Roadha Mihaaru
ލީބިޔާގެ ވެރިކަމަށް ހަފްތަރު ތައްޔާރުވަނީ

ލީބިޔާގެ ވެރިކަމަށް ކުރިމަތިލެއްވުމަށް ހަފްތަރު ތައްޔާރުވަނީ

23 ސެޕްޓެމްބަރ 2021

ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ވެރިކަން ކުރަމުން އަންނަ، ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފްތަރު، އޭނާގެ އަސްކަރީ މަސްއޫލިއްޔަތުތަކުން، ތިން މަސްދުވަހުގެ މުއްދަތަށް އެކަހެރިވެވަޑައިގެންފި އެވެ.

ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ވެރިކަން ކުރަމުން އަންނަ، ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފްތަރު، އޭނާގެ އަސްކަރީ މަސްއޫލިއްޔަތުތަކުން، ތިން މަސްދުވަހުގެ މުއްދަތަށް އެކަހެރިވެވަޑައިގެންފި އެވެ.

ޖެނެރަލްގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އޭނާ އަސްކަރީ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންނެވީ މިއަދުން ފެށިގެން، ޑިސެމްބަރު 24، 2021ގެ ނިޔަލަށެވެ. ލީބިޔާގެ ސިޔާސީ ފަރާތްތަކުގެ މެދުގައި އެއްބަސްވެފައިވާ ގޮތުން، އެ ގައުމުގައި މަދަނީ ސަރުކާރެއް އެކުލަވައިލުމަށް ބާއްވާ އިންތިހާބު އޮންނާނީ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ.

ޖެނެރަލް ހަފްތަރު އަސްކަރީ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގަތީ، ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގޮތުންނެވެ. މިހާރު އެކުލަވައިލަމުން އަންނަ އިންތިހާބާ ބެހޭ ގާނޫނު ބުނާ ގޮތުން، އަސްކަރީ މަގާމެއްގައި ހުރި މީހަކަށް ރައީސްގެ މަގާމަށް ވާދައެއް ނުކުރެއްވޭނެ އެވެ.

ލީބިޔާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން، އެ ގައުމުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި އެއްބަސްވެގެން ޑިސެމްބަރު 17، 2015 ގައި އެކުލަވާލާފައިވާ، ދައުލަތުގެ އެންމެ މަތީ މަޖިލީހުގެ ރައީސް ޚާލިދު އަލްމިޝްރީ ވިދާޅުވި ގޮތުގައި ޖެނެރަލް ހަފްތަރަކީ އެ ގައުމުގެ އިންތިހާބަށް ހުރި ނުރައްކަލެކެވެ.

"އޭނާ ސިޔާސީ މަސްރަހުގައި ހުންނެވުމަކީ ވެސް އޭގެ ޒާތުގައި، އިންތިހާބުގެ ނަޒާހަތްތެރިނުވާނެ ކަމެއް. އޭނާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި އޮންނަ ވޯޓުލުމުގައި ޝައްކާއި ވަހުމު އުފެދޭ އެތައް ކަމެއް މިހާރު ވެސް އެބަ ހިނގާ. އިންތިހާބުގައި ހަފްތަރު ވާދަ ކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންފިއްޔާ ހަމަ ޔަގީނުން ވެސް އޭނާ އިންތިހާބުގެ ނަތީޖާ ގަބޫލެއް ނުކުރައްވާނެ،" ޚާލިދު އަލްމިޝްރީ ވިދާޅުވި އެވެ.

ލީބިޔާ ސިފައިން: އެ ގައުމުން ކުލީ ސިފައިން ބޭލުމަށް ވަނީ އެއްބަސްވެފައި

ލީބިޔާ ސިފައިން: އެ ގައުމުން ކުލީ ސިފައިން ބޭލުމަށް ވަނީ އެއްބަސްވެފައި

ލީބިޔާގެ އިންތިހާބުތަކާ ބެހޭ ގޮތުން އެކުލަވައިލި ގާނޫނު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އުގައިލާ ސާލިހް މިމަހުގެ ކުރީކޮޅު ތަސްދީގު ކުރުއްވުމާ ގުޅިގެން، ލީބިޔާގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ދެބަސްވުން އުފެދެން ފަށައިފަ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި އެ ގާނޫނަކީ ޖެނެރަލް ހަފްތަރަށް ހެޔޮވަރަށް ފަހާފައި އޮތް ސިޔާސީ ކޯޓެކެވެ.

އެ ގާނޫނު ފާސްކުރުމަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓެއް ނުނަގަ އެވެ. އޭގެ ބަދަލުގައި ގާނޫނުގެ ދެލިކޮޕީ އެކުލަވައިލުމުން، ގާނޫނު ހަދާ މަޖިލީހުގެ ރައީސް ތަސްދީގު ކުރެއްވީ އެވެ.

ދައުލަތުގެ އެންމެ މަތީ މަޖިލީހުން ވަނީ އެ ގާނޫނު ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ. މި ގާނޫނު އެކުލަވައިލަމުން ދިޔަ އިރު، މެމްބަރުންގެ މެދުގައި އެންމެ ބޮޑަށް ދެބަސްވުން އުފެދުނީ، ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރާ މާއްދާއާ މެދުގަ އެވެ.

އެ މާއްދާ ބުނާ ގޮތުން، މަދަނީ ނުވަތަ އަސްކަރީ މަގާމެއްގައި ހުންނަ މީހަކަށް ވެސް، އެ މަގާމުން އިސްތިއުފާ ދެއްވުމަކާ ނުލައި، ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވޭނެ އެވެ. ރައީސް ކަމުގެ މަގާމަށް އިންތިހާބު ވެއްޖެ ނަމަ، ކުރިން ހުރި މަގާމުން ވަކިވާނެ އެވެ. އަދި އިންތިހާބުގައި ނާކާމިޔާބު ވެއްޖެ ނަމަ، ކުރިން ހުރި މަގާމަށް ރުޖޫއަވާނެ އެވެ.

ގިނަ މެމްބަރުން ވަނީ މި މާއްދާ މިގޮތަށް ބާއްވަން ދެކޮޅު ހައްދަވައިފަ އެވެ. މެމްބަރުންގެ ވޯޓަކަށް ހުށަނޭޅީ ވެސް، ގިނަ މެމްބަރުންގެ ތާއީދާއެކު އެ މާއްދާ ބަދަލުކުރާނެ ކަމަށް ބެލެވޭތީ އެވެ. މިމާއްދާ މިހެން އޮތުމުން، ޖެނެރަލް ހަފްތަރު މިހާރު ހުންނެވި މަގާމުގައި ހުންނަވައިގެން ވެސް، ރައީސްކަމުގެ މަގާމަށް ވާދަ ކުރެއްވޭނެ އެވެ.

އަނެއްކޮޅުން ލީބިޔާގެ ގާނޫނުހަދާ މަޖިލީހުން އިއްޔެ ވަނީ، ލީބިޔާގެ ވަގުތީ ބޮޑުވަޒީރު އަބްދުލްހަމީދު އައްދުބައިބާގެ ސަރުކާރަށް ކުރަމުން އައި އިތުބާރު އަނބުރާ ގެންގޮސްފައިވާ ކަމަށް ބުނެފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާނު އަބްދުﷲ ބުލައިހަގް ވިދާޅުވި ގޮތުގައި، ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް، މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުގައި، ސަރުކާރަށް ތާއީދު ނެތް ކަމަށް 113 މެމްބަރުންގެ ތެރެއިން 89 މެންބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ރަސްމީކޮށް ވޯޓު ނެގުމުގެ އަށް ދުވަސް ކުރިން ވެސް، 45 މެމްބަރަކު ވަނީ ސަރުކާރަށް ކުރި އިތުބާރު އަނބުރާ ގެންދިޔަ ކަމަށް ބުނެ، ގާނޫނު ހަދާ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުން ސަރުކާރަށް ކުރަމުން އައި އިތުބާރު އަނބުރާ ގެންދިޔަ މައްސަލައިގައި، ލީބިޔާގައި އުފައްދާފައިވާ ދައުލަތުގެ އެންމެ މަތީ މަޖިލީހުން ބުނެފައިވަނީ، ގާނޫނު ހަދާ މަޖިލީހުގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަކީ، ލީބިޔާގެ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތާއި، ސިޔާސީ ފަރާތްތަކާ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ވެސް ހިލާފު ނިންމުމެއް ކަމަށް އެ މަޖިލީހުން ބުންޏެވެ.