Roadha Mihaaru
ވެންޓިލޭޓަރު މައްސަލަ އާއި ނަޝީދުގެ ރުޅިގަނޑު

ވެންޓިލޭޓަރު މައްސަލަ އާއި ނަޝީދުގެ ރުޅިގަނޑު

28 މާޗް 2021

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏަށް 30 މިލިޔަން ރުފިޔާ ދީފައި އެ ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެންމެ ބޮޑަށްް ކޯފާއިސްކުރައްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލައިގައި އެއްވެސް މީހަކާ ދެކޮޅަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަލަން ނަޝީދު އެދިވަޑައިގެންނެވި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏަށް 30 މިލިޔަން ރުފިޔާ ދީފައި އެ ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެންމެ ބޮޑަށްް ކޯފާއިސްކުރައްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލައިގައި އެއްވެސް މީހަކާ ދެކޮޅަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަލަން ނަޝީދު އެދިވަޑައިގެންނެވި އެވެ.

ޕީޖީ ޝަމީމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހަށް ހުށަހަޅަން ވެސް އެ މަނިކުފާނު ތާއީދެވެ. ކައުންސިލް އިންތިހާބު ބޯމަތީގައި އަމިއްލަފުޅު ޕާޓީ ނިސްބަތްވާ ސަރުކާރަށް އެހާ ފާޅުގައި އެއްޗެހި ވިދާޅުވުމުން ބައެއް މީހުން ނަގަނީ ސިޔާސީ ޑްރާމާއެއްގެ ގޮތުގަ އެވެ. ނަަމަވެސް ވެންޓިލޭޓަރު މައްސަލައަށް ބަލާއިރު ފެންނަން އޮތީ މުޅިން އެހެން މަންޒަރެކެވެ.

ކޮވިޑް ހަރަދުތައް އޮޑިޓްކުރީ މަޖިލީހުން އަންގައިގެން

ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަަމަށް ފުރަތަަމަ ތުހަމަތުކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅޭ ކަންކަމުގައި ސަރުކާރުން ހަރަދުކޮށްފައިވާ ގޮތުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހެދުމަށް ފަހު އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓަކުންނެވެ. ސަރުކާރުން އެ މައްސަލަ އޭސީސީ އާއި ފުލުހުންނަަށް ހުށަހެޅީ އެ ރިޕޯޓާ ގުޅިގެންނެވެ.

މިކަމުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ކޮވިޑްގެ ހަރަދުތަކުގެ އޮޑިޓެއް އޮޑިޓާ ޖެނެރަލް ހެއްދެވީ އަމިއްލަ އިސްނެންގެވުމަކަށް ނޫން ކަމެވެ. އެ އޮޑިޓް ހަދަން އޮޑިޓާ ޖެނެރަލަށް އެންގީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ކަންތައްތައް ހަމަޖައްސަން ސަރުކާރުން ހަރަދުކުރި ގޮތުގެ އޮޑިޓެއް ކުރަން އަންގަން މާލިއްޔަތު ކޮމިޓީން ފާސްކުރީ މޭ 19، 2020 ގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲގެ ހުށަހެއްޅުއްވުމުގައި އޮތީ ކޮވިޑްގެ ހަރަދުތަކުގެ އޮޑިޓެއް 45 ދުވަހުގެ ތެރޭގައި ނިންމައި އޮޑިޓް ރިޕޯޓް މަޖިލީހަށް ފޮނުވުމަށެވެ. އެ ހުށަހެޅުން ފާސްކޮށް، އޮޑިޓަ ޖެނެރަލަށް މަޖިލީހުން ސިޓީއެއް ފޮނުވި އެވެ.

އޭގެ ފަހުން އޮޑިޓަ ޖެެނެރަލް އެކި ފަހަރު މަތިން މާާލިއްޔަތު ކޮމިޓީއަށް ވަޑައިގެން އެކަމާ ބެހޭ މަޝްވަރާތައް ކުރެއްވި އެވެ. އެއީ ފުޅާ ދާއިރާއެއްގައި ކުރަން ޖެހޭ އޮޑިޓަކަށް ވާތީ އިތުރު ވަގުތު ހޯއްދަވަން އެދިވަޑަައިގެންނެވުމުން މާލިއްޔަތު ކޮމިޓީން އެ ހުށަހެޅުމާ އެއްގޮތަށް ވަގުތު އިތުރު ވެސް ކޮށްދިނެވެ.

އޮޑިޓް ރިޕޯޓްތަކުން ފެންނަނީ ދައުވާކުރެވޭނެ ކަމަށް

މާލިއްޔަތު ކޮމިޓީގެ އެންގުމަށް ކުރި އޮޑިޓަށް ފަހު އޮޑިޓަ ޖެނެރަލް ހަސަން ނެރުއްވި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތެވެ.

އެންމެ ބޮޑު މައްސަލައަކީ އެގްޒެކިއުޓާސްއާ 34 މިލިއަން ރުފިޔާ ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކަކަށް ތުހުމަތުކުރެވުމެވެ. ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށް ހެލްތުން ބުނަމުން އައި ވާހަކަ ވެސް އޮޑިޓުގައި ވަނީ ދޮގުކޮށްފަ އެވެ.

ދުބާއީގެ މި ކުންފުންޏަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރަކަށް ކީ އަގަކީ 32،500 ޑޮލަރެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށް ވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަގުތުން ދެއްކި އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެއީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތައް ސައްހަތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ.

މަޖިލީހުން އިތުބާރުކުރީ އޮޑިޓް ރިޕޯޓަށް

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނި ބުނުމާ މެދު އޭސީސީން ދެ ފަހަރު ދެ ގޮތަކަށް އަމަލުކުރި އެވެ. އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ފުރަތަމަ ނިންމުމަށް ފަހު އަނެއްކާ ދައުވާކުރަން ފޮނުވި އެވެ.

އޭރު ވެސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން މަޖިލީހުގެ ގިނަ މެމްބަރުންނަށް އޭސީސީގެ އެ ނިންމުންތައް ބަލައި ނުގަނެވިގެން އޭސީސީއާ އެތައް ފަހަރަކު ސުވާލު ވެސް ކުރި އެވެ. ކުރީގެ ހެލްތު މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ވެސް، އޭސީސީ އާއި ތަހުގީގީ އެހެން މުއައްސަސާތަކުން އެ މައްސަލަ ކުރިއަށް ދާ ގޮތް ނުވެގެން ކަމަށް، އެމްޑީޕީގެ ބައެއް މެމްބަރުން ބުނެ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަން އެކުވެލިގެންވާ ކަމަށް ތުހުމަތުކޮށް، އަމީނާއި ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ ޝަމީމް ނިންމެވި ނިންމެވުން މުރާޖައާ ކުރަން މަޖިލީހުން އެދުނެވެ. އެ މައްސަަލަ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން އެދިވަޑައިގެންނެވީ ވެސް ނަޝީދެވެ.

އެ މަނިިކުފާނާއި ސަރުކާރާ ދެމެދު އިއްޔެ ބަދަލުކުރި ބަހުގެ ހަމަލާތަކަކީ އިންތިހާބަށް ކުޅޭ ޑްރާމާއެއް ކަމަށް ހީވެދާނެ އެވެ. އެކަމަކު ފެންނަން އޮތް ހަގީގަތަކީ ދުބާއީގެ ކުންފުންޏަށް ދައުލަތުން 30 މިލިޔަން ރުފިޔާ ދީފައިވާކަމާއި އެ ފައިސާއިން ގެންނަން ޖެހޭ ވެންޓިލޭޓަރު ރާއްޖެއަށް ނުލިބޭ ކަމެވެ. އެ ހަގީގަތް ހާމަކުރުމުގެ މަސައްކަތް ނަޝީދު އިސްކޮށް ހުންނަވައިގެން ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ކޮންމެ ނިޔަތެއް ފަހަތުގައި އޮތަސް އެ މަސައްކަތުގައި ރައްޔިތުންގެ މަސްލަހަތުތަކެއް ވެސް ހިމެނެ އެވެ. 34 މިލިއަން ރުފިޔާގެ ބޮޑު މުއާމަލާތެއް ގޯސްކޮށް ގޮސްފައި ވާ ނަމަ އެއީ ބަލަން ޖެހޭނެ ކަމެކެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ނަޝީދު ސަރުކާރު ސިފަކުރެއްވީ "ވަގު ސަރުކާރެއް"ގެ ގޮތުގަ އެވެ. އަދި އެ މަނިކުފާނުގެ އެ ވާހަކަފުޅާ އެކު ރައީސް އޮފީހުން ވަނީ، އާންމުކޮށް ނުނެރޭ ކަހަލަ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބޮޑަށް ބުނެފައި އޮތީ ވެންޓިލޭޓަރުގެ މުއާމަލާތުގައި މައްސަލަތަކެއް ހުރި ކަމަށް އޮޑިޓް ރިޕޯޓުން ބުނުމުން އެކަން އިތުރަށް ބަލަން ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ވެސް ދިން ކަމަށެވެ. އެގޮތުން މިނިސްޓަރު އަމީންގެ އިތުރުން ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުން މަސައްކަތުން އެކަހެރިކުރުން ފާހަގަކުރި އެވެ.

ރައީސް އޮފީހުގެ ރައްދަކީ އެފަދަ މަައްސަލަތައް ބަލަން ދައުލަތުގައި ގާއިމްވެފައި ހުރި މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަމާއި އެ މުއައްސަސާތަކުން އެފަދަ މައްސަލަތައް ބަލަންވީ ކަމަށެވެ. އެހެންކަމުން އޭގެ މާނައަކީ ވެންޓިލޭޓަރުގެ މައްސަލާގައި ސަރުކާރުން ވަކި ކަމެއް ނުފޮރުވާކަމެވެ. އެކަމުގައި ގޮތް ނިންމީ އޭސީސީ އާއި ޕީޖީން ކަމެވެ.

އެކަމަކު މިވަރުން ނަޝީދު ހިތްހަމަޖެހިވަޑައިގަންނަވާނެ ކަމަކަށެއް ނުފެނެ އެވެ.