Roadha Mihaaru
ލީބިޔާގެ ރިއާސީ އިންތިހާބުގެ ވާދަވެރިންނަކީ ކޮބާ؟

ލީބިޔާގެ ރިއާސީ އިންތިހާބުގެ ވާދަވެރިންނަކީ ކޮބާ؟

07 ޑިސެމްބަރ 2021

ލީބިޔާގެ އާންމު ރައްޔިތުންނާއި ބައިނަލްއަގުވާމީ މީޑިއާތައް މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ދަނީ، މި މަހުގެ 24 ވަނަ ދުވަހު ލީބިޔާގައި އޮންނަ ރިއާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ނަންތައް، އެ ގައުމުގެ އިންތިހާބާ ބެހޭ ކޮމިޝަނުން އިއުލާން ކުރާނެ ވަގުތަކަށެވެ.

ލީބިޔާގެ އާންމު ރައްޔިތުންނާއި ބައިނަލްއަގުވާމީ މީޑިއާތައް މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ދަނީ، މި މަހުގެ 24 ވަނަ ދުވަހު ލީބިޔާގައި އޮންނަ ރިއާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ނަންތައް، އެ ގައުމުގެ އިންތިހާބާ ބެހޭ ކޮމިޝަނުން އިއުލާން ކުރާނެ ވަގުތަކަށެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެނީ، ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އާއި މިހާރުގެ ބޮޑުވަޒީރު އަބްދުލްހަމީދު އައްދުބައިބާ އާއި އެ ގައުމުގެ އިރުމަތީ ސަރަހައްދު ކޮންޓްރޯލް ކުރަމުން އަންނަ ކުރީގެ ޖެނެރަލް ޚަލީފާ ހަފްތަރާ ދެމެދުގަ އެވެ.

މީގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް އުގައިލާ ސާލިހު ވެސް މިފަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ކުރިމަތިލައްވައިފަ އެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ބޭފުޅުން ކުރިމަތިލައްވާފައިވެ އެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ، އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރަން އޮތީ އިއްޔެ އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ވަކި ސަބަބެއް ނުބުނެ، އެކަން އިއުލާންކުރުން ވަނީ ފަސްކޮށްފަ އެވެ. ފަހަރެއްގައި މިއަދު ނުވަތަ މާދަމާ ވެސް ކެންޑިޑޭޓުންގެ ލިސްޓު އިއުލާންކުރުން އެކަށީގެންވެ އެވެ.

އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ސައިފުލް އިސްލާމް އާއި ޖެނެރަލް ހަލީފާ ހަފްތަރުގެ ކެންޑިޑޭސީއާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެއީ، ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޖިނާއީ ހުކުމްތަކާ ގުޅިގެންނެވެ.

ނަމަވެސް، އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، މަތީ މަރުހަލާގެ ކޯޓުން ނިންމާފައިވަނީ، އެ ދެ ބޭފުޅުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލު ކަމަށެވެ. އެހެންކަމުން، އެ ދެބޭފުޅުންނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް މަތީ ކޯޓުން ނިންމި އެވެ.

ނަމަވެސް ހަލީފާ ހަފްތަރުގެ އެހެން މައްސަލައެއް ނުނިމި އޮތުމުން، ކެންޑިޑޭޓުންގެ ލިސްޓުގައި ހަފްތަރުގެ ނަން ހިމެނުމާ މެދު އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެއީ، ލީބިޔާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ކުށްތަކުގައި، ލީބިޔާގެ މިސްރާތާގެ އަސްކަރީ ކޯޓުން އޭނާގެ މައްޗަށް ޣައިރު ހާޒިރުގައި އިއްވާފައި އޮތް މަރުގެ ހުކުމެއް އޮތުމާއި، އޭނާއަށް އެމެރިކާގެ ރައްޔިތުކަން ލިބިފައި އޮތުމެވެ.

ލީބިޔާގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ނިހާއީ ހުކުމެއް އޮތް މީހަކަށް ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން އޮތް މީހަކަށް، ރިއާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެހެންކަމުން، ބައެއް މީޑިއާތަކުން ބުނާ ގޮތުގައި، ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖެނެރަލް ހަފްތަރަށް ވަފާތެރި މެމްބަރުން މިހާރު މަސައްކަތް ކުރަނީ، އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް ފިއްތުންތައް ކުރިމަތިކޮށްގެން، ކެންޑިޑޭޓުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނުމަށެވެ.