Roadha Mihaaru
ޝާހްރުކްގެ "ގުޑްބާއި ފްރެޑީ" އިން ކާތިކް ވަކިވެއްޖެ

ޝާހްރުކްގެ "ގުޑްބާއި ފްރެޑީ" އިން ކާތިކް ވަކިވެއްޖެ

28 މެއި 2021

ކާތިކް އާރިޔަން ސޮއިކޮށްފައި އޮތް ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމު "ގުޑްބާއި ފްރެޑީ" އިން އޭނާ ވަކިވެ، ފިލްމުން ލިބުނު ދެ ކްރޯޑް ރުޕީސް ވެސް ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާތިކް އާރިޔަން ސޮއިކޮށްފައި އޮތް ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމު "ގުޑްބާއި ފްރެޑީ" އިން އޭނާ ވަކިވެ، ފިލްމުން ލިބުނު ދެ ކްރޯޑް ރުޕީސް ވެސް ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ދާދި ފަހުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2" އިން ވަކިކުރި އެކްޓަރު ޝާހްރުކްގެ ފިލްމުން ވަކިވީ އޭގެ ޓީމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ހެދި ކަމަށެވެ.

ކާތިކް "ގުޑްބާއި ފްރެޑީ" ދޫކޮށްލި އިރު ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި އަޖޭ ބާލް ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން އޮތީ އަންނަ މަހުގެ ތެރޭގައި ފަށާ ގޮތަށެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ބަތަލާއަކަށް ކެޓްރީނާ ގެންނަން ނިންމާފައިވެ އެވެ.

"ގުޑްބާއި ފްރެޑީ" ގެ ޓީމްގެ އޮފިޝަލަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ކާތިކް ފިލްމު ދޫކޮށްލީ އޭނާ އަށް އެންމެ ފުރަތަމަ ފިލްމު ނެރޭޓްކޮށްދިން ގޮތާ ހިލާފަށް ފައިނަލް ޑްރާފްޓްގައި ބޮޑެތި ތަފާތުތަކެއް ހުރުމުން އެކަމާ މެދު ހިތްހަމަނުޖެހިގެން ޑައިރެކްޓަރާ އެކު އެއްގަލަށް ނޭރިގެން ކަމަށެވެ.

އަޖޭ ބާލް އަކީ އަކީ 2012 ގެ "ބީއޭ ޕާސް" އާއި 2019 ގެ "ސެކްޝަން 375" ގެނެސްދިން ޑައިރެކްޓަރެވެ.

ދެހާސް އަށާރައިގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ކާތިކް، 30، ގެ ޑިމާންޑް ވަރަށް ބޮޑަށް އުފުލި، އޭނާގެ ކެރިއަރު ވަރަށް ބޮޑަށް ބަދަލުވެފައިވެ އެވެ. އެއާ އެކު އޭނާ ފިލްމު ކުޅޭ އަގު ވެސް ފަހުން ބޮޑުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޑައިރެކްޓަރު ރާމް މަދުވަންގެ "ދަމާކާ" ކުޅުނު އެކްޓަރުގެ އަތުގައި މި ވަގުތު ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2" އާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމެއް ހިމެނެ އެވެ. މީގެ އިތުރުން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދެ ފިލްމަކަށް ވެސް ކާތިކް ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ދަރުމާއާ ދެމެދު އުފެދުނު މައްސަލަތަކާ ހެދި "ދޯސްތާނާ 2" އިން ކާތިކް ވަކިކުރި އިރު އެ ފިލްމަކީ 2019 ގައި ޝޫޓިން ފަށައި ވަރަށް ބޮޑު ނިންމާފައި އޮތް ފިލްމެކެވެ. އެހެންވެ އޭނާ އޭނާ އެއިން ވަކިކުރުމުން 20 ކްރޯޑް ރުޕީސްގެ ގެއްލުމެއްވެފައިވެ އެވެ. އެކަން އެހެން އޮއްވައި ޝޫޓިން ފަށަން ކުޑަތަންވެފައި ވަނިކޮށް ކާތިކް "ގުޑްބާއި ފްރެޑީ" ދޫކޮށްލުމަކީ އޭގެ ޓީމަށް ވެސް ދިމާވާނެ ވަރަށް ބޮޑު ބޮލުގެ ރިހުމަކަށް ވާނެ އެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ "ލަވް އާޖް ކަލް" އެވެ.