Roadha Mihaaru
ވޭލްސް ކަޓުވާލުމަށް ފަހު ޑެންމާކް ކުއާޓާ ފައިނަލަށް

ވޭލްސް ކަޓުވާލުމަށް ފަހު ޑެންމާކް ކުއާޓާ ފައިނަލަށް

26 ޖޫން 2021

އެމްސްޓަޑަމް (ޖޫން 26) - ވޭލްސްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުން ޑެންމާކު މިރޭ ޖާގަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެމްސްޓަޑަމް (ޖޫން 26) - ވޭލްސްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުން ޑެންމާކު މިރޭ ޖާގަ ހޯދައިފި އެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މޮޅުވެ ޑެންމާކް ކުއާޓާއިން ޖާގަ ހޯދި ފުރަތަމަ ޓީމަށް ވިއިރު މިއަދުގެ ތާރީހަކީ ޑެންމާކުން ފުޓްބޯޅައިގެ ތާރީހުގައި ބޮޑު ކާމިޔާބެއް ހޯދި ދުވަހެކެވެ. ޔޫރޯގެ ޗެމްޕިއަންކަން، 1992 ގައި ޑެންމާކުން ކާމިޔާބު ކުރިތާ މިއަދު މިއީ 29 އަހަރު ފުރުނު ދުވަހެވެ.

ނެދަލެންޑްސްގެ އެމްސްޓަޑަމްގެ ޔޯހާން ކްރައިފް އެރީނާގައި ކުޅުނު މެޗުގައި، ނުރައްކާކޮށް ފުރަތަމަ ފެނުނީ ވޭލްސް އެވެ. މެޗުގެ ފުރަތަމަ 15 މިނެޓް ތެރޭ އެ ޓީމުގެ ކެޕްޓަން ގެރެތު ބޭލް ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ އޭރިއާގެ ތެރޭގައި ތިބި ޑެންމާކުގެ ކުޅުންތެރިންގެ ތެރެއިން ގޮސް ބޯޅަ ބޭރަށް ދިޔައީ ގޯލް ދަނޑިއާ އިންޗިއެއްހައި ދުރުންނެވެ.

މެޗުގައި ކެސްޕަ ޑޮލްބާގް ދެ ލަނޑު ޖެހި އެވެ. މެޗުގެ 27 ވަނަ މިނެޓްގައި އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ގޯލްގެ ކަނަށް އަމާޒުކޮށެވެ. އެ ބޯޅަ ހޯދަން ވޭލްސްގެ ކީޕަރު ޑެނީ ވާޑް މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ ގޯލަށް ވަދެގެން ދިޔައީ ގޯލްގެ ދަނޑިއާ ކައިރިންނެވެ. އެހެންވެ އެ ބޯޅަ އޭނާ އަށް ސޭވެއް ނުކުރެވުނެވެ. ޑޮލްބާގަށް ޑެމްސްގާޑް ދިން ބޯޅައިންނެވެ.

ޑޮލްބާގް (ކ) ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަސް

ޑޮލްބާގް (ކ) ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަސް

އެއް ލަނޑު ފަހަތުގައި އޮތުމުން ދެ ވަނަ ހާފު ފެށިގެން ވެސް ވޭލްސްއިން ކުޅެން މަސައްކަތް ކުރީ ކުރިއަށް ޖެހި ހަމަލާ އުފެއްދުމުގެ ވިސްނުމެއްގަ އެވެ. އެހެންކަމުން ޑެންމާކަށް ކައުންޓަ އޭޓްކުތަކުގައި ފުރުސަތު ލިބިގެން ދިޔަ އެވެ. ޑެންމާކުގެ ދެ ވަނަ ލަނޑު ޑޮލްބާގް، ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ކޖެހީވެސް އެގޮތަށް ޑެންމާކުގެ ކުޅުންތެރިން އުފެއްދި ފުރުސަތަކުންނެވެ.

މާޓިން ބްރައިތުވެއިޓް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ވޭލްސްގެ ނެކޯ ވިލިއަމްސް ދިފާއު ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާއަށް އެ ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުން އޭނާގެ ފައިގައި ޖެހިފައި ރީބައުންސްވި ބޯޅަ ޑޮލްބާގް އަށް ލިބުނެވެ. އޭނާ ވަނީ ބޯލަ ކޮންޓްރޯލް ކޮށްލައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.

ޑެންމާކުގެ ތިން ވަނަ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރި ޔޯކިމް މައިލާ އެވެ. ޑެންމާކުގެ އޭރިއާގެ ބޭރުން މެތިަސް ޖެންސަން ދިން ބޯޅަ އޭރިއާ ތެރެއިން ލިބިގަނެ މައިލާ ވަނީ ގޯލްގެ ކަނަށް ވައްދައިލައިފަ އެވެ. މެޗުގެ 90 ވަނަ މިނެޓްގައި ވޭލްސްގެ ހެރީ ވިލްސަން އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ، ވޭލްސްގެ އެންޑްރެސް ކްރިސްޓެންސެންގެ ފަހަތުން ކުރި ފައުލް ކުރުމުންނެވެ.

ޑެންމާކުގެ ހަތަރު ވަނަ ލަނޑު ޖެހހި ބްރައިތުވެއިޓް އޮފްސައިޑް ކަމަށް ފުރަތަމަ ބެލެވުނެވެ. ނަމަވެސް ވީއޭރުން ބެލުމުން އެނގުނީ އޭނާ އޮފްސައިޑް ނުވާ ކަމަށެވެ. އެހެންވެ އެ ލަނޑު ބަލައިގަނެ 4-0 އިން ޑެންމާކު މެޗުން މޮޅުވި ކަމަށް ނިންމި އެވެ.

ކުއާޓާ ފައިނަލުގައި ޑެންމާކު ވާދަ ކުރާނީ، ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.