ޝަކުވާގައި އޮތީ ކެމްޕޭންގައި ދަތުރުކުރުން ފަދަ ކަންކަން ނުކުރެވުން ފަދަ ކަންކަން ހެއްކާ އެކު ހުށަހަޅާފައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އެ ޝަކުވާ ތަހުގީގު ކުރުމަށް ފަހު އަޅުގަނޑުމެން އޮންނާނީ އެޗްޕީއޭގައި އެދިފައި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ އުސޫލަކުން ކެމްޕޭނަށް ފުރުސަތު ފަހިވާ ގޮތަށް ހަމަޖައްސައިދޭން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށް ކެމްޕޭނަށް ހުރަސްތައް ކުރިމަތިކޮށްފައިވާ އިރު އޭގެތެރެއިން ވަކި ބަޔަކަށް ކެމްޕޭންގެ ފުރުސަތު ގެއްލުން އީސީން ގަބޫލެއް ނުކުރެ އެވެ. އެހެންވެ އެދުނީ އެއް އުސޫލަކުން ކެމްޕޭން ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކެމްޕޭން ކުރެވޭނެ ގޮތަށް ގައިޑްލައިން ބަދަލުކޮށްދޭށެވެ.

އެމްޑީޕީން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: މި ޖަލްސާގައި ގިނަ ބަޔަކު އެއްތަންވި އިރު ނުހުއްޓުވި ކަމުގެ ފާޑުކިއުން އެޗްޕީއޭ އާއި ފުލުހުންނަށް ވަނީ އާމާޒުވެފައި. --ފޮޓޯ/އެމްޑީޕީ

އެމްޑީޕީން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: މި ޖަލްސާގައި ގިނަ ބަޔަކު އެއްތަންވި އިރު ނުހުއްޓުވި ކަމުގެ ފާޑުކިއުން އެޗްޕީއޭ އާއި ފުލުހުންނަށް ވަނީ އާމާޒުވެފައި. --ފޮޓޯ/އެމްޑީޕީ

އީސީން މިގޮތަށް އެދިފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެމްޕޭން އަލުން ފެށުމުގެ ރަސްމިއްޔާތު 30 އަށް ވުރެން ގިނަ މީހުންނާ އެކު އެއް ތަނެއްގައި ބޭއްވި ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ކެންޑިޑޭޓުން އެއް ތަންވެ އެފަދަ ޖަލްސާއެއް ބޭއްވިއިރު ނުހުއްޓުވި ކަމުގެ ފާޑުކިއުން އެޗްޕީއޭ އާއި ފުލުހުންނަށް ވަނީ އާމާޒުވެފަ އެވެ.

މި ފާޑުކިއުން ގުޅުވަނީ އިދިކޮޅުން އަޑުއުފުލަން މަގުމައްޗަށް ނުކުތަސް ހުއްޓުވައި ފުލުހުން އެތުރިގެން ތިބެ ޕާޓީ އޮފީސް "ބަންދުކުރާ" މައްސަލައާ އެވެ.

އެމްޑީޕީން ޖަލްސާ ބޭއްވީ އެޗްޕީއޭ އިން އިންތިޚާބަށް އާއްމުކޮށްފައިވާ ގައިޑްލައިނުގެ ދަށުންނެވެ. އޭގައި ކެމްޕޭން ޖަލްސާއެއްގައި ބައިވެރިވެވޭނެ އެންމެ ގިނަ އަދަދެއް ބަޔާންކޮށްފައެއް ނެތެވެ.

އެ ގައިޑްލައިނުގައި އޮތީ އިންތިޚާބަށް ގިނަ މީހުން އެއްކޮށްގެން ކެމްޕެއިން ޖަލްސާތަކާއި އެއްވުންތައް ނުބާއްވައި އޮންލައިން ޕްލެޓްފޯމުތަކުން ކެމްޕެއިން ކުރަން ބާރު އަޅައިފަ އެވެ.

ގައިޑްލައިންގައި ބުނީ ތާއީދު ހޯދުމުގެ ހުރިހާ ހަރަކާތެއް ކެންޑިޑޭޓުން ކުރިއަށް ގެންދަން ވާނީ އެތަނުން އާއްމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރާ ނަމަ ކަރަންޓީނުގެ އުސޫލަށް ތަބާވާން ޖެހޭނެ ކަމަށް ގައިޑްލައިންގައިވެ އެވެ. މާނައަކީ މާލެ އިން މީހުން ގޮސް ރަށްރަށުގައި ކެމްޕޭން ހަރަކާތެއް ބޭއްވޭނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަވެ، ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަން ކަށަވަރުވުމުންނެވެ.

މޮނިޓަރިންގައިވާ އެއްވެސް ރަށެއްގައި ގޭގެ އަށް ޒިޔާރަތްކޮށް، ކެމްޕެއިންކުރުން އެ ގައިޑްލައިންގައި އޮތީ މަނާކޮށްފަ އެވެ.

"ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދިއުމަށްޓަކައި ގޭގެ އަށް ޒިޔާރަތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 2 މީހުންނަށް ވުރެން ގިނައިން ނުދިއުން. މި ގޮތަށް ގޭގެއަށް ޒިޔާރަތްކުރާ އިރު ރައްކާތެރި ކަމުގެ ގޮތުން މާސްކު އެޅުން، އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުން، މަދުވެގެން ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓުން،" ގައިޑްލައިންގައިވެ އެވެ.