Roadha Mihaaru
ސާވިސް ޗާޖުގެ ކުރީގައި ވެލާ؛ މީހަކަށް 47،108ރ

ސާވިސް ޗާޖުގައި މިފަހަރު ވެސް އެންމެ ކުރި ހޯދީ ވެލާ؛ މީހަކަށް 47،108ރ.

05 މާޗް 2021

މިދިޔަ ފެބްރުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑުން ކޮންމެ މުވައްޒަފަކަށް 3،055 ޑޮލަރު (47،108ރ.) ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ ފެބްރުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑުން ކޮންމެ މުވައްޒަފަކަށް 3،055 ޑޮލަރު (47،108ރ.) ދީފި އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓެވެ. އެންމެ މަތީ ފެންވަރުގެ ހިދުމަތް ދޭ ޕްރައިވެޓް އައިލެންޑެއް ކަމަށްވާ ވެލާ އިން އަންނަނީ ކޮވިޑްގެ ބަންދަށް ފަހު ރިސޯޓުތައް އަލުން ހުޅުވި ފަހުން ކޮންމެ މަހަކު މި ލިސްޓުގެ އެއްވަނަ ހޯދަމުންނެވެ.

ޖެނުއަރީ މަހު ވެސް އެންމެ ބޮޑު ސާވިސް ޗާޖެއް ބެހީ ވެލާއިންނެވެ. މިދިޔަ މަހަށް ވުރެ ވެސް އެ މަހުގެ ސާވިސް ޗާޖު ބޮޑެވެ. އެއީ ކޮންމެ މުވައްޒަފަކަށް 4،079.10 ޑޮލަރު (62،899ރ.) ދީފަ އެވެ.

މިހާރު ހުޅުވާފައި ހުރި ރިސޯޓުތަކުގެ ތެރެއިން ސާވިސް ޗާޖު ހާމަ ކޮށްފައިވަނީ މަދު ރިސޯޓަކުންނެވެ. އެ ރިސޯޓުތަކުގެ ތެރެއިން ގިނައީ 1000 ޑޮލަރަށްވުރެ ދަށުން ސާވިސް ޗާޖު ދޭ ރިސޯޓުތަކެވެ.

ސާވިސް ޗާޖުގެ ލިސްޓުގެ ދެވަނައިގައި، ވެލާ އަށް ވުރެ ދެ ބައިކުޅަ އެއް ބައި މަދު ސާވިސް ޗާޖަކާ އެކު އޮތީ ސޮނެވާގެ ރިސޯޓުތަކެވެ. ސޮނެވާ ޖާނީ އާއި ސޮނެވާ ފުށީގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 1،555 ޑޮލަރު (23،978ރ.) ވަނީ ދީފަ އެވެ.

މީގެ އިތުރުން 1،531 ޑޮލަރު (23،608ރ.) އާއެކު ތިންވަނައިގައި ފޯ ސީޒަންސްގެ ރިސޯޓުތައް އޮތް އިރު ހަތަރުވަނައަށް އެންމެ ގިނަ ސާވިސް ޗާޖު ދިނީ ވައްކަރު ރިސޯޓުންނެވެ. އެ ރިސޯޓުން މުވައްޒަފަކަށް 1،312 (20،231ރ.) ވަނީ ދީފަ އެވެ.

ސާވިސް ޗާޖު ދިނުމަކީ މިހާރު ގާނޫނީ ގޮތުން ކޮންމެ ޓޫރިސްޓު ފެސިލިޓީއަކަށް ވެސް މަޖުބޫރު ކަމެކެވެ. ސާވިސް ޗާޖުގެ ގޮތުގައި އޭގެ 10 ޕަސެންޓް ބަހަން ޖެހޭނެ އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ޕޭޖުގައި ސާވިސް ޗާޖުގެ އަދަދު ހާމަކުރަނީ އެ ރިސޯޓެއްގެ މުވައްޒަފުން ދޭ މައުލޫމާތަށް ބިނާކޮށެވެ.