Roadha Mihaaru
އީސަގެ މައްސަލާގައި ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު

އީސަގެ މައްސަލާގައި ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

24 މެއި 2021

ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައަށް ތުހުމަތުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލައާ ބެހޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިހާރު ކުރިއަށް ގެންދާ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައަށް ތުހުމަތުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލައާ ބެހޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިހާރު ކުރިއަށް ގެންދާ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އެ ކޮމިޓީ ސިއްރުކޮށްގެން ގެންދަން ނިންމީ، އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ ހަބީބް އެދިވަޑައިގަތުމުންނެވެ. އެހެންވެ، ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވޯޓަށް އެއްސެވުމުން، އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފަ އެވެ.

އީސަ އަށް ކޮށްފައިވަނީ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާކުރިކަމުގެ ތުހުމަތެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މި މައްސަލައިގައި ބަލަނީ ދައުލަތުގެ އިދާރާތަކުން މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އަޅަމުން އަންނަތޯ އެވެ. އަދި އެ އިދާރާތަކަށް ޖަވާބުދާރީ ވުމަށް މި ބައްދަލުވުމުގައި ފުރުސަތު ދެއްވާނެ އެވެ.

މި ބައްދަލުވަމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުންނާއި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންނާއި އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އޮތޯރިޓީން ވެސް ބައިވެރިވި އެވެ.

އީސަގެ ގެވެށި އަނިޔާ މައްސަލަ ފުލުހަށް ހުށަހެޅީ ވެސް އަނބިކަނބަލުން އަސްރާ އެވެ.

ގެވެށި އަނިޔާގެ މި ތުހުމަތުތަކަށް އީސަ ވަނީ އިންކާރުކުރައްވައިފަ އެވެ. އީސަ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު އެބަ އޮތް ކަމަށް ވިދާޅުވެ ދެންނެވީ ދައުލަތުގެ މުއައްސަސާތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވެސް ހިމެނޭ އީސާ ވަނީ މި މައްސަލަ ފެންމަތިވުމުން އެ ކޮމިޓީން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

އީސަ ހައްޔަރުކުރުމަށް އެދި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އިދާރާތަކަށް ގޮވާލަމުން ދިޔަ ނަމަވެސް، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އަމުރު ނެރެދީފައި ނުވަނީ އީސަގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތުމުންނެވެ.