Roadha Mihaaru
ލީބިޔާ އަލުން ދާހިލީ ހަނގުރާމައެއްގެ ތެރެއަށް

ލީބިޔާ އަލުން ދާހިލީ ހަނގުރާމައެއްގެ ތެރެއަށް

29 ޑިސެމްބަރ 2021

މިމަހުގެ 24 ވަނަ ދުވަހު ލީބިޔާގައި ބާއްވަން ތާވަލުކުރި އެ ގައުމުގެ ރިއާސީ އިންތިހާބު، އެ ތާރީހުގައި ނުބާއްވައި އަންނަ ޖެނުއަރީ މަހުގެ 24 އަށް ފަސްކުރުމާ ގުޅިގެން، އަނެއްކާ ވެސް ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވެއްޓިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

މިމަހުގެ 24 ވަނަ ދުވަހު ލީބިޔާގައި ބާއްވަން ތާވަލުކުރި އެ ގައުމުގެ ރިއާސީ އިންތިހާބު، އެ ތާރީހުގައި ނުބާއްވައި އަންނަ ޖެނުއަރީ މަހުގެ 24 އަށް ފަސްކުރުމާ ގުޅިގެން، އަނެއްކާ ވެސް ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވެއްޓިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

އިންތިހާބު ފަސްކުރުމާ ވިދިގެން، މިހާރު އެ ގައުމުގައި އޮތް ވަގުތީ އިންތިގާލީ ސަރުކާރުގެ ރައީސް އަބްދުލް ހަމީދު އައްދުބައިބާ އަލުން ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން ފައްޓަވައިފަ އެވެ. ހަމަ އެއާއެކު، އެ ގައުމުގެ އިރުމަތީ ސަރަހައްދު ކޮންޓްރޯލް ކުރައްވާ ކުރީގެ ޖެނެރަލް ޚަލީފާ ހަފްތަރާއި، ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް އުގައިލާ ސާލިހަށް ވަފާތެރި މެމްބަރުންގެ އެހީގައި، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، މިހާރު އޮތް ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ލީބިޔާގައި ހިނގަމުން އައި ދާހިލީ ހަނގުރާމަ ހުއްޓައިލުމަށް، އެ ގައުމުގެ ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކާއި ސިޔާސީ ޕާޓީތައް އެއްބަސްވުމަށް ފަހު، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ސަރުކާރެއް އެކުލަވައިލުމަށް ކަނޑައެޅި ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ. ނަމަވެސް އެ ތާރީހުގައި އިންތިހާބު ބޭއްވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ވެރިކަން ކުރާ މަޖިލީހެއް އެކުލަވާލައި، އިންތިގާލީ މަރުހަލާގެ ރައީސެއްގެ ގޮތުގައި އަބްދުލްހަމީދު އައްދުބައިބާ އައްޔަންކޮށް، އޭނާއާ ވެރިކަން ހަވާލުކުރީ މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.

މިމަހުގެ 24 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު ފަސްކުރިކަން އިއުލާންކުރީ، އެ ގައުމުގެ އެންމެ މަތީ މަޖިލީހުގެ ރައީސް ޚާލިދުލް މިޝްރީ، ރިއާސީ އިންތިހާބު ބޮއިކޮޓް ކުރައްވާނެ ކަމަށް، މިދިޔަ މަހުގެ ތެރޭގައި ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ރިއާސީ އިންތިހާބު ބޮއިކޮޓް ކުރައްވަން ނިންމެވީ، އިންތިހާބުގައި ބޮޑެތި މުޖުރިމުން ވާދަކުރައްވާ ކަމަށް ވިދާޅުވެ އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ، ކުރީގެ ޖެނެރަލް ޚަލީފާ ހަފްތަރަށާއި ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީއަށެވެ. އެ ދެ ބޭފުޅުންނަކީ ވެސް، ގައްޒާފީގެ ވެރިކަމުގެ ދުވަސްވަރު، އެ ގައުމުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގެވިކަމަށް ތުހުމަތުކުރެވޭ ދެ ބޭފުޅުންނެވެ.

މައުލޫމާތު އެނގޭ ބައެއް ސިޔާސީ މަސްދަރުތަކުން ލިބޭ މައުލޫމަތަށް ބަލާއިރު، އިންތިހާބު ބާއްވަން ކަނޑައެޅި ތާރީހު ފަހަނަޅައި ގޮސްފައިވާތީ، މިހާރު އޮތް އިންތިގާލީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ކަނޑައަޅާ ގަރާރެއް، ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގަރާރަށް ތާއީދުކުރާނެ މެމްބަރުން ހޯއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވަނީ، ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް އުގައިލާ ސާލިހާއި ޖެނެރަލް ހަލީފާ ހަފްތަރެވެ.

ދުބައިބާގެ ސަރުކާރު އުވައިލުމަށް ފަހު، އޭގެ ބަދަލުގައި ވަގުތީ އާ ސަރުކާރެއް އެކުލަވައިލުމަށް ވެސް، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން އަންނަނީ މިކަމަށް ދެކޮޅު ހަދަމުންނެވެ. އިނގިރޭސި ވިލާތާއި ތުރުކީ ވިލާތް އެކަމަށް އެންމެ ބޮޑަށް ދެކޮޅު ހަދާއިރު، އެމެރިކާ ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. އޭގެ އިތުރުން، ލީބިޔާގެ އެންމެ މަތީ މަޖިލީހުން މިހާރު ވަނީ، ގާނޫނު ހަދާ މަޖިލީހުގެ ނިންމުންތައް ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ.

ލީބިޔާގައި މިހާރު އޮތް އިންތިގާލީ ސަރުކާރުގެ ބަދަލުގައި ވަގުތީ އާ ސަރުކާރެއް އެކުލަވައިލުމަށް ކުރަމުން އަންނަ މަސައްކަތަށް، އަވައްޓެރި މިސްރުން ތާއީދުކުރާ ކަމަށް، ޖެނެރަލް ހަފްތަރުގެ ވަފާތެރިން ބުނެ އެވެ. އާ ސަރުކާރު އެކުލަވައިލަން ބޭނުންވަނީ ޖެނެރަލް ހަފްތަރާއި، ލީބިޔާގެ ކުރީގެ ދާހިލީ ވަޒީރު ފަތުހީ ބާޝާޣާ އަށް، ވެރިކަމުގެ ބާރުތައް ލިބޭ ގޮތަށެވެ. ނަމަވެސް މިވާހަކަތަކާ ގުޅޭ ގޮތުން މިސްރުން މިހާތަނަށް ރަސްމީ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.