Roadha Mihaaru
ކޮވިޑާ ގުޅޭ ބަހުސްކޮށްލަން ވެސް މެމްބަރުން ބޭނުން ނުވި

ކޮވިޑްގެ ކަންކަން ރަނގަޅުކުރަން މަޖިލީހުގައި ބަހުސް ކޮށްލަން ވެސް މެމްބަރުން ބޭނުމެއް ނުވި!

19 މެއި 2021

ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، އެ ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތް އަވަަސްކުރަން ސަރުކާރަށް ގޮވާލައި، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، އެ ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތް އަވަަސްކުރަން ސަރުކާރަށް ގޮވާލައި، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވިއިރު، އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 12 މެމްބަރެކެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިން މެމްބަރަކު ތިއްބެވި އެވެ.

ރާއްޖޭގައި ކޮވިޑްގައި ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު މަރުވެ، އެ ބަލި ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ގޮސް، މުޅި ސިއްހީ ނިޒާމު ބޮއްސުންލާފައި ވާތީ، އެކަމާ މެދު މަޖިލީހުގައި ބަހުސްކޮށް، ކަންކަން ރަނގަޅު ކުރަން ސަރުކާރަށް ގޮވައިލުމުގެ މައްސަލަ ބަލައިގަންނަން ފާސްނުވީ އެންމެ ހަތަރު ވޯޓު މަދުވެގެންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތީ މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކަމަށް ވާއިރު، އެ ބޭފުޅުންގެ ރުހުން ނެތި މިފަދަ އެއްވެސް ކަމެއް މަޖިލީހަކުން މިހާރު ފާހެއް ނުކުރެވެ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް އެއް މެމްބަރު އާދަމް ޝަރީފްގެ މައްސަލައިގައި ވިދާޅުވީ، އޭނާގެ ބޭނުމަކީ ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ރަނގަޅަށް ނުހިނގާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. އެގޮތުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން ވަރުބަލިވެ، ފަރުވާ ދިނުން ލަސްވެދާނެ ކަމުގެ ކަންބޮޑުވުން، ކަމާ ބެހޭ ފަންނީ ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފްގެ ޓުވީޓް

އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވެން ނެތުމާއި ކޮވިޑުން ދިފާއުވާން ޖަހާ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި އެތައް ބަޔަކަށް ދެވަނަ ޑޯޒް ނުލިބި ތިބުމުގެ ކަންބޮޑުވުން ވެސް މައްސަލައިގައި އޭނާ ފާޅުކުރެއްވި އެވެ. މި މައްސަލަތައް ހައްލުކުރަން ބޭނުންވާ އިންސާނީ އަދި ބޭސްފަރުވާގެ ވަސީލަތްތަކާއި ވެކްސިން ހޯދުން އަވަސްކުރަން އާދަމް ޝަރީފު ގޮވައިލެއްވި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބަލައި ނުގަތުމުން، އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ އެ ބަލީގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަވެ، ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 1،000 އަށް ވުރެ ގިނަ ވެފައިވާތީ ކަމަށެވެ. އެކަމަކު، އެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.