Roadha Mihaaru
އިންޑޮނީޝިއާގައި ކޮވިޑް ވެކްސިން ޖެހުމުން ކުކުޅެއް

އިންޑޮނީޝިއާގެ އަވަށެއްގައި ކޮވިޑް ވެކްސިން ޖެހުމުން ކުކުޅެއް

18 ޖޫން 2021

އިންޑޮނީޝިއާގެ ރަށްފުށުގެ ސަރަހައްދެއްގެ އާންމުން ކޮވިޑް ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން ވެކްސިން ޖަހާ މީހުންނަށް ދިރޭ ކުކުޅު ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑޮނީޝިއާގެ ރަށްފުށުގެ ސަރަހައްދެއްގެ އާންމުން ކޮވިޑް ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން ވެކްސިން ޖަހާ މީހުންނަށް ދިރޭ ކުކުޅު ދޭން ފަށައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހުޅަނގު ޖާވާގެ ޝިއާންޖީރު ރެޖެންސީގަ އެވެ. އެތަނުގައި ވެކްސިން ޖަހާ 45 އަހަރުން މަތީގެ މީހުން ނިސްބަތުން މަދުކަމުން އެކަމަށް ބާރު އަޅައި ވީހާ ވެސް އަވަކަށް ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ ގޮތުން، ވެކްސިން ޖަހާ މީހުންނަށް ދިރޭ ކުކުޅު ދޭ ޕްރޮގްރާމް ކުރިއަށް ގެންދަނީ ވެކްސިން ޖެހުމުގެ ކަންކަން ކުރާ ކަމާބެހޭ އިދާރާތަކާއި ފުލުހުން ގުޅިގެންނެވެ.

ޝިއާއާންޖީރު ރެޖެންސީ ހިމެނޭ ސަރަހައްދު ކަމަށްވާ ޕީކަޓްގެ ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު ގާލިހް އަޕްރިއާ ވިދާޅުވީ ތަންކޮޅެއް ދުވަސްވީ މީހުން ވެކްސިން ޖަހަން ބޭނުން ނުވާ ކަމަށާއި އެކަމާ ވަރަށް ގިނަ މީހުން ލަދުން އަދި ކަންބޮޑުވެގެން ވެސް އުޅޭ ކަމަށެވެ.

"ވެކްސިނާ ބެހޭ ގޮތުން ރަނގަޅު ނޫން މައުލޫމާތުތަކެއް ލިބިފައި ހުރުމުން ބައެއް މީހުން ގަބޫލެއް ނުކުރޭ ކޮވިޑް ވެކްސިން ޖެހުމަކުން ބަލިން ރައްކާތެރިކޮށް ދޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ. "ގިނަ މީހުންނާ ވާހަކަ ދައްކާލީމަ އެނގެނީ ކޮވިޑް ވެމްސިން ޖެހީމަ މަރުވެދާނެ ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރާކަން."

ގާލިހް ވިދާޅުވި ގޮތުގައި ފުލުހުން މިކަމުގެ ތެރޭގައި ޝާމިލުވާން ފެށީ ވެކްސިނާ މެދު ހޭލުންތެރިކަން އުފައްދަން ކުރާ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން އުމުރުން 45 އަހަރުންގެ މަތީގެ މީހުންގެ ތެރެއިން ވެކްސިން ޖަހާ މީހުންނަށް ދިރޭ ކުކުޅު ދޭން ފެށީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށް ވިދާޅުވި އެވެ.

"މިކަމާ އެކު ވެސް ތަރުހީބު ފުރަތަމަކޮޅު ވަރަށް ކުޑަ. އެންމެ ފުރަތަމަ ދުވަހު ފަންސަވީހަކަށް މީހުން ވެކްސިން ޖެހީ. އެކަމަކު މިހާރު ވެކްސިން ޖަހާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އެބައުޅޭ ދުއިސައްތަ ފަންސާހުގައި." އޭނާ ވިދާޅުވި އެވެ.

އިންޑޮނީޝިއާގައި މީހަކާ ކުކުޅެއް ހަވާލުކުރަނީ.

އިންޑޮނީޝިއާގައި މީހަކާ ކުކުޅެއް ހަވާލުކުރަނީ.

ވެކްސިން ޖަހާ މީހުންނަށް ކުކުޅު ދެނީ ދުވަސްވީ މީހުންނަށް އިހުތިރާމުކުރާކަމާއި އެ މީހުން ދެކެ ލޯބިވާކަން ހާމަކޮށް ދިނުމުގެ ރަމްޒެއްގެ ގޮތުގަ އެވެ.

"ވެކްސިން ޖަހާ މީހުންނަށް ކުކުޅު ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ދޮރުންދޮރަށް ހިނގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް،" ގާލިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ޖަހަން ހިތްވަރު ދިނުމުގެ ގޮތުން ރަށްފުށުގެ މީހުންގެ މެދުގައި ވަރަށް ބޮޑަށް ހޭލުންތެރިކަން އުފައްދަން ޖެހެ އެވެ. އަދި އެކަން ކުރާ އިރު ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ކަންކަން ކުރަން މުހިއްމު ކަމަށް ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ވެކްސިން ދެވޭ ނިސްބަތް ހުރީ އެންމެ އެކަށީގެންވާ ނިސްބަތެއްގައެއް ނޫނެވެ. އެގޮތުން އަދިވެސް 50 އަހަރު މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަޔަމަ ޑޯޒް ޖެހި މީހުންގެ ނިސްބަތަކީ އެންމެ 20 ޕަސަންޓެވެ.

މުޅި އިންޑޮނީޝިއާ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަނާ ގާތްކުރާ އިރު، ބަލީގައި މަރުވި މީހުންގެ އަދަދު 53،600 އަށް ވުރެ ގިނަ އެވެ.