Roadha Mihaaru
ދަނޑަށް ނޭރިއަސް ބައްޕަގެ ފަހަތުން ޗެމްޕިއަނަކަށް

ދަނޑަށް ނޭރިއަސް ބައްޕަގެ ފަހަތުން ޗެމްޕިއަނަކަށް

25 ޖުލައި 2021

ސޮލައިޓް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ "ކޮކޯ ޗިކް ކްލިނިކް"ގެ ރިހެބިލިޓޭޝަން ރޫމުގެ ދޮރު އަހަރެމެންނަށް ހުޅުވައިދީ، ލުބާނާ ޝާހް ފެށި މި ވާހަކައިގެ ފުރަތަމަ ޗެޕްޓާ ފަށަން ޖެހުނީ ގަލޮޅު ދަނޑުންނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސޮލައިޓް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ "ކޮކޯ ޗިކް ކްލިނިކް"ގެ ރިހެބިލިޓޭޝަން ރޫމުގެ ދޮރު އަހަރެމެންނަށް ހުޅުވައިދީ، ލުބާނާ ޝާހް ފެށި މި ވާހަކައިގެ ފުރަތަމަ ޗެޕްޓާ ފަށަން ޖެހުނީ ގަލޮޅު ދަނޑުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ ވަރުގަދަ ލެޖެންޑް ޝާހް އިސްމާއީލް (ސާޔާ) ބޯޅަ ހިފައިގެން ހުއްރިއްޔާ ކްލަބުގެ އޭރިއާގެ ތެރެއަށް ވަނުމުން ގޯލާ ރައްޓެހި ޝާހު ހުއްޓުވާނެ އެހެން ގޮތެއް ލެޖެންޑްރީ ކީޕަރު ހުރާގެ އިސްހާގް އީސާ އަށް ނުހޯދުނެވެ. އޭނާ ޖެހުނީ ފައުލްކޮށް ނިއު ރޭޑިއަންޓްގެ އެންމެ އިސް ފޯވަޑް ކަނޑާ ވައްޓާލާށެވެ. ނުރައްކާތެރި އެ ފައުލުގައި ސާޔާގެ ފައިގެ މަސްގަނޑު އިރައިގެން ދިޔައީ އެވެ.

ސްޕޯޓްސް ރިހިބިލިޓޭޝަން، އެންމެ ތަދު އެ ދުވަސްވަރު ސާޔާ އަށް ކުރިމަތިވި އަނިޔާ އަކީ އޭރުގެ އެންމެ ނުރައްކާތެރި އެއް އަނިޔާ އެވެ. ހޮސްޕިޓަލުން ފަރުވާ ދީގެން އޭނާ ގެޔަށް ގެނެސް އެނދު މަތި ކުރި އިރު، އެ އަނިޔާގެ ވޭން، އޭރު އުމުރުން ހަތަރު ފަސް އަހަރަށް ދާ ލުބާނާގެ ހިތަށް ވެސް ކުރި އެވެ. "ޑެޑީގެ ގާލް"ގެ ގޮތުގައި އަބަދުވެސް ފާހަގަވާ ލުބާނާ އަށް ކުރި އަސަރު ބޮޑެވެ. އޭނާ ފެށީ ރޯށެވެ. ބައްޕަ އަށް "ފައުލް ކުރި ކީޕަރު ދެކެ ރުޅި" ވެސް އައެވެ.

އެ ވާހަކަ ކިޔައިދޭން އުނދަގޫ ވިއަސް މިއަދު އެ ދުނިޔެ އަކަށް އޭނާ ނޭވާލާ ސްޕޯޓްސް ރިހިބިލިޓޭޝަންގެ ދުނިޔެ އަށް އޭނާ ގެންގޮސް ލައިދިނީ އެ ދުވަހު ބައްޕަ އަށް ކުރިމަތިވި އެ އަނިޔާ އެވެ.

ލުބާނާ (ވ) އޭނާގެ ބައްޕަ ޝާހް އިސްމާއީލް އާއެކު

ލުބާނާ (ވ) އޭނާގެ ބައްޕަ ޝާހް އިސްމާއީލް އާއެކު

އަނިޔާގެ ތެރެއިން ވެސް ބޮޑު ހިތްވަރަކާ އެކު ނުކުމެ ރާއްޖޭގެ ލެޖެންޑަކަށް ސާޔާ ވި އެވެ. ބައްޕަ ގެއަށް ގެނައި މެޑަލްތަކާއި ޓްރޮފީތަކާ މެދު އެންމެ ބޮޑަށް ފަހުރުވެރި ވި ދަރިޔަކީ ވެސް ލުބާނާ އެވެ. ބައްޕަ ޗެމްޕިއަނަކަށް ވީ ދަނޑުގެ ތެރެއިންނެވެ. ދިވެހި ކުޅިވަރުގެ ޗެމްޕިއަނަކަށް ލުބާނާވީ ވެފައި ވަނީ ދަނޑު ބޭރުގައި ހުރެ ދިވެހި ކުޅިވަރަށް އޭނާ ކޮށްދޭ ހިދުމަތުންނެވެ.

ސްކޫލްގައި އިންޓަ ހައުސްގައި ނެޓްބޯޅަ މުބާރާތުން ވަނަ ހޯދިޔަސް، ލުބާނާގެ ސިކުނޑީގެ ތެރޭގައި ހިނގަނީ އެތުލީޓަކަށް ވުމުގެ ވިސްނުމެއް ނޫނެވެ. އޭނާ ވިސްނީ ރާއްޖެ އަށް ޕްރޮފިޝަނަލް މީހުން އެންމެ ބޭނުންވެފައި އެއް ދާއިރާއިން ކުރިއަށް ދިއުމަށެވެ. އަދި އޭނާގެ ޕްރޮފެޝަން ސްޕޯޓްސް ކެރިއާ ގުޅުވުމަށެވެ. މޭޒެއްގެ ކައިރީގައި އިށީންދެގެން އިނދެ އަދާ ކުރާ ވަޒީފާއެއް އޭނާ ބޭނުމެއް ނުވި އެވެ.

"ކުޑައިރު ވެސް އަދި ހައި ސްކޫލް ނިންމިއިރު ވެސް ހިތަށް އެރި ޑެސްކު ޖޮބެއް ބޭނުމެއް ނެތޭ އެކްޓިވްކޮށް ވޯކު ކުރަން ޖެހޭ ޖޮބެކޭ ބޭނުން ވަނީ. އޭރުގައި އޭ ލެވަލް ނިންމާލިރު އެކުގައި އުޅުނު ރައްޓެހިން ވެސް ދިޔައީ ބަޔޯ މެޑިކަލް ދާއިރާއަށް،" ސްޕޯޓްސް ރިހެބިލިޓޭޝަން ދާއިރާ އަށް ވަދެވުނު ގޮތް ލުބާނާ ކިޔައިދިނެވެ.

"ދެން ބޮލުގައި އަބަދުވެސް އިނދޭ ބައްޕަ ކުޅޭތަން ފެނިފަ ހިތަށް އެރި ރާއްޖޭގެ ލެކްވާ ދާއިރާއެކޭ މީ. އޭ ލެވަލްގައި ސްރީލަންކާގައި ކިޔަވަމުން ދިޔައިރު ވެސް ހިތަށް އެރީ މީ ރާއްޖެ އަށް ވަރަށް މުހިންމު ދާއިރާއެކޭ ރާއްޖޭގެ އެތުލީޓުންގެ ކެރިއާ ލޯންޖެވިލިޓީ ބޮޑު ކުރަންށާއި އިންޖަރީ ރިސްކު ކުޑަކުރަން. ރާއްޖޭގެ ވަރަށް ކުޑަކުދިން ވެސް އިންޖަރީ ރިސްކު ވަރަށް ހައި. އެގޮތަށް ދެން އިންސްޕިރޭޝަން އައީ."

ލުބާނާ ކްލިނިކުގައި ހުރެ "މިހާރު" އަށް މައުލޫމާތު ދެނީ --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ލުބާނާ ކްލިނިކުގައި ހުރެ "މިހާރު" އަށް މައުލޫމާތު ދެނީ --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިނގިރޭސިވިލާތުގެ ލީޑުސް ޔުނިވަސިޓީން "ސްޕޯޓްސް އެންޑް އެކްސަސައިޒް އެންޑް ސައިންސް"ގެ ދާއިރާއިން ޑިގްރީ ހާސިލު ކުރިއަސް އެ ދާއިރާއިން ކިޔެވުން އޭނާ އަދިވެސް ހުއްޓައެއް ނުލަ އެވެ. މިހާރު ވެސް ކޮންމެ އަހަރަކު ވެސް އެ ދާއިރާއިން އެކެޑެމިކް ކޮންމެވެސް އެއް އޭންގަލަކުން އޭނާ ކިޔަވަ އެވެ.

"އެއީ ނޮލެޖު ފުޅާކުރަން. ނޫނީ ދެވޭ ސާވިސްތައް އިތުރަށް ފުރިހަމަ ކުރަން،" ލުބާނާ، 26، ބުންޏެވެ.

ރާއްޖޭގައި އެހާ ބޮޑު ކުރިއެރުމެއް ނުލިބޭނެ ކަމަށް ކުރިން ހީކުރެވުނު ދާއިރާއިން ޗެމްޕިއަނަކަށް ވާން، ލުބާނާ ފެއްޓި ރޭހުގައި ހުރި "އޮބްސްޓަކަލްސް"ތައް އޭނާ ގިރާ ކުރީ ކުރީ ހައި ޖަމްޕެއް ޖަހައިގެންނެވެ. އެ ޖަމްޕުގެ ވާހަކަ ގައުމީ ރެކޯޑެއްގެ ގޮތުގައި ލިސްޓު ނުކުރެވޭކަން އެކަންޏެވެ. ރާއްޖެ އަށް މެޑަލް ހޯދައިދޭން އެތުލީޓުންނާ އެކު އޭނާ އޭނާ ކުރި ދަތުރުގައި އެތުލީޓުން ކަރުގައި އަޅުވާލި ކޮންމެ މެޑައްޔެއްގައި ލުބާނާގެ ގުރުބާނީ އާއި ހިދުމަތް އޮންނާނެ އެވެ.

ލުބާނާ --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ލުބާނާ --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރާއްޖޭގެ އެތުލީޓުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިގު މުއްދަތެއް ވަންދެން އެއް ލެވަލްއަކަށް ޕާފޯމް ނުކުރެވުމެވެ. އެކަން އެހެން ދިމާވާނީ ވެސް ރިކަވަރީ އާއި ރިހިބިލިޓޭޝަނާ މެދު އެތުލީތުންގެ ހޭލުންތެރިންކަން ކުޑަ ވުމުންނެވެ. ނުވަތަ އެ ފަދަ ހިދުމަތްތަކަށް އެތުލީޓުންނަށް ވާސިލު ނުވެވޭތީ އެވެ.

"ރާއްޖޭގައި ވަރަށް ސްކިލްފުލް ޕްލޭއާސް އެބަތިބި އެކަމަކު ޕާފޯމަންސާ ހަމައަށް އައިސްފައި އެއްބައި ފަހަރު ޑިކްލައިން ވޭ. ޕާފޯމަންސް ލެވަލް މެއިންޓެއިން ކުރަން އެ ބޭފުޅުން ކުރައްވަން ޖެހޭ ވަރަކަށް މަސައްކަތެއް ނުކުރެވޭ. ކޮންމެވެސް އެއް އޭރިއާއަކުން އެ ލެކު ވަނީ، މިސާލަކަށް ނިއުޓްރިޝަން ނޫނިއްޔާމު ސްޕޯޓްސް ޕާފޯމަންސް ޓްރޭނިން. ސްކިލް ހުރުމާއި ޕާފޯމް ކުރުން އެއީ މުޅިން ތަފާތު ކަމެއް،" އޭނާ ފާހަގަކުރި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލު އައިޖީއެމްއެޗުގެ ފިޒިއޯ ޑިޕާޓްމެންޓަކީ ރާއްޖޭގެ ލޯކަލް މާހައުލުން ލުބާނާ އަށް އެންމެ ގިނަ ފިލާވަޅުކެއް ދަސްވި އެއް ތަނެވެ. އޭރު އޭނާ މަސައްކަތް ފެށިއިރު ރިކަވަރީ އާއި ރިހިބިލިޓޭޝަނާ މެދު ދިވެހިން އެހާ ފަރުވާތެރި ކަމެއް ނުބަހައްޓަ އެވެ. އާންމުންގެ އިތުރު ސްޕޯޓްސްމަނުންގެ ކިބައިގައި ވެސް އެ ހޭލުންތެރިކަމެއް ނެތެވެ.

އޭނާ ވެސް އިސްވެ ކުރި މަސައްކަތުން އެތުލީޓުންނަށާއި އާންމުންނަށް އެ ގެ މުހިންމުކަން ވިސްނައި ދިނުމުގައި ކާމިޔާބުތަކެއް ހޯދިއްޖެ އެވެ. ބަދަލުތަކެއް ވެސް ފެނިއްޖެ އެވެ. ހާއްސަކޮށް އެތުލީޓުންގެ ވިސްނުން އަނބުރާލެވުމަކީ ރާއްޖޭގެ ކުޅިވަރަށް ވެސް ރޭންކުގައި ކުރިއަށް ޖެހިލަން ހޯދުނު އާ ފުރުސަތެކެވެ.

"ރިކަވަރީ އާއި ރިހެބިލިޓޭޝަނަކީ ކިހާ މުހިންމު އެއްޗެއްކަން - އެ މައިންޑް ސެޓް ގެންގުޅުވާ ބޭފުޅުން އެބޯވް 30 ވިއަސް ވަރަށް އިންޖަރީ ރިސްކު ކުޑަކޮށް، އިންޖަރީ ފުރީކޮށް އުޅޭ އެތުލީޓުން ވެސް އެބައުޅޭ،" ލުބާނާ ކިޔައިދިނެވެ.

ލުބާނާ ޝާހް --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ލުބާނާ ޝާހް --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެ ޑިސިޕްލިން އެތުލީޓުންގެ ކިބައިގައި ހަރުލައްވައިފި ނަމަ އެ ކުޅުންތެރިޔެއްގެ ކެރިއާގާ ވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން ލުބާނާ ދެ އެވެ. ރިކަވަރީ އާއި ރިހިބިލިޓޭޝަނަކީ ކުޅިވަރުގެ މުހިން ބައެއް ކަމަށް ގަބޫލު ކޮށްގެން މެއިންޓެއިން ކުރާ ކަމަށް ވާނަމަ އޭގެ ބެލެންސް ފެންނާނެ އެވެ.

"އެގޮތަށް ކުރިއަށް ގެންދަންޏާމު ކެރިއާ ލޯންޖެވިލިޓީ ހިފެހެއްޓިގެން ދޭ،" ލުބާނާ ބުންޏެވެ.

ލުބާނާ ހުުރީ އެހެން އެތުލީޓުންނަށާއި އާންމުންނަށް ވެސް އެ މަގު ކޮށައިދޭން ތައްޔާރު ވެގެންނެވެ.