Roadha Mihaaru
އަޑުބަރޭއަށް ފިޔަވަޅު އަޅަން ޕީޖީން ކޯޓުގައި އެދެފި

އަލީ ވަހީދުގެ މައްސަލާގައި އަޑުބަރޭއަށް ފިޔަވަޅު އަޅަން ޕީޖީން ކޯޓުގައި އެދެފި

12 މެއި 2021

ސީރިއަސް ދައުވާތަކެއް އޮއްވައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތް މައްސަލާގައި އޭނާ އަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީރިއަސް ދައުވާތަކެއް އޮއްވައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތް މައްސަލާގައި އޭނާ އަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައި، އޭނާ ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ދިނީ އޭނާ ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުންނެވެ. އޭނާ އަށް ހުއްދަ ދިނީ އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން އަޑުބަރޭ ޖާމިނު ވުމުންނެވެ.

އަލީ ވަހީދު ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުގައި ކުރި ޝަރުތުތަކާ ޚިލާފް ވެފައިވާތީ އެ މައްސަލާގައި އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ކްރިމިނަލް ކޯޓުގައި އިއްޔެ އެދިފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަށަވަރުކޮށް ދެއްވި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން މީހަކު ޖާމިނު ކޮށްފައި ދޫކުރާ ހާލަތުގައި ކޯޓުން ކުރާ ޝަރުތުތަކާ ޚިލާފްވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް ފިޔަވަޅު އެޅިދާނެ އެވެ. އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް އެ ޤާނޫނުގައިވެ އެވެ.

ނަމަވެސް އެ ގާނޫނުގައި ޖާމިނުވި މީހާއަށް ފިޔަވަޅު އެޅޭނެ ކަމަށް ބުނަނީ ބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލާ ހާލަތުގަ އެވެ. އެކަމަކު އަލީ ވަހީދަކީ އެ މައްސަލާގައި އެއްވެސް އިރަކު ބަންދުގައި ހުރި ބޭފުޅެއް ނޫނެވެ. އަޑުބަރޭ ޖާމިނުވެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައި، އޭނާ ފުރަން ހުއްދަ ދިނުމަށެވެ.

އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފްކުރި އެވެ. އެކަމަކު އަލީ ވަހީދު އުޅޭ ތަނެއް ހޯދިފައި ނުވާތީ އެ ދެ ކޯޓުން ވެސް ނިންމީ އޭނާގެ ޣައިރު ހާޒިރުގައި އިސްތިއުނާފް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.