Roadha Mihaaru
ލީބިޔާގެ ރައީސަކު އިންތިހާބުކުރާނެ ގޮތަކާމެދު އަރައިރުން

ލީބިޔާގެ ރައީސަކު އިންތިހާބުކުރާނެ ގޮތަކާ މެދު އަރައިރުން އުފެދިފައި

25 މެއި 2021

ލީބިޔާގެ ދާހިލީ ހަނގުރާމަ ހުއްޓާލައި، މަދަނީ ސަރުކާރެއް އެކުލަވައިލުމުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު، ގައުމުގެ ރައީސަކު އިންތިހާބު ކުރާނެ ގޮތަކާ މެދު އަރައިރުން އުފެދިއްޖެ އެވެ.

ލީބިޔާގެ ދާހިލީ ހަނގުރާމަ ހުއްޓާލައި، މަދަނީ ސަރުކާރެއް އެކުލަވައިލުމުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު، ގައުމުގެ ރައީސަކު އިންތިހާބު ކުރާނެ ގޮތަކާ މެދު އަރައިރުން އުފެދިއްޖެ އެވެ.

އެ ގައުމުގެ ދާހިލީ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ފޯރަމްގައި ބައިވެރިވާ މެމްބަރުންގެ މެދުގައި، މިހާރު ހިޔާލު ތަފާތުވުން އުފެދިފައިވަނީ، ރައީސަކު އިންތިހާބު ކުރުމުގައި އަމަލުކުރާނެ އިޖުރާއާތްތަކާއި، ރައީސަކަށް ހުންނަ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކާ މެދުގަ އެވެ. ބޮޑަށް ދެބަސްވުން އުފެދިފައިވަނީ، ރައީސްގެ ޝަރުތުތަކާ މެދުގަ އެވެ.

ފޯރަމްގައި ބައިވެރިވާ، ކުރީގެ އަސްކަރީ ޖެނެރަލް ހަލީފާ ހަފްތަރުގެ މަންދޫބުން ބާރު އަޅުއްވަނީ، ހަލީފާ ހަފްތަރަށް ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވޭނެ ފަދަ ގޮތަކަށް ޝަރުތުތައް ކަނޑައެޅުމަށެވެ. ލީބިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި، ގައުމުގެ ބައެއް ސަރަހައްދުތައް އޮތީ ޖެނެރަލް ހަފްތަރަށް ވަފާތެރި ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.

ލީބިޔާގައި މަދަނީ ސަރުކާރެއް ގާއިމުކުރުމާ ބެހޭ ގޮތުން ފަށާފައިވާ މަޝްވަރާތަކުގައި ކަނޑައަޅާފައިވަނީ، ރިއާސީ އިންތިހާބު ބޭއްވުމުގެ ކުރިން، ލީބިޔާގެ ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނެއް އެކުލަވައިލުމަށެވެ. އެކަން ކުރުމަށް ދީފައިވާ މުހުލަތު ހަމަވާން ބާކީ އޮތީ މަހެއްހާ ދުވަހެވެ.

ސުލްހައިގެ ވާހަކަތަކުގެ ބައިވެރިން ކަނޑައަޅާފައިވަނީ މި އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު ރިއާސީ އިންތިހާބު ބާއްވާށެވެ. މިހާރު ބެލެވޭ ގޮތުގައި، ރައީސެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، އިންތިހާބުކުރާނެ ގޮތުގެ އިޖުރާއާތްތަކާ މެދު އުފެދިފައިވާ ދެބަސްވުންތައް، މި ހަފުތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި ނިމުމަކަށް އަންނާނެ އެވެ.

މިދިޔަ އެޕްރީލް މަހު ކުރި މަޝްވަރާތަކުގައި، ލީބިޔާގެ ގާނޫނުއަސާސީގެ ދެލިކޮޕީއެއް ތައްޔާރުކޮށް، އޭގައިވާ 47 މާއްދާގެ ތެރެއިން ހަ މާއްދާއެއް ފިޔަވައި އެހެން މާއްދާތަކާ މެދު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އެއްބަސްނުވެވި އޮތް ހަ މާއްދާއަކީ، ރިއާސީ އިންތިހާބާ ގުޅޭ މުހިންމު ތިން ކަމަކާ ގުޅޭ މާއްދާތަކެކެވެ.

އެ ތިން ކަމަކީ، ރިއާސީ އިންތިހާބުގެ އިޖުރާއާތްތައް ކަނޑައެޅުމާއި، ރައީސާއި ބޮޑުވަޒީރާއި ވަޒީރުންގެ ގޮތުގައި އައްޔަންކުރެވޭ އެއްވެސް މީހެއްގެ، ދެ ގައުމެއްގެ ރައްޔިތުކަން އޮވެގެން ނުވާނެކަމަށް ޝަރުތުކުރާ މާއްދާތަކާއި، މަގާމުގެ ހުވައިގެ އިބާރާތާ ގުޅޭ މާއްދާއެކެވެ.

ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމާ މެދު ދެ ގޮތެއް ހުށަހެޅިފައިވެ އެވެ. ފުރަތަމަ ގޮތަކީ، ރައްޔިތުންގެ ސިއްރު ވޯޓަކުން ރައީސަކު އިންތިހާބު ކުރުމެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އާންމު ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވައިގެން، ގިނަ ވޯޓު ލިބޭ ކެންޑިޑޭޓު އިންތިހާބު ކުރުމެވެ.

އަނެއް ގޮތަކީ، ބަރުލަމާނީ ނިޒާމަކުން ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ފަހު، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް، ދައުލަތުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމެވެ.

އޭރުން ރިއާސީ އިންތިހާބެއް ނޯންނާނެ އެވެ. އަދި ރައީސަކީ ރަމްޒީ މަގާމަކަށް ވާނެ އެވެ.

ރައީސްގެ މަގާމަށް އިންތިޚާބުކުރެވޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް، ފޯރަމްގެ ގިނަ މެންބަރުންނަށް އެއްބަސްވެވޭ ޝަރުތުތަކަކީ، ޖެނެރަލް ހަފްތަރުގެ ކިބައިގައި ފުރިހަމަނުވާ ޝަރުތުތަކެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޝަރުތަކީ، ދެ ގައުމެއްގެ ރައްޔިތުކަން އޮތް މީހަކަށް ނުވުމެވެ. ޖެނެރަލް ހަފްތަރަކީ ލީބިޔާގެ ރައްޔިތަކަށް ވުމުގެ އިތުރުން އެމެރިކާގެ ރައްޔިތުކަން ވެސް އޮތް ބޭފުޅެކެވެ.

ނަމަވެސް، މިހާރު އެކުލަވާލާފައި އޮތް ގާނޫނުއަސާސީގެ ދެލިކޮޕީގެ 27 ވަނަ މާއްދާ ބުނާ ގޮތުން، އިންތިހާބުގައި ވާދަކުރުމުގެ ކުރިން، އެމެރިކާގެ ރައްޔިތުކަން ދޫކޮށްލައްވައިފި ނަމަ، ހަފްތަރަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ އެވެ.