Roadha Mihaaru
ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނު ތަންފީޒު ނުކުރެވޭތީ

ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވޭތީ: އިދިކޮޅު

08 ޖުލައި 2021

ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނުތަކާއި ގަވައިދުތައް ނެތިގެން ނޫން ކަމަށާއި، މިހާރު ހުރި ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވޭތީ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނުތަކާއި ގަވައިދުތައް ނެތިގެން ނޫން ކަމަށާއި، މިހާރު ހުރި ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވޭތީ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުތަރު ބިލަކީ ރާއްޖޭގެ އިސްލާމީ މުޖުތަމައުއާ އެންމެ އެކަށޭނެ ބިލެއް ނޫން ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ.

މިއަދު މެންދުރު ފަހުގެ ޖަލްސާ އަށް މި ބިލުގެ ކޮމިޓީ ރިޕޯޓް އެޖެންޑާކޮށްފައި ވަނިކޮށް ނެރުނު ބަޔާނުގައި ބުނީ މި ބިލު ވާނީ މުޖުތަމައު އިތުރަށް ބައިބައިވެ، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދުމުގެ އިތުރުން ގައުމު އިތުރަށް ފަސާދަ ވުމަށް ހުޅުވޭ ފުރުސަތަކަށް ކަމަށެވެ.

"އަދި އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބިގެންދާނެ އެވެ. އެއް އުއްމަތެއްގެ ގޮތުގައި މިއޮތް ދިވެހި ޤައުމުގެ ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ." ބަޔާނުގައިވެ އެވެ.

އަބަދުވެސް ވަކާލާތު ކުރާނީ ދިވެހިންގެ ގައުމިއްޔަތާއި ސިޔާދަތާއި މިނިވަން ކަމުގެ ދިފާއުގައި ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މި ބިލު ފުރަތަމަ އޮތް ގޮތުން ރާއްޖޭގެ ދީނީ ވަރަށް ގިނަ އިލްމުވެރިންނާއި އާއްމުން ވެސް ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެ އެވެ. މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރުމަށް ފަހު އެމްޑީޕީން މިހާރު ވަނީ އިތުރު ބަދަލުތައް ގެންނަން ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ނިންމައިފަ އެވެ.