Roadha Mihaaru
ލީބިޔާގެ ރިޔާސީ އިންތިހާބު ޖެނުއަރީ 24 ގައި

ލީބިޔާގެ ރިޔާސީ އިންތިހާބު ޖެނުއަރީ 24 އަށް ފަސްކޮށްފި

23 ޑިސެމްބަރ 2021

ލީބިޔާގައި މާދަމާ ބާއްވަން ތާވަލުކޮށްފައި އޮތް ރިޔާސީ އިންތިހާބު، އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބާއްވަން، އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ނިންމައިފި އެވެ.

ލީބިޔާގައި މާދަމާ ބާއްވަން ތާވަލުކޮށްފައި އޮތް ރިޔާސީ އިންތިހާބު، އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބާއްވަން، އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ނިންމައިފި އެވެ.

އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، މި މަހުގެ 24 ވަނަ ދުވަހު (މާދަމާ) ރިޔާސީ އިންތިހާބު ބާއްވަންޖެހެ އެވެ. ނަމަވެސް އެ ތާރީހުގެ ދެ ދުވަސްކުރިން، އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ވަނީ، ވޯޓުގެ ކަންތައް ބެލެހެއްޓުމަށް އެކުލަވާލާފައި އޮތް އިންތިހާބާ ބެހޭ ކޮމިޓީތައް އުވާލައިފަ އެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރި އިރު ވެސް، އިންތިހާބަށް ކުރިމަތިލާވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަވަނީ ކޮން ބޭފުޅުންނެއް ކަމެއް، އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއުލާނެއް ނުކުރެ އެވެ. އިންތިހާބު ފަސްކުރިކަން އެ ކޮމިޝަނުން އިއުލާންކުރީ، ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަކީ މުސްތަހީލު ކަމެއް ކަމަށް ބުނެ، ގާނޫނު ހަދާ މަޖިލީހުގައި އޮންނަ އިންތިހާބުގެ ކަންތައް ބަލަހައްޓާ ކޮމިޓީން ބަޔާނެއް ނެރެފައިވަނިކޮށެވެ.

މި މަހުގެ 24 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ކަނޑައަޅާފައިވަނީ، ލީބިޔާގެ ދާހިލީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން، އެ ގައުމުގެ ވާދަވެރި ސިޔާސީ އަދި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި، އދ.ގެ ބެލުމުގެ ދަށުން ބޭއްވި މަޝްވަރާތަކުގަ އެވެ. ނަމަވެސް އިންތިހާބުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތުގެ އިޖުރާއާތުތަކާއި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކާ މެދު، ސިޔާސީ ފަރާތްތަކުގެ މެދުގައި ހުރި ދެބަސްވުންތަކުގެ ސަބަބުން، އެ ތާރީހުގައި އިންތިހާބު ނުބޭއްވިދާނެ ކަމަށް ކުރިން ވެސް ގިނަ ބަޔަކު އައީ ބުނަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ކަނޑައެޅިފައިވާ ތާރީހުގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ، ބައެއް ކެންޑިޑޭޓުންގެ ޝަރުތުތަކާ މެދުގައި އެއްބަސްވުމަކަށް ނާދެވުމެވެ. އެ ގޮތުން ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމަށް، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާމެދު އުފެދިފައިވާ ދެބަސްވުންތައް ވެސް ހައްލެއް ނުކުރެވެ އެވެ.

އޭގެ އިތުރުން، ލީބިޔާގެ އިރުމަތީ ސަރަހައްދު ކޮންޓްރޯލް ކުރައްވާ ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފްތަރަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާ މެދު އުފެދިފައިވާ ދެބަސްވުމަށް ވެސް ހައްލެއް ނުލިބެ އެވެ.

ސައިފުލް އިސްލާމް އާއި ޖެނެރަލް ހަފްތަރު، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެންމެ ބޮޑަށް ދެކޮޅު ހަދަނީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުންނެވެ. އަދި ލީބިޔާގެ ބައެއް ސިޔާސީ ޕާޓީތަކުން ވެސް، އެ ދެބޭފުޅުންނާ ދެކޮޅު ހަދަ އެވެ.

ރިޔާސީ އިންތިހާބު ފަސްކުރުމާ ގުޅިގެން، އާންމު އިންތިހާބު ވެސް ފަސްވެގެންދާނެ އެވެ. ކުރިން ކަނޑައަޅާފައި އޮތީ ރިޔާސީ އިންތިހާބު ބާއްވައި ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ފަހު، އެއާ ވިދިގެން އާންމު އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ.

ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު ފަސްވުމާ ގުޅިގެން މިހާރު ބިރު އުފެދިފައިވަނީ، ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި އަލުން ހަމަލާތައް ބަދަލުކުރަން ފެށިދާނެތީ އެވެ. އދ. މަޖިލީހުގެ ބެލުމުގެ ދަށުން ލީބިޔާގައި ވަގުތީ އިންތިގާލީ ސަރުކާރެއް އެކުލަވާފައި އޮތަސް، ސަރުކާރަށް ވުރެ، ހަނގުރާމަވެރި ބައެއް ޖަމާއަތްތައް، ލީބިޔާގެ ބައެއް ސަރަހައްދުތަކުގައި މާ ބާރުގަދަ އެވެ.