Roadha Mihaaru
މީހުން އުޅޭ ރަށްތައް މަދުކުރުމެއް ނެތް: އަސްލަމް

މީހުން އުޅޭ ރަށްތައް މަދުކުރުމުގެ ވިސްނުމެއް ނެތް: އަސްލަމް

17 ޖޫން 2021

ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގައި ވެސް މީހުންނަށް ދިރިއުޅޭ ވަރަށް ވަސީލަތްތައް އެބަހުރި ކަމަށާއި ރަށްތައް ހުސްކޮށް މީހުން ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގައި ވެސް މީހުންނަށް ދިރިއުޅޭ ވަރަށް ވަސީލަތްތައް އެބަހުރި ކަމަށާއި ރަށްތައް ހުސްކޮށް މީހުން ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން އަދި ޕްލޭނިން މިނިސްޓްރީގެ އަހަރީ ރިޕޯޓާއި އެ މިނިސްޓްރީގެ އެހެން ބައެއް ރިޕޯޓްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ރަށެއްގެ އާބާދީ އެކީގައި އެހެން ތަނަކަށް ބަދަލުކުރުމަކީ ތަންކޮޅެއް ކުރީގެ ސިޔާސަތެއް ކަމަށެވެ. އޭގެ ބަދަލުގައި މިހާރުގެ ސިޔާސަތަކީ ރަށްތައް ގުޅުވައިދިނުން ކަމަށާއި މީހުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރުމަކީ މީހުން އަމިއްލައަށް ބޭނުންވެގެން "ނެޗުރަލްކޮށް" ހިނގަން ޖެހޭ ކަމެއް ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.

މީހުން އުޅެން ކަމުނުދާ ކަމަށް ކުރިން ބެލެވުނު ބައެއް ރަށްތަަކަކީ މިހާރު ވަރަށް އަގުހުރި ރަށްތަކަށް ވެފައިވާ ކަަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުގައި އަސްލަމް ދެއްކެވީ ވ. އަތޮޅުގެ ބައެއް ރަށްތަކެވެ. ވ. އަތޮޅުގެ ރަށްތަކަކީ ލޯކަލް ޓޫރިޒަމްގައި މިހާރު ވަރަށް އަގުހުރި ރަށްތަކެވެ.

"ބައެއް ތަންތަނަކީ އިކޮނޮމިކަލީ މާ އެޓްރެކްޓިވް ތަނަކަށް ވެގެން މީހަކު މައިގްރޭޓްކޮށްފާނެ. އަނެއްބައިމީހުން ތިބި ތަނުގައި، އެތަން ހިތްފަސޭހަވެގެން ތިބެން ވެސް ނިންމަފާނެ. އެހެންވީމާ ސަރުކާރުގެ ވިސްނުމަކުއެއް ނެތް މިހާރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދު މަދުކުރުމެއް،" އަސްލަމް ވިދާޅުވި އެވެ.

މީހުން ދިރިއުޅުމަށް ބޭނުންވާ އަސާސީ އިންފްރާސްޓްރަކްޗާ ހުރިހާ ރަށެއްގައި ވެސް ހުންނާނެ ކަމަށާއި އެހާ ބޮޑަށް އެކަހެރިވެފައިވާ އެއްވެސް ތަނެއް މިހާރު ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލަފާފުރުމާއި ކަރަންޓާއި މުވާސަލާތީ ހިދުމަތް އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު ހުރެ އެވެ. އާބާދީ މަދުވެގެން ކަމެއް ނުކޮށްްދިނުމުގެ ވިސްްނުމެއް ވެސް ސަރުކާރުން ނުގެންގުޅޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާބާދީ މަދުވެގެން ކަމެއް ނުކުރެވޭ ކަމަށް ވަންޏާ ވ. އަތޮޅު ރަކީދޫގައި ބަނދަރުވެސް ނުހަދާނެ. އެކަަމަކު އެ މަސައްކަތް ވެސް އަޅުގަނޑުމެން ކޮށް ނިންމާލައިފިން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ އަސްލަމް ވިދާޅުވި ގޮތުގައި މިހާރު މާބޮޑު ކަމެއް ކުރެވެން ނެތްކަމަށް ބެލެވޭ ރަށްރަށުގައި ވެސް ފަހުން ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުކޮށްފައި ބޭއްވުމެވެ.