Roadha Mihaaru
އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމަށް ޝައްކެއް ނެތް

އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ޝައްކެއް ނުކުރަން: ޝަރީފް

10 އެޕްރީލް 2021

ރާއްޖޭގައި މިއަދު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އިންސާފުވެރިކަމާ އެކު ބޭއްވިދާނެ ކަމަށް ޝައްކެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މިއަދު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އިންސާފުވެރިކަމާ އެކު ބޭއްވިދާނެ ކަމަށް ޝައްކެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުގައި ޝަރީފް ވިދާޅުވީ ވޯޓުލުމުގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އީސީން ވެސް އިންތިހާބުގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ކަމާބެހޭ ފަރާތަށް ހުށަހަޅަންޖެހޭ ކަމެއް އޮތް ނަމަ، އެ ތަނަކަށް ހުށަހަޅައިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިންތިޚާބު މޮނިޓާކުރުމަށާއި އޮބްޒާވްކުރުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި މޮނީޓަރުންނާއި އޮބްޒާވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެހެންވެ، އަމާންކަމާ އެކު އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެެ.

ޝަރީފް ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ގާނޫނުތަކަށް ބޯލެނބުމަށް އިލްތިމާސްކުރައްވައިފަ އެވެ.

މި އިންތިޚާބުގައި ޖުމްލަ 3،814 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި 2،234 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީ އަށް ވާދަކުރާ 1،580 ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެނީ 273،128 މީހަކަށެވެ.