Roadha Mihaaru
ވެންޓިލޭޓަރު މައްސަލަ އަލުން ބަލަން ކުއްލި މައްސަލައެއް

ވެންޓިލޭޓަރުތަކުގެ މައްސަލަ އަލުން ބަލަން ގޮވާލައި އާދަމް ޝަރީފުގެ ކުއްލި މައްސަލައެއް

29 މާޗް 2021

ކޮވިޑް-19 ގެ ފަރުވާ އަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ގެންނަން ސަރުކާރުން ފައިސާ ދިނުމަށް ފަހު، އެ ވެންޓިލޭޓަރުތައް އަދިވެސް ނުލިބިވާ މައްސަލަ އަލުން ތަހުގީގޮށް، އެކަމުގައި ޝާމިލުވާ ފަރާތްތައް ހޯދައި ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިއަދުގެ ޖަލްސާ އަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އެއްވެސް މީހަކަށް ދައުވާ ކުރެވެން ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވާފައި ވަނީ އެހެން ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ވެންޓިލޭޓަރު ގެނައުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް، އެ ކުންފުންޏަށް 31 މިލިއަން ރުފިޔާ ދިނީ ފައިނޭންޝަލް ގެރެންޓީ ނުހޯދައި ކަމަށް ވާތީ އެކަމުގައި ފިނޭންސް މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަށް ފައިސާ ދިނުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަަމަށް ފުރަތަމަ ތުހުމަތު ކުރީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ކޮމްޕްލަޔަންސް އޮޑިޓެއްގަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެންގުމުންނެވެ. އޮޑިޓް ރިޕޯޓް ނެރުުމުން، ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކުރަން އޭސީސީއަށް ހުށަހެޅީ ސަރުކާރުންނެވެ.

އޭސީސީން އެ މައްސަލަ ބަލައި، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އެހެން މުވައްޒަފުންނާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޝަމީމް ނިންމެވީ އެކަމުގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލިމައްސަލަ މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި އޭރު ތިއްބެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން 33 މެމްބަރުންނެވެ.

ބަހުސްގައި އާދަމް ޝަރީފު ވިދާޅުވީ، އެ މައްސައިގައި އެންމެ ކަންބޮޑުވަނީ ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ އެކަމުގައި ގެއްލިފައި ވާއިރު، އެ ފައިސާ ހޯދަން ވެސް ސަރުކާރުން މަސަައްކަތް ނުކުރާތީ ކަމަށެވެ.