Roadha Mihaaru
މިތުން އާއި ސްރީދޭވީ ކައިވެނިކުރި؟

މިތުން އާއި ސްރީދޭވީ ކައިވެނިކުރި؟

16 ޖޫން 2021

ބޮލީވުޑްގެ ތަރިންގެ ކައިވެނީގެ ވާހަކަތަކުގެ ތެރެއިން ކުރީގެ ބަތަލާ ސްރީދޭވީ އާއި މިތުން ޗަކްރަބަތީގެ ކައިވެނީގެ ވާހަކަ 1980ގެ ތެރޭގައި ވަރަށް ހޫނުކޮށް ދެކެވުނެވެ. އެކީގައި ކާމިޔާބު ފިލްމުތަކެއް ވެސް ކުޅުނު މި ދެ ތަރިން ކައިވެނިކުރި ވާހަކަ ދެކެވުނަސް އެކަމާ ގުޅޭ ރަސްމީ އެއްވެސް ހެއްކެއް މިހާތަނަކަށް ފެންނަން ނެތް ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރިންގެ ކައިވެނީގެ ވާހަކަތަކުގެ ތެރެއިން ކުރީގެ ބަތަލާ ސްރީދޭވީ އާއި މިތުން ޗަކްރަބަތީގެ ކައިވެނީގެ ވާހަކަ 1980ގެ ތެރޭގައި ވަރަށް ހޫނުކޮށް ދެކެވުނެވެ. އެކީގައި ކާމިޔާބު ފިލްމުތަކެއް ވެސް ކުޅުނު މި ދެ ތަރިން ކައިވެނިކުރި ވާހަކަ ދެކެވުނަސް އެކަމާ ގުޅޭ ރަސްމީ އެއްވެސް ހެއްކެއް މިހާތަނަކަށް ފެންނަން ނެތް ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

އެކަމަކު އެ ކައިވެންޏަކީ ހަގީގަތެއް ކަމަށާއި މިތުން އާއި ސްރީދޭވީގެ ކައިވެނި ދެމިއޮތީ އެންމެ ތިން އަހަރަށް ކަމަށް މީޑިއާތަކުން ބުނެ އެވެ. ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި 1982 ގެ "ޑިސްކޯ ޑާންސަރު" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ލިބުނު މިތުން އާއި ސްރީދޭވީ ކައިވެނިކުރީ އޭނާ އަކީ މީހެއްގެ ފިރިއެއްކަން ވެސް ނޭނގި އެވެ. އަދި އެކަން ފަޅާއެރުމުން ކައިވެނި ރޫޅައިލީ 1988 ގަ އެވެ.

ކުރީގެ ބަތަލާ ޔޮގީތާ ބާލީ އާއި މިތުން ކައިވެނިކުރީ 1979 ގަ އެވެ. އެ ކައިވެންޏަށް ތިން ކުދިން އެބަތިއްބެވެ. އެއީ އެކްޓަރު މަހާކްޝޭ ޗަކްރަބަތީ (މިމޯ)، 36، އާއި މިހާރު "ބޭޑް ބޯއި" ކިޔާ ފިލްމަކުން ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ނަމާޝީ ޗަކްރަބަތީ، 28، ގެ އިތުރުން ޑިޝާނީ ޗަކްރަބަތީ އެވެ.

މިތުން އާއި އަންހެނުން ޔޮގީތާ.

މިތުން އާއި އަންހެނުން ޔޮގީތާ.

މިމޯ އަކީ ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "އަނޫޕަމާ" ގައި ކާވިއާގެ ރޯލު ކުޅޭ މަދަލްސާ ޝަރުމާގެ ފިރިމީހާ އެވެ.

ސްރީދޭވީ އާއި މިތުންގެ ކައިވެނި ބޮޑު އަރަތެއްގެ ގޮތުގައި އޮތަސް އެ ވާހަކަ އަކީ އަބަދު ވެސް މީޑިއާތަކުގައި ދެކެވޭ ވާހަކައެކެވެ. ސްރީދޭވީ 2018 ގައި މަރުވި އިރު، ކައިވެނިކޮށްގެން އުޅުނީ ޕްރޮޑިއުސަރު ބޯނީ ކަޕޫރާ އެވެ.

އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ އެކްޓަރު އަނިލް ކަޕޫރްގެ ބޭބެއާ ސްރީދޭވީ ކައިވެނިކުރީ 1996 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ދެ މީހުން ކައިވެނިކުރި އިރު ސްރީދޭވީ އިނީ ބަލިވެއިނދެ ބަނޑަށް ހަތް މަހުގަ އެވެ.

ސްރީދޭވީގެ މަރާ ހަމައަށް ވެސް ބޯނީގެ އާއިލާގެ ފުރިހަމަ ރުހުން ސްރީދޭވީއަކަށް ލިބިފައެއް ނުވެ އެވެ. އެ އާއިލާ އިން އޭނާ އެކަހެރިކޮށްފައި ބެހެއްޓީ ބޯނީގެ އަލަތު ކައިވެނި ހަލާލުކޮށްލި މީހެއްގެ ގޮތުގަ އެވެ. އެކްޓަރު އަރުޖުން ކަޕޫރް، 35، އާއި އަންޝުލާ ކަޕޫރް، 30، އަކީ ބޯނީގެ އަލަތު ކައިވެންޏަށް ލިބުނު ދެ ކުދިންނެވެ. އެ މީހުންގެ މަންމަ މޯނާ ޝޯރީ ކަޕޫރް 2012 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވީ އެވެ.

ސްރީދޭވީ އާއި ބޯނީ ދެ އަންހެން ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން ދޮއްޓަށް ހުންނަނީ މިހާރު ފިލްމު ކުޅޭ ޖާންވީ ކަޕޫރް، 24، އެވެ. ހަގަށް ހުރި ޖާންވީ ކަޕޫރް، 20، އަކީ ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނާނެ ޒުވާނެކެވެ.

މިތުން، 70، އާއި ސްރީދޭވީ، 55، ގެ ގުޅުމުގެ ވާހަކަ ފަނޑުވުމެއް ނެތް ގޮތަށް ދެކެވޭ އިރު ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި ޖާގް އުތާ އިންސާން (1984)، ވަތަން ކޭ ރަކްވާލޭ (1987)، ވަގުތު ކީ އާވާޒް (1988) އަދި ގުރޫ (1989) ހިމެނެ އެވެ.