Roadha Mihaaru
މަލީހްގެ ވޯޓާ މެދު ގޮތެއް ނުނިންމަން: އިދިކޮޅު

މަލީހް ވަކިކުރަން ވޯޓު ދިނުމާ މެދު ގޮތެއް ނުނިންމަން: އިދިކޮޅު

28 ފެބުރުއަރީ 2021

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މަލީހު އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެމްޑީޕީންނެވެ. އެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ މެމްބަރަކު ވިދާޅުވީ އެ ކޯލިޝަނުން މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ އެމްޑީޕީން އަމަލުކުރާ ގޮތެއް ބެލުމަށް ފަހު ކަމަށެވެ. އެކަން ނިންމާނީ މާދަމާގެ ޖަލްސާގައި ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

"ފަހަރެއްގައި އަޅުގަނޑުމެން ވަކި ކޮޅަކަށް ވޯޓު ނުދޭން ވެސް ނިންމަފާނެ." ނަން ނުޖަހަން އެދިވަޑައިގެން ވާހަކަ ދެއްކެވި އެ މެމްބަރު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އެގޮތަށް ބުނިއިރު، އެމްޑީޕީން ވަނީ މަލީހް ވަކިކުރަން ތްރީލައިން ވިޕެއް މިއަދު ނެރެފަ އެވެ. އެ ވިޕާ މެދު ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި ވިޔަސް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެކަން ދޮގުު ކުރައްވަ އެވެ.